ދަރުހެއް ދެއްވަން އިންނަވަނިކޮށް އަވަހާރަވީ ޝައިޚް އަބޫ ޙައްޠާބްގެ ދޫފުޅުން އެންމެ ފަހުން ވިދާޅުވީ ޝަހާދަތް!

ކިޔުމަށް ހޭދަވާނީ 1މ 50ސ
ދަރުހެއް ދެއްވަން އިންނަވަނިކޮށް އަވަހާރަވީ ޝައިޚް އަބޫ ޙައްޠާބްގެ ދޫފުޅުން އެންމެ ފަހުން ވިދާޅުވީ ޝަހާދަތް!

ރީތި މަރަކުން މަރުވުމަކީ ހަމަކަށަވަރުން އަހަރެމެން އެންމެހާ މުސްލިމުންމެ އެދޭނެ ކަމެކެވެ. ފަހެ، ދުނިޔޭގެ މިވަގުތީ އުފާވެރިކަމަށްވުރެ އާޚިރަތުގައި ދާއިމީ އުފަލާއި އަރާމު ލިބުމަށް ނޭދޭނީ ކާކުހެއްޔެވެ؟

އެފަދަ ރީތި މަރަކުން އެތައްބަޔަކު މިދުނިޔެއިން ވަކިވަމުން އަންނައިރު، އިއްޔެވެސް މިވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ.

ފަލަސްތީނުގެ ޝައިޚެއް ކަމަށްވާ މަޙްމޫދް އަބްދުއްލަތީފް އަޙްމަދު އަބްދުލް ބާގް (އާއްމުކޮށް ކިޔާ ނަމުންނަމަ އަބޫ ޙައްޠާބް) އިއްޔެ އަވަހާރަވީ، ކުވެއިތުގައި އޮތް ކައިވެންޏެއްގައި ދަރުހެއް ދެއްވަން އިންނަވަނިކޮށެވެ.

އޭރު ޝައިޚް ވާހަކަދައްކަވަމުން ގެންދެވީ ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންދެކެ ލޯބިފުޅު ވެވަޑައިގަންނަވާކަން ހާމަކުރެއްވި ބައެއް ހާދިސާތައް ވިދާޅުވަމުން ގެންދަވަނިކޮށެވެ.

ނަމަވެސް ޝައިޚްގެ ދޫފުޅުން އެންމެފަހުން ވިދާޅުވި ބަސްފުޅަކީ لا إله إلا الله  އެވެ. (މައުނައީ " ﷲ މެނުވީ އިލާހަކު ނުވެއެވެ.")

އުމުރުފުޅުން 83 އަހަރު ފުރިފައިވާ އަބޫ ޙައްޠާބް އަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު ކިޔަވާ ވިދާޅުވި ޝައިޚެކެވެ. ކުވެއިތުގެ ޔުނިވާރސިޓީއަކުން އެމަނިކުފާނު އިސްލާމިކް ސްޓްޑީސް ކިޔަވާ ވިދާޅުވެ މާސްޓާރސް ޑިގްރީ ހާސިލް ކުރެއްވިއެވެ.

ޝައިޚް އަބޫ ޙައްޠާބް އަކީ މީހުންނަށް ވަރަށް ގިނައިން ޞަދަޤާތް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޝައިޚްގެ ދީލަތިކަމަށް ފަލަސްތީނާއި ކުވައިތުގެ ވަރަށް ގިނަ ރައްޔިތުން ވެސް ތަޢުރީފު ކޮށްފައިވެއެވެ.

ޝައިޚް އަބޫ ޚައްޠާބް އަކީ، އަރަބީންގެ މެދުގައި އެންމެ ފުރަތަމަ އުފެދުނު ޒަކާތް ކޮމެޓީއެއް ކަމަށްވާ އަލް-އުޘްމާން ޒަކާތު ކޮމެޓީގެ އެއް ފައުންޑަރ ވެސް މެއެވެ.

 

މާތް ﷲ އެ އެމަރްޙޫމްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި، އާމީން.

إِنَّا لِلَّهِ وَإِنَّ إِلَيْهِ رَاجِعُونَ‎

މިއަދު އޮންލައިން