މިދިއަ ހުކުރު ދުވަހުގެ ޚުޠުބާއަށް ބައްލަވާށެވެ. ﷲ ތައާލާގެ އިންތައް ފަހަނައަޅައި ދިއުމުން ނުރައްކައުތެރި ބަލިތައް ފެތުރޭނެ ކަމާއި އެއް ބައްޔަށް ފަރުވާއެއް ހޯދޭއިރު އިތުރު އައުބައްޔެއް ފެށިގެންދާނެ ކަމާއި އެބައެއްގެ ތެރޭގައި ނެތް ބަލިތައް އައިސް ފެތުރޭނެ ކަމާ ނެތިގެން ގޮސްފައިވާ ބަލިތައް އެނބުރި އަންނާނެކަމުގެ ވާހަކަތައް ނެތްތޯއެވެ/
އެކަންކަން ހިނގާނެ ސަބަބުކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ރާއްޖޭގައި ފުރިހަމަ ނުވަނީތޯއެވެ؟ ނުވިތާކަށް ޗުއްޓީ ހޭދަކުރަން ބެންކޮކަށްދާން ސްޓޭޓް މީޑިއާތަކުން އެގެންދަނީ މާތްވެގެންވާ ހުކުރު ދުވަހުގެ އެންމެ އަގުބޮޑުގަޑީގައި ހާމަކޮށް މީސްތަކުންނަށް އަންގައި އިޝްތިހާރުކުރަމުން ނޫންތޯއެވެ!
ބައަކު ޤަބޫލުކުރަން ބޭނުންވި ނަމަވެސް ނުވި ނަމަވެސް މުޅި މި ސަރަހައްދަށް ބެލި ނަމަވެސް ޚުޠުބާގައިވާ ގިނަ ކަންތައްތަކުން ރާއްޖެއަށް ރަން ވަނަތައް ލިބޭނެއެވެ. އެ ފާފައަކަށް އަރައިގަތުމުން ނުރައްކައުތެރި ބަލިތައް ފެތުރޭނެ ކަމަށް ޚުޠުބާގައި ބުނާ ބުނާ ފާފަތައް ވަނީ ޢާންމުވެފައެވެ.
އެންމެ ނުރައްކައުތެރިކަން ބޮޑީ މި ފަދަ ފާފަތައް ކުރުމަކީ ލިބެންޖެހޭ އަސާސީ ޙައްޤެއް ކަމަށް ރާއްޖޭގެ ބޮޑު ވަކާލާތު ކުރުމެވެ. މުންކަރާތްތަކަށް އަރައިގަތުމުގެ ތަޅުދަނޑި ނުވަތަ ބޮޑެތި ފާފަތަކުގެ މަންމަ ކަމުގައިވާ ބަނގުރަލާއި މަސްތުވާތަކެތި ހުއްޓުވަން ފުލުހުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފައުޅުގައި ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ.
ވެކްސިން ޖަހަން ޖެހޭ ކުދިންނަށް ވެކްސިން ޖެހުން އަވަސްކުރާށެވެ! ބަލި އެންމެންނަށް އަވަހަށް ފަރުވާކުރަން ފަށާށެވެ! ޝިފާ ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. ނަމަވެސް ވިސްނައިލަންވީ ކިތަންމެ ގިނަ ވެކްސިނެއް ޖެހިނަމަވެސް އަދި ކިތަންމެ މޮޅު ޑޮކްޓަރުން ކިތަންމެ މޮޅު ބޭހެއް ދިން ނަމަވެސް ޝިފާ ލިބުން ވަނީ ޝިފާގެ މިލްކުވެރި ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ. އެހެންކަމުން ސަބަބުގައި ހިފަހައްޓައިގެންފަރުވާކުރަމުން ޚުޠުބާގައި ބަޔާންކުރާ ކަންކަމަށް ވިސްނައި އަމަލުތައް އިޞްލާޙްކުރަން އެބަޖެހެއެވެ.
