ޙައިޟުގެ ދުވަސްވަރު ޖިމާޢު ނުވުމަކީ ﷲ ގެ އަމުރުފުޅެއް! ލޯބިވާނަމަ ހެޔޮކޮށް ހިތައި ރަނގަޅު ކާނާ ކާންދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޙައިޟުގެ ދުވަސްވަރު ޖިމާޢު ނުވުމަކީ ﷲ ގެ އަމުރުފުޅެއް! ލޯބިވާނަމަ ހެޔޮކޮށް ހިތައި ރަނގަޅު ކާނާ ކާންދީ!

އަނބިންނާނައި އެކަނބަލުންގެ ޙައިޟުގެ ދުވަސްވަރު ކައިރިވެ ޖިމާޢު ނުވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ﷲ ތަޢާލާގެ އަމުރުފުޅުގައި އޮތީ އެފަދަ ކަމެއްގައި އެކަނބަލުންނާއި ކައިރި ނުވެ ދުރުހެލިވުމަށެވެ. ކައިރިވެއްޖެ ނަމަ ޖިމާޢު ވެވުމުގެ ބިރު ބޮޑެވެ. " އެކަނބަލުން ހިނައި ޠޯހިރުވެއްޖައުމަށްދާނދެން ތިއަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ!" އޮތުމުން މިބުނި ބަހަށް ދަލީލު ލިބިގެންދެއެވެ. 

"އަދި ޙައިޟާއިމެދު، ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިއަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢް ނުވާށެވެ!) އަދި އެކަނބަލުން ހިނައި ޠޯހިރުވެއްޖައުމަށްދާނދެން ތިއަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި ޠޯހިރުވެއްޖެނަމަ، ﷲ ތިއަބައިމީހުންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިއަބައިމީހުން ދާށެވެ! (އެބަހީ: ޖިމާޢްވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (ބަޤަރާ: 222) 

ސައިންސްވެރިންގެ ހޯދުންތަކުން މިއަދު އެނގޭ ގޮތުގައި ޙައިޟުގެ ދުވަސްވަރު ޖިމާޢުވުމަކީ އެޗްއައިވީ އާއި އެނޫން ވެސް ތަފާތު ބަލިތައް ގައިން ގައަށް އަރަން ފަސޭހަ ކަމެކެވެ. މީގެ އިތުރުން އަންހެން މީހާއަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ބައިވަރެވެ. އެއިގެ ތެރޭގައި ދަރިމައިވުމުގެ ނިޒާމަށް ގެއްލުން ލިބުން ވެސް ހިމެނެއެވެ. 

މީގެ އިތުރުން އިސްލާމް ދީން ނޫން އެހެން ދީންތަކަށް ބެލިނަމަވެސް އެދީންތަކުގެ އަޞްލު ފޮތުގައި ހައިޟުގެ ދުވަސްވަރު ޖިމާޢޫވުން ހުއްދައެއް ނޫނެވެ. ޒަމާނަށް ފެއްތުމަށްޓަކައި ބަދަލުތައް ގެނެސްފައިވީނަމަވެސް ކަމުގެ ޙަޤީޤަތް އޮތީ މިގޮތަށެވެ. 

ހަމައެކަނި އިންސާނިއްޔަތުކަމުގެ ވިސްނުމަކުން ވިސްނި ނަމަވެސް ޙައިޟުގެ ދުވަސްވަރު އަންހެން މީހާއަށް ތަކްލީފްތަކެއް ކުރިމަތިވެއެވެ. ވޭންތަކެއް އިޙްޞާޞްކުރަން ޖެހެއެވެ. ލޭ ފޭބުމުގެ ސަބަބުން ހަށިގަނޑު ބަލިކަށިވެއެވެ. އެފަދަ ޙާލުގައި ހުންނަ މީހަކަށް ބޭނުންވާނީ ޞިއްޙަތަށް އެންމެ ފައިދާކުރާނެ ގޮތެކެވެ. 

ވީމާ ޙައިޟުގެ ދުވަސްވަރު ފިރިން އެހީތެރިވެދޭންވީ އެމީހުންނަށް ރަނގަޅު ފައިދާހުރި ކާނާ ކާންދީ އެމީހުންގެ ޞީއްޙަތަށް ފައިދާކުރާނެ ކަންކަން ކުރުމަށެވެ. ހަމަ އެއާއިއެކު ހައިޟުގެ ދުވަސްވަރު އނބިމީހާގެ މަސައްކަތްތައް ލުއިކޮށްދީ އެހީތެރިވެދޭށެވެ! ވަރުބަލިފިލުވާނެ ވަގުތު ހޯދައިދޭށެވެ! ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ! އަނބިން ދެކެ ލޯބިވުމަކީ އެއީ އެވެ! 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން