ކަންކަން ހިންމަވައި ދެއްވެވުން ލަސްވެގެން ކަންބޮޑުވާއިރު ތިބާ ހުރީ ކަމަކަށް އެދެވޭ ހާލަތުގައިކަން ކަށަވަރުކުރިން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ކަންކަން ހިންމަވައި ދެއްވެވުން ލަސްވެގެން ކަންބޮޑުވާއިރު ތިބާ ހުރީ ކަމަކަށް އެދެވޭ ހާލަތުގައިކަން ކަށަވަރުކުރިން ހެއްޔެވެ؟

އަބަދުވެސް އެންމެ ގިނަ ބައަކު ކަންބޮޑުވެގެން އުޅޭތަން ފެންނަނީ އެމީހުންނަށް މުޞީބާތެއް ޖެހިގެން ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެންނެވެ. އެފަދަ މީހުންނަށް ފުރަތަމަވެސް ކުރަން ޖެހޭ ސުވާލަކީ މުޞީބާތް ކުރިމަތިވިއިރު ތިބާ ހުރީ ދުޢާ ކުރެވޭ ފެންވަރަށް ތައްޔާރުވެގެން ހެއްޔެވެ؟ 

ފާހަގަ މިކުރަނީ ގިނަ ބައަކަށް ﷲ ތަޢާލާގެ މަތިން ހަނދުމަވަނީ މުޞީބާތެއް ކުރިމަތިވުމުން ކަމެވެ. މުޞީބާތެއް ކުރިމަތިނުވާނަމަ އެންމެ ކުޑަމިނުން ތިމާއަކީ މުސްލިމެއްކަންވެސް ހަނދާނުގައި ހުންނަ ކަމަކަށް ނުވެއެވެ. ބަންގީގެ އަޑު ނުއިވޭ މީހުންނަކީ ތިމާމެންނަކީ މުސްލިމުންކަން ހަނދާން ހުންނަ ބައެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރާނަމެވެ. 

މީސްތަކުންނޭވެ! މަރަކީ އެންމެ ގާތުގައިވާ ކަންތައް ނަމަވެސް އެކަން އިހަށް ދުރުކޮށްލާފައި ހަމައެކަނި މިކަމަށް ވިސްނައިލަބަލާށެވެ. ދަތިކަމެއް، ބޮޑުކަމެއް، މުޞީބާތެއް ކުރިމަތިވާނީ ކޮން ދުވަހަކު އަދި ކޮން ވަގުތަކު ކަމެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެގަނެވޭނެ އެއްވެސް އީޖާދެއް ސައިންސްވެރިންނަށް އަދިވެސް ކުރެވިފައެއް ނުވެއެވެ. ނުވެސް ކުރެވޭނެއެވެ. އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ. 

ﷲ ތަޢާލާ އަނަގަވާފައި އޮތީ މަރަށްވެސް އަދި މުޞީބާތްތަކަށްވެސް އަބަދުވެސް ތައްޔާރުވެގެން ތިބުމަށެވެ. ވީމާ އަހަރެމެން ކުރަން ޖެހޭ ފުރަތަމަ ކަމަކީ އެއީއެވެ. އެކަން ނުކުރެވި ހުއްޓައި ކަންކަން ކުރިމަތިވުމުން ތެޅިފޮޅި ހެދުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ 

އެހެންކަމާއިއެކުވެސް މީސްތަކުން ޣާފިލުކަންމަތީގައި އެތައް އަހަރެއް ފާއިތުރުމަށްފަހު ކަންކަމުގައި އެދި ދެންނެވުމުން ހިންމަވައި ދެއްވަވާކަން އެއީވެސް ﷲ ތަޢާލާގެ އޯގާތެރިވަންތަކަން ކަމުގައި ޤަބޫލުކުރަން ފަސްޖެހޭ މީހާއަށް ވިސްނޭނީ ކޮން ރަނގަޅު ގޮތެއް ހެއްޔެވެ؟ އެފަދަ މީހުންނަށް ދުނިޔޭގައި ކިޔަނީ އަމިއްލަ އެދުމުން ފޯވެގެން ތިބި މީހުން ނޫން ހެއްޔެވެ؟ 

ނުކިޔަމަންތެރިންނާއި ކިޔަމަންތެރިން އެއީ އެއް މިންގަނޑަކުން ބެލޭނެ ބައެއް ނޫންކަން އަމިއްލަ ވިސްނުމުންވެސް އެނގެންޖެހޭނެއެވެ. ވީމާ ފުރަތަމަ ކަމަކަށް ތިމާއަކީ ކިޔަމަންތެރިއަކަށްވާށެވެ. 

މީސްތަކުންނޭވެ! ޣާފިލުކަމުގެ ނިދީން އަވަހަށް ހޭލާށެވެ! ދެންވެސް އަވަހަށް ތައުބާވާށެވެ! އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމަށް މަސައްކަތް ކުރަމުން ބޭނުންވާ ކަންކަމަށް އެދޭށެވެ! އެދޭ ކަންކަން ދާނީ ފަހިވަމުންނެވެ. އިން ޝާ ﷲ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން