"ތެދުވެރި އަމާނާތްތެރި މުސްލިމް ވިޔަފާރިވެރިޔާ ޤިޔާމަތް ދުވަހު ވާހުށީ ނަބީބޭކަލުންނާއި ޞިއްދީޤުންނާއި، ޝަހީދުންނާއިއެކުގައި އެބައިމީހުންގެ ޖަމާޢަތުގައެވެ." މިއީ މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާން ކުރައްވާފައިވާ ޙަދީޘްފުޅެކެވެ.
މިނެކިރުމުގައި މަކަރުހަދާ މީހުންނަށް އޮތް ވަޢީދުގެ ބަސްފުޅު ވެސް ވަނީ ބަޔާން ކުރައްވައިފައެވެ.
"މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން ޔަޤީން ނުކުރަނީ ހެއްޔެވެ؟" (އަލް މުޠައްފިފީން: 1-5)
ނިޔަފާރީގައި މިނެކިރުމާއި އެހެން ކަންކަމުން މަކަރު ހެދި ނަމަވެސް އެއިގެ އަގު ފުރިހަމައަށް އަތުލައެވެ. އެންމެ ރުފިޔާއެއްވެސް ދޫކޮށެއް ނުލައެވެ.
"ވިޔަފާރިވެރިންގެ ތެރޭގައި ވިޔަފާރީގެ މުޢާމަލާތް ކުރުމުގައި ބަސް ހުތުރު، ޢަބަލު ނުބައި މީހުން ވެއެވެ." ރަސޫލް (ޞޢވ) މިފަދައިން ޙަދިޘްފުޅުކުރެއްވެވި އަޑު އިވުނު މީހަކު ދެންނެވި އޭ މާތް ﷲގެ ނަބިއްޔާއެވެ. މާތް ﷲ ވަނީ ވިޔަފާރި ހުއްދަ ކުރައްވަވާފައި ނޫންތޯއެވެ؟
އެހިނދު ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރެއްވެވިއެވެ. "އާނއެކެވެ! އެއީ ހުއްދަ ކަމެކެވެ! އެހެންނަމަވެސް އެމީހުން ވިޔަފާރިކުރުމުގައި ވަރަށް ގިނަ ފަހަރު ދޮގު ހަދައި، އެއިގެ މައްޗަށް ދޮގު ހުވާކޮށް، މަކަރާއި ހީލަތް ހެދުމުގެ ސަބަބުން ފާފަވެރިވަމުންދެއެވެ."
--މިއަދުގެ ޚުޠުބާއިން
ބައެއް ފަހަރު މުދަލުގެ އަގުން ޑިސްކައުންޓެއް ދޭން އެދުމުން ކުރިން ވިއްކީ މާ ބޮޑު އަގުގައި ކަމަށް ބުނެ ދޮގުހަދައެވެ. އަދި ހަމައަގަށްވުރެ ބޮޑު އަގު ޖަހައި ޑިސްކައުންޓް ދޭ ކަމަށް ދައްކަން ހަމައަގު ޖަހައެވެ. މިހިރީ ހައްތާވެސް ވިޔަފާރީގައި ހަދާ މަކަރުތަކެވެ. އޮޅުވައިލުންތަކެވެ. މިފަދަ ކޮންމެ ކަމެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ޔަޤީންކުރާށެވެ!