ރާއްޖެއަކީ 100 އިންސައްތަ މުސްލިމު ޤައުމެކޭ ގިނަ ބަޔަކު ބުނާތީ އަޑުއަހަމެވެ. ނަމަވެސް މިއީ މިހާރު 100 އިންސައްތަ ތެދެއް ނޫންކަންވެސް ގިނަ ބަޔަކަށް އެނގެއެވެ.
މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢޥ) އެންގެވި ގޮތަށް ނުއުޅެވޭއިރު، އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން ވެސް މިއަންނަނީ ދުވަހުން ދުވަހަކަށް އިތުރުވެ، ފާޅުވަމުންނެވެ.
އެގޮތުން މިދުވަސްކޮޅު "ޔޫޓިއުބް" ގައި އަންހެނަކު ދަނީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ވީޑިއޯތައް ހަދަމުންނެވެ.
އޭނާގެ ނަމަކީ "އުފާ" ކަމަށް ބުނެ ޔޫޓިއުބްގައި އޭނާ ހިއްސާ ކުރަމުންދާ ވީޑިއޯތަކުގައި އިސްލާމްދީނަށް ވަރަށް ބޮޑަށް ހަޖޫޖަހާ ފުރައްސާރަ ކޮށްފައިވެއެވެ. އަދި މީގެ އިތުރުން ރާއްޖޭ ސަރުކާރުން ދިވެހިންނަށް "މުސްލިމްވުމަށް މަޖުބޫރު ކުރަމުން އަންނަ ކަމަށް" ވެސް އެއް ވީޑިއޯގައި ބުނެފައިވެއެވެ.
މީގެއިތުރުން ރާއްޖޭގެ ސްކޫލްތަކުގައި، "ޖިހާދު ކުރަން ދިޔުމަށް" ގޮވާލާ ދަރިވަރުންނަށް ނުބައިމަގު އުނގަންނައި ދެމުން އަންނަކަމަށް ވެސް ބުނެ، އޭނާ ދޮގުހަދާފައިވެއެވެ.
އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ހަދާފައިވާ އެވީޑިއޯތައް މިހާރު މީސްމީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ. ވަރަށް ވެސް ނުފަރިތަކޮށް ވާހަކަ ދައްކާފައި އެވާ ވީޑިއޯތަކުގައި، އޭނާ އިނީ މަސްތުގެ ޙާލަތުގައޭ ވެސް ހީވެއެވެ. އަދި އޭނާ ވާހަކަ ދައްކަނީ ކޮންމެވެސް ލިޔުމެއް ބަލައިގެންނޭ ވެސް ހީވެއެވެ.
ކޮންމެހެނަކަސް، އެވީޑިއޯތައް އަޑު އަހައިގެން ބޮލަށާއި ހިތައް ވެސް އުނދަގޫވުމުގެ ސަބަބުން، "މިއަދުނޫހުގެ" ކިޔުންތެރިންނަށް އެފަަދަ ވޭނެއް ނުޖައްސާނަމެވެ. (މާނައީ، މިލިޔުމާއެކު އެވީޑިއޯތައް ހިއްސާއެއް ނުކުރާނަމެވެ.)
ނަމަވެސް މުސްލިމެއްގެ ޙައިސިއްޔަތުން އުފާ އަށް ހިތުގެ އެންމެ އަޑިން ނަސޭޙަތެއް ދެމެވެ. އިސްލާމްދީނަކީ ކަމަނާ ތިސިފަކޮށްފައިވާ އުނދަގޫ ދީނެއް ނޫނެވެ. އިސްލާމްދީނަކީ ޙައްޤުވެގެންވާ ދީނެވެ. މުސްލިމުންނަކީ ސީދާވެގެންވާ ތެދުމަގު ލިބިގެންވާ ބައެކެވެ.
ދުނިޔެވީ އުފާތަކަށް ކަމަނާ ހެއްލި ގޮސް ހުސް ނުވާށެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. އެންމެ ބޮޑު ބުއްދިވެރިއަކީ އާޚިތައް ވިސްނާ، އާޚިރަތުގައި ހެޔޮ މަންފާ ލިބުމަށް މިބިމުގައި މަސައްކަތް ކުރާ މީހާއެވެ.
މިއަދު ކަމަނާ ތިފަދަ ބޮޑާކަމެއްގައި ވިޔަސް އިސްލާމްދީނަށް ތިގޮތަށް ހަޖޫ ޖަހާއިރު، ކަމަނާއަށް ދިރި ތިހުރެވެނީވެސް މާތް ﷲ ގެ އޯގާވަންތަކަމުންނެވެ. އެކަލާނގެ ކަމަނާއަށް ދެއްވަވާ ފުރުސަތެއްގެ ސަބަބުންނެވެ. ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، އަވަހަށް ޠަޢުބާވާށެވެ! މަރަކީ ކިހާގާތުގައިވާ އެއްޗެއް ކަމެއް އެކަކަށް ވެސް ބުނެދޭކަށް ނޭނގޭނެއެވެ.
މިދިޔަ އަހަރު ވެސް "އެމްޑީއެން" ކިޔުނު ޖަމާއަތަކުން ވަނީ އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައެވެ. އެޖަމިއްޔާއާއިމެދު ސަރުކާރުން ފިޔަވަޅު އަޅައި، އެމްޑީއެން އުވާލިއެވެ. އަޅުގަނޑުމެން ހުރިހާ މުސްލިމް ދިވެހި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގައި އެދެނީ "އުފާ" މިކުރާ ކަންކަންވެސް ހުއްޓުވާދެއްވާ، އޭނާއަށް ތެދުމަގު ވިސްނައިދީ ލަސްނުކޮށް މިކަންތަކާއިމެދު ފިޔަވަޅު އަޅައި ދިނުމަށެވެ.
ނޯށަށް އަރައިގެން، ކިތަންމެ ކޮށިކޮށް ވާހަކަ ދެއްކި ކަމުގައިވިޔަސް، އޭނާ އެއަންނަނީ މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާ (ޞޢޥ) އަށާއި އިސްލާމްދީންގެ އިތުރުން ދިވެހިރާއްޖެއަށް ވެސް ހަޖޫޖަހާ، ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންނެވެ.