
މިގޮތަށް މިދުޢާ ގެނައުމުން ބައެއް މީހުންނަށް އޮޅިވެސްދާނެއެވެ. މިއީ ނިދުމުގެ ކުރިން ކޮންމެ ރެއަކު ކިޔަން އޮތް ބަޤަރާ ބަޤަރާ ސޫރަތުގެ އެންމެ ފަހު 2 އާޔަތުގެ ތެރެއިން ފަހު އާޔަތުގައި ހިމެނޭ ދުޢާއެކެވެ. އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގައި ސީދާ ﷲ ތަޢާލާގެ ޢަރުޝިކޮޅުގެދަށުން ދެއްވެވި އަގުބޮޑު ޚަޒާނާގައި ހިމެނޭ ދުޢާއެކެވެ.
ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތަކީ ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު މެދުވެރިކުރެއްވެވުމެއް ނެތި، ސީދާ ރަސޫލް (ޞޢވ)އަށް، ޢަރުޝިކޮޅުގެދަށުން ދެއްވެވި އަގުބޮޑު ޚަޒާނާއެކެވެ.

ބައެއް ފާފަތައް ކުރެވެނީ އަހަރެމެންގެ ނަފްސުގެ ބަލިކަށިކަމުން ނަމަވެސް ޤަޞްދުގައެވެ. އަނެއްބައި ފާތައް ކުރެވެނީ ޤަޞްދެއް ނެތިއެވެ. މިދުޢާގައި އަހަރެމެން އެދި މިދަންނަވަނީ
"އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވެވުމަށެވެ! އަޅަމެންގެ ބަލިކަށިކަމުގެ މައްޗަށް ރަޙުމް ކުރައްވަވައި ޢަފޫކޮށް ދެއްވެވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން