"އަދި ހަމަކަށަވަރުން، އެ ޝައިޠާނާ ތިއަބައިމީހުންގެ ތެރެއިން ގިނަބައަކު މަގުފުރައްދައިފިއެވެ. ފަހެ، ވިސްނާ ބައަކުކަމުގައި ތިއަބައިމީހުން ނުވަމުހެއްޔެވެ؟
މިއީ ތިއަބައިމީހުންނަށް ވަޢުދު ކުރައްވާފައިވާ ނަރަކައެވެ.
ތިއަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިއަބައިމީހުން އެ ނަރަކައަށް ވަންނާށެވެ!
މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާއިމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ.
އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ލޯތައް ކަނުކުރައްވައިފީމުހެވެ. ފަހެ، އެއުރެން މަގުން ދިއުމަށް އަވަސްވެގަންނާނެތެވެ. ފަހެ (އެހިނދު) އެއުރެންނަށް ފެންނާނީ ކޮންފަދައަކުން ހެއްޔެވެ؟
އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން ތިބިތާ ތިއްބައި އެއުރެންގެ ސިފަ ބަދަލުކުރައްވައިފީމުހެވެ. ފަހެ (އެހިނދު) ކުރިއަށް ދިޔުމަކަށްވެސް އަދި ފަހަށް އެނބުރި އައުމަކަށްވެސް، އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ.
ތިމަންރަސްކަލާނގެ އެމީހެއްގެ ޢުމުރު ދިގުކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ ދައުރު ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟" (ޔާސީން 62-68)
މީސްތަކުންނޭވެ! ޔާސީން ސޫރަތަކީވެސް ގިނައިން ކިޔަވާ ސޫރަތެކެވެ. ހިތާމައަކީ މާނައަށް ނުވިސްނައި ކިޔެވޭ ކަމެވެ. މާނައަށް ވިސްނައިގެން ކިޔާނަމަ ހިތުގައި ބިރުވެރިކަން އުފެދި ނަރަކައިން ސަލާމަތްވާން މަސައްކތްކުރާނެއެވެ. މަގުފުރެދުމުން އެއްކިބާވާނެއެވެ.
ލޮލާއި ލޮލަށް ފެނުން ދެއްވެވީ ވެސް ހަމަ ﷲ ތަޢާލާއެވެ. ކަނުކުރައްވަވައިފި މީހެއްގެ ލޮލަށް ފެނުން ދެވުނީ ކޮން ޑޮކްޓަރަކަށް ހެއްޔެވެ؟ އެއީ ދުނިޔޭގެ ހުރިހާ ޑޮކްޓަރުން އެއްވި ނަމަވެސް ކުރެވޭނެ ކަމެއް ނޫނެވެ.
ހަމަ އެފަދައިން އަހަރެމެންނަށް ސިފަ ދެއްވެވީ ﷲ ތަޢާލާއެވެ. ހިލަގަނޑަކަށް ބަދަލުކުރެއްވެވުމަށްވެސް ކުޅަދުންވަންތައެވެ. އެފަދަ ގޮތެއް މެދުވެރިކުރައްވަވައިފިނަމަ ކުރެވޭނީ ކޮން ހަރަކާތެއް ހެއްޔެވެ؟ މިކަންކަމަކީ މާޒީގައި ނުހިނގާ ކަންކަމެއް ނޫނެވެ. ވީމާ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއިމެދު އެއްވެސް މިންވަރަކަށް ޝައްކުކުރުމެއް ނެތެވެ.
ބައެއް މީހުންގެ އުމުރު ވަރަށް ދިގުކުރައްވަވަތެވެ. އެހެނަސް އުމުރުގެ ބޮޑުބައެއް ނުކުޅެދޭ މީހެއްގެ ގޮތުގައި ތަންމަތީގައި ހޭދަކުރަން ޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިކަންކަމަށް ވިސްނައި ފިކުރުކުރާ މީހާ އަބަދުވެސް ހުންނާނީ ބިރުން ވިރިވިރިއެވެ. ﷲ ތަޢާލާގެ މަގުން ކަސިޔާރުވެދާނެ އެއްވެސް ޢަމަލެއް އެފަދަ މީހަކު ނުކުރާނެއެވެ.
ޝައިޠާނާގެ ބަހަށް ހެއްލި މަގުފުރެދުނު މީހުންނަށް ޤިޔާމަތް ދުވަހުން "މިއީ ތިއަބައިމީހުންނަށް ވަޢުދު ކުރައްވާފައިވާ ނަރަކައެވެ. ތިއަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިއަބައިމީހުން އެ ނަރަކައަށް ވަންނާށެވެ!" އަމުރުފުޅު ކުރެއްވެވުމުން ދެކޮޅު ހަދައި ނުވަދެ ހުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެންނުވާކަން ޔަޤީންކުރެވޭއިރު ޝައިޠާނާގެ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅަމުން ކުރިއަށް ތިއަދަނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތައާލާގެ އިންޒާރުފުޅުތަކަށް ބިރުވެތިވާށެވެ! ނަރަކައިން ސަލާމަތްވުމަށް ކުރެވެން އޮތް ކަމެއް ކުރަމުން ގެންދާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ވަނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން