އަހަރެމެންގެތެރެއިން ބައެއް މީހުންނަކީ ތަފާތު ވަރަށް ގިނަ ކުށްތައް ކުރާ މީހުންނެވެ. ނުވަތަ ކުރެވޭ މީހުންނެވެ. އެފަދަ މީހަކު އިޞްލާޙްކުރަން މަސައްކަތްކުރާނަމަ އޭނާ ކުރަމުން އަންނަ ހުރިހާ ކަންކަމުގެ ވާހަކަ އެއްފަހަރާ ނުދައްކާށެވެ.
ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ކޮންމެވެސް ހުއްޖަތެއް ބޭނުންކޮށްގެން އެނާ ލައްވައި ނަމާދުކުރުވަން މަސައްކަތްކުރުވުމެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ނަމާދު ވަގުތު ޖެހޭއިރު އެމީހަކާއިއެކުގައި ހުރެފައި ތިމާއާއިއެކު ނަމާދަށް ދިއުމަށް ދައުވަތު ދިނުމެވެ.
ފުރަތަމަކޮޅު ކުޑަކޮށް ޢުޒުރުވެސް ދައްކާނެއެވެ. ނަމަވެސް ދައުވަތު ދިނުމުގައި ސާބިތުވުމުން އޮޓޮމެޓިކުން ކަންކަން ފަހިވާން ފަށާނެއެވެ. ނަމާދުކުރުމުގެ އާދަ ހަރުލަން ފެށުމުން ދެން ހުރި މައްސަލަތަކުގެ ވާހަކަ މަދުމަދުން ދައްކަން ފަށާށެވެ. ކެތްތެރިކަމާއިއެކު އެކަމަށް މަސައްކަތް ފެށުމުން މަގު ފަހިވެގެންދާނެއެވެ.
އެންމެންގެ ވިސްނުން އެއްގޮތެއް ނުވާނެއެވެ. ބޯހަރުކަންވެސް އެއްވަރެއް ނުވާނެއެވެ! ވިމާ ކުޑަކޮށް ކެތްތެރިވެލަން ޖެހޭ ފަހަރުތައްވެސް އަންނާނެއެވެ. ގިނައިން އާދޭސްކުރަން ޖެހޭ ފަހަރުވެސް އަންނާނެއެވެ.
މީހުން އިޞްލާޙްކުރުމުގެ މަސައްކަތުގައި ވަރަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބައެއް މާހިރުން ބުނާ ގޮތުގައި ކުދިން ވެސް އިޞްލާޙްކުރަން ފަސޭހައީ ބާލިޣްވުމުގެ ކުރިންނެވެ. ބާލިޣްވުމުގެ ފަހުން އިޞްލާޙްކުރަން ކުރާ މަސައްކަތްތަކުގައި ދަތިތައް ކުރިމަތިވެއެވެ. ކުރަންޖެހޭ މަސައްކަތް ގިނަވެއެވެ.
މީހުން އިޞްލާޙްކުރަން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ބޭނުންވަނީ ކެތްތެރިކަމެވެ. އަދި ދުޢާ ކުރުމެވެ. މާޔޫސް ނުވެ މަސައްކަތް ކުރަމުން ދިއުމެވެ. އެކަމުގެ ބުރަކަން ދަނެގެން މަސައްކަތުގައިކުރިއަށް ދިއުމެވެ.
ދާދިފަހުން މިލިއަނަރެއްގެ ހުރި ހަމައެކަނި ފިރިހެން ކޮއްކޮ މަގުން ކައްސާލައިގެން ދިއުމުން އޭނާ އިޞްލާޙުކުރުމުގައި އެހީތެރިވެދީ އެކަމަށް މަސައްކަތްކުރި މީހަކަށް ހަދިޔާއަކަށް 3 މިލިއަން ޑޮލަރު ދިނެވެ. އޭނާ ދިން ޖަވާބު އެނގޭ ހެއްޔެވެ؟ "3 މިލިއަން ހިފައިގެން ގޮސް ބަހައްޓާނެ ތަނެއްވެސް ނެތެވެ. އަހަރެމެންގެ ޢާއިލާއަށް ދުވާލަކު 3 ޑޮލަރުން ފުދޭނެއެވެ. އެވަރު ކުރާ މަސައްކަތުންވެސް ލިބެއެވެ. ވީމާ އަހަރެންނަށް ހެޔޮ އެދޭނަމަ ތިއަ ބުނާ އަހަރެްނނަސް ދޭން އުޅޭ 3 މިލިއަން ޑޮލަރަށް މިސްކިތެއް އަޅައިދޭށެވެ. އެއިރުން އެ މިސްކިތުގައި އަހަރެން މީހުން އިޞްލާހްކުރަން މަސައްކަތްކުރާނަމެވެ."
މިލިއަނަރު އޭނާ އެދުނުފަދައިން މިސްކިތެއް އަޅައިދިނެވެ. އަދި އެއަށްފަހު މިސްކިތު ފަންޑެއް ހުޅުވައި 2 މިލިއަން ޑޮލަރު ޖަމާކޮށްދީ އެ ފައިސާ އިން މީހުން އިޞްލާޙްކުރުމުގެ މަސައްކަތް ފަށައިގަތުމަށާއި ދުވާލަކު 3 ޑޮލަރު ހޭދަ ކުރުމުގެ ބަދަލުގައި ދުވާލަކު 300 ޑޮލަރު ހޭދަކުރެވޭނެ ގޮތަށް މަހު އިނާޔަތެއް ހަމަޖައްސައިދިނެވެ.
ކޮންމެ ކޮންމެ މީހަކަށް ދުނިޔޭގައި މިފަދަ އިނާޔަތްތައް ނުލިބިދާނެއެވެ. ނަމަވެސް މީސްތަކުން އިޞްލާޙްކުރުމަށް ކލުރެވޭ މަސައްކަތަކީ އެންމެ ހެޔޮ މަސައްކަތެވެ. އާޚިރަތުގައި އެންމެ ފައިދާކުރާނެ މަސައްކަތެވެ. އެމަސައްކަތް ކުރާ މީހުންނަށް ﷲ ތަޢާލާ އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ.
ޢިބްރަތްތެރިވާހަކަ/ އިސްލާމީ ތިލަފަތުގެ ދަރުސަކުން