ބައެއް މީހުންނަށް ދުވަހަކުވެސް އެމީހުންނަށް ޙާޞިލު ކުރެވިދާނެކަމަށް އުންމީދުވެސް ނުކުރާ އެތައް ކަންތައްތަކެއް ޙާޞިލުކުރެވިފައި އެބަހުއްޓެވެ. ކުއްލިއަކަށް މަތިވެރި ނިޢްމަތްތައް މިންވަރު ކުރެއްވެވުމުން ސިހުން ލިބޭ މީހުންވެސް ބައިވަރެވެ.
މިހެން މިދިމާވަނީ ކީއްވެގެންކަމާއިމެދު ވިސްނައިލަމުހެއްޔެވެ؟ މަދު މީހަކު ނޫނީ މިފަދަ ކަންކަމަށް ވިސްނައިވެސް ނުލައެވެ.
މި ބުނި ފަދަ ގޮތްތައް މެދުވެރިކުރައްވަވާ ދެ ސަބަބެއް އޮވެއެވެ. ފުރަތަމަ ސަބަބަކީ އެމީހާގެ ތަޤްވާވެރިކަމެވެ. ﷲ ތަޢާލާއަށް އިތުބާރުކުރުމެވެ. ޚާއްޞަކޮށް ކޮންމެ ފަދަ ޙާލަތެއް މެދުވެރިވި ނަމަވެސް ޝަކުވާ ނުކޮށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވާޢަޅުންނަށް ﷲ ތަޢާލާ ނިޢްމަތްތައް އޮއްސަވައިދެއްވަވާނެތެވެ. އެފަދަ މީހުންނަށްޓަކައި އުޑުން ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއަވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
މިބުނި ބަސްތަކަށް ދަލީލު ލިބިގެންދާ އާޔަތްތައް ކީރިތި ޤުރުއާނުގައި އެހުރީ ފެންނާށެވެ!
"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7)
މީސްތަކުންނޭވެ! ޝުކުރުވެރިވުމުގެ މާނައަކީ ހަމައެކަނި ދުލުން ޝުކުރުގެ ބަސް ބުނެލުމެއް ނޫނެވެ! އެއީ ޢަމަލުނަ ދައްކަންޖެހޭ ކަމެއްކަން ރަސޫލް (ޞޢވ) ވަނީ އަނގަވައި ދެއްވަވައިފައެވެ. އިސްވެ ގޮސްފައިވާހައި ފާފަތަކާއި ކުރެއްވެވެން ހުރި ފާފަތަކަށް ޢަފޫކޮށް ދެއްވެވުމުން ވެސް ރޭގަނޑުގެ އަވަހާރަފުޅު ނަންގަވާލައްވަވާފައި ދެފައިންޕުޅު ދުޅަފުޅުވަންދެން ނަމާދުކުރައްވަމުން ގެންދެވީ ހަމަ ޝުކުރުވެރިވެވަޑައިގަތުމަށްކަން ޙަދީޘްފުޅުން ސާބިތުވާތީއެވެ.
ވީމާ އަހަރެމެންނަށްވެސް އޮތީ ވެވުނު އެންމެ ގިނައަކުން ނަމާދުކޮށް ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. އެއިރުން އެމީހަކަށް ނިޢްމަތްތައް އޮހެމުންދާ ގޮތް އެމީހަކަށް ޚިޔާލުވެސް ނުކުރެވޭނެއެވެ. ވިސްނުމަށްވެސް ނުގެނެވޭހައި ގިނަ ގޮތްގޮތުން ނިޢުމަތްތައް އޮހެމުންދާނެއެވެ. އިން ޝާ ﷲ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން