ނިދުމުގެ ކުރިން މިކަންކަމަށް ވިސްނާނުލާނަމަ ކުރަންޖެހިދާނެ ހިތާމައެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ނިދުމުގެ ކުރިން މިކަންކަމަށް ވިސްނާނުލާނަމަ ކުރަންޖެހިދާނެ ހިތާމައެއްގެ ބޮޑުކަމާއެވެ!

ގިނަ ބައެއްގެ އުމުރު ހުސް މަރުވެގެން ކައްވަޅަށް ދަނީ ތައުބާވެ އަޅުކަން ކުރަން ފަށާ މާދަމާ ނައިހެވެ. ތައުބާވެ އަޅުކަން ކުރަން ފެށުމަށް ރަނގަޅު ވަގުތު ޖެހުނުކަމަށް ނުވެއެވެ. ޙަޔާތުގައި ހުރި ކުނިމިލަތައް ފިލުވާލައި ޠޯހިރުކޮށްލާނެ ވަގުތު ލިބުނުކަމަށް ނުވެއެވެ. ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވުމަށް މަސައްކަތް ފަށާ ދުވަސް އައިކަމަށް ނުވެއެވެ. 

 

ﷲ ތަޢާލާގެ އަމުރުފުލަށް ކިޔަމަންވެ މިބަޔާންކުރި ފަދަ އެއްވެސް ޢަމަލެއް ނުކުރި ނަމަވެސް ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައެވެ. އެކަންކަން ލިބިގަންނަން އެއްވެސް މާދަމައެއްގެ ވާހަކަވެސް ނުދައްކައެވެ. ކަމެއް ބޭނުންވާއިރަށް އޮންނަނީ ވަގުތުން ފުދެން ޖެހިފައެވެ. 

 

ނިކަން ވިސްނައިލަބަލާށެވެ! ފުރަތަމަ ބަޔާން މިކުރި ކަންކަން ނުކުރުމަށް ތިބާ ދައްކަމުން ގެންދާ ބަހަނާތައް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ހާލުގައިވެސް ތިބާ ބޭނުންވާ ކަންކަން ދުވަހުން ދުވަހަށް އެބަ ފުއްދަވައިދެއްވަވަތެވެ! ރިޒްޤް ދެއްވަވަތެވެ. ތަނަވަސްކަން ވެސް ދެއްވަވަތެވެ. މުދަލާއި އަނބިދަރިންވެސް ދެއްވަވަތެވެ!

 

ވީއިރު ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން ނިކަން ދެކެބަލާށެވެ! ހަމައެކަނި މިކަމަށް މިމޭރުމުން ވިސްނައިލި ނަމަވެސް އެއްވެސް މީހަކު ވަގުތުން ތައުބާ ނުވެ، ހެޔޮ އަމަލުތައް ކުރަން ނުފަށައި ހުރެދާނެ ހެއްޔެވެ؟ ﷲ ތަޢާލާއަށް ޝުކުރުވެރިނުވެ ފަސްޖެހިދާނެ ހެއްޔެވެ؟ 

 

މީސްތަކުންނޭވެ! ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށަން މާދަމާ ވެސް އެބައޮތް ކަމަސް ބުނެ ވިސްނައިދެނީ ޝައިޠާނާއެވެ. މާދަމާ ތިބާ ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީންކަން ދެވޭނެ އެއްވެސް އިންށާނަކު ނުހުންނާނެއެވެ. ވީމާ އެކަމުގެ ޔަޤީންކަން ތިބާއަށް އެދެނީ ޝައިޠާނާއެވެ. 

 

ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުން ލަސްކުރުމުގައި އެންމެ މިނިޓެއްވެސް ނަގައިނުލާށެވެ! މިހިނދުން މިހިނދަށް އެކަންކުރާށެވެ! ޝައިޠާނާގެ ވަސްވާސްތަކުން އަވަހަށް ސަލާމަތްވާށެވެ! އާޚިރަތް ލިބެން އޮތް މަގަކީ އެއީއެވެ.     

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން