މީހުންގެ އެހީތެރިކަމުން ލިބޭނީ ވަގުތީ ޙައްލެކެވެ. ދާއިމީ ޙައްލެއް ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ދުޢާކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މީހުންގެ އެހީތެރިކަމުން ލިބޭނީ ވަގުތީ ޙައްލެކެވެ. ދާއިމީ ޙައްލެއް ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ދުޢާކުރުން ގިނަކުރާށެވެ!

އެއްވެސް މައްސަލައެއް ޙައްލު ނުވެއްޖެ ނަމަ ނުވަތަ އެއްވެސް ކަމަކަށް ދަތިވެއްޖެ ނަމަ ފުރަތަމަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ގިނަ ބައެއްގެ ޖަވާބަކަށްވާނީ ހައްލުކޮށްދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުމެވެ. 

މިހެން ބުނި ނަމަވެސް މިހާރަކަށް އައިސް ކަމެއް ދިމާވުމުން ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް އެދުން މިދަނީ ގިނަވަމުންނެވެ. ދުޢާ ކުރުން ބަލަނީ އެހެން އެއްވެސް ގޮތެއް ނެތުމުން ކުރަން އޮންނަ ކަމެއްގެ ގޮތުގައެވެ. 

މިފަދަ މީހުންނަށް ބުނެލަން އޮތީ ކަންކަން ތިއަ ކުރެވެނީ ރަނގަޅަށް ނޫން ކަމެވެ. ފުރަތަމަވެސް އޮތީ ﷲ ތަޢާލާއަށް ދުޢާކުރުން ކަމެވެ. ޙައްލުކުރެވޭތޯ ކުރެވެންހުރި އެހެން މަސައްކަތްތައް ގެންނަން ޖެހޭނީ އެއިގެ ފަހަތުން ކަމެވެ.

އެއީ ކީއްވެގެންތޯ ނުވަތަ ފައިސާއަށް ދަތިވެގެން އުޅޭނަމަ މީހެއްގެ ގާތު ބުނުމުން އެކަން ކޮށްދީފިނަމަ މައްސަލަ ޙައްލުވާނެ ނޫންތޯ ސުވާލުކޮށްފާނެއެވެ. އެފަދައިން ވިސްނާ މީހުން ހިތްމައްޗަށް ގެންނަންވީ މިފަދައިންނެވެ. 

އެހީއަށް އެދި އެމީހެއްގެ ގާތަށް ދިއަ ނަމަވެސް އެމީހާ އެކަންކޮށްދޭނީ އެކަންކޮށްދޭ ހިތް ވެއްޖެ ނަމަ ކަމެވެ. ކޮށްދޭ ހިތް މިންވަރު ކުރައްވަވާ ފަރާތަކީ ﷲ ތަޢާލާއެވެ. ވީމާ އެކަމުންވެސް އެނގިގެންދަނީ ފުރަތަމަވެސް އޮތީ ދުޢާކުރުން ކަމެވެ. ސަބަބުގައި ހިފައިގެން މަސައްކަތްކުރުން ގެންނަން ޖެހޭނީ ދުޢާކުރުމުގެ ފަހަތަށް ކަމެވެ. 

ދުޢާކުރަން ފަސްޖެހޭ މީހާއަކީ އެންމެ ދަހިމީހާއެވެ. އެންމެ ނިކަމެތި މީހާއެވެ. އަދި އެންމެ ބޮޑު މޮޔަ މީހާ ވެސް މެއެވެ. އެހެނީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް އެދިވޮޑިގަންނަވާ ގޮތެވެ! ގިނަގިނައިން ދުިޢާކުރާ މީހުންނަށް ރަޙްމަތް އިތުރުކޮށްދެއްވަވަތެވެ. ވީމާ އެ ނިޢުމަތްތަކަށް ފަސްޖެހޭނީ މޮޔައިން ނޫން ހެއްޔެވެ؟ 

ކަންކަމަށް ބޭނުންވުމުން މީސްތަކުންގެ ކިބައިން އާދޭސްކުރުމުގެ ބަދަލުގައި އަމިއްލަކޮނޑުގައި ދަރު އުފުލުންވެސް މާ ރަނގަޅު ކަމަށް އޮތް ޙަދީޘްފުޅަށް ބަލާށެވެ! އަދި ތިމަން ﷲ އަށް ދުޢާ ކުރާށެވެ! ހިންމަވައި ދެއްވަވާނަމެވެ!" އޮތް ވަޙީ ބަސްފުޅަށްވެސް ބަލާށެވެ! އެއިރުން މިދެއްކި ވާހަކަކޮޅުގެ މަޤްޞަދު އެނގިގެންދާނެއެވެ. 

މީހެއްގެ އެހީތެރިކަމުން ލިބޭނީ ވަގުތީ ޙައްލެކެވެ. ދާއިމީ ޙައްލެއް ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން