މަރަދޫފޭދޫ ދަމަނަވެށިން ވަގަށްނެގި ރަސްމީ ތައްގަނޑެ ފަޅު ރަށަކުން ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 19ސ
މަރަދޫފޭދޫ ދަމަނަވެށިން ވަގަށްނެގި ރަސްމީ ތައްގަނޑެ ފަޅު ރަށަކުން ފެނިއްޖެ!

އައްޑޫސިޓީ މަރަދޫ ފޭދޫގައި ހުންނަ ދަމަނަވެށިން ވަގަށް ނަގާފައިވާ ތައްގަނޑުތަކުގެ ތެރެއިން އެ އޮފީހުގެ ރަސްމީ ތައްގަނޑު ފަޅުރަށަކުން ފެނިއްޖެއެވެ.

އެނގިފައިވާ ގޮތުގައި، އެތައްގަނޑު ފެނިފައިވަނީ ގދ. ނަޑެއްލާ ކައިރީގައި އޮންނަ މާފުށި ކިޔާ ފަޅުރަށެއްގެ އުތުރުފަރާތު ގޮނޑުދޮށުން ނަޑެއްލާ ކައުންސިލްގައި މަސައްކަތްކުރާ މީހަކަށެވެ. އެ ފަޅުރަށަކީ އެމީހާގެ ނަން މަތީގައި އޮންނަ ފަޅު ރަށެކެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ގދ. ނަޑެއްލާ ކައުންސިލްގެ ނައިބު ރައީސް ޝަހުމަދު އަޒީޒް ވިދާޅުވީ، ފަޅުރަށަކުން ފެނިފައިވަނީ އައްޑުސިޓީ މަރަދޫފޭދޫ ދަމަނަވެށީގެ ތައްގަނޑު ކަމަށާއި އެއީ ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑު ނޫން ކަމަށެވެ.

"ދަމަނަވެށީގެ ތައްގަނޑު ފެނިފައިވަނީ، ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑެއް ނޫން އެއީކީ. އެތައްގަނޑު މިހާރު ވާނީ ތިނަދޫ ހޮސްޕިޓަލަށް ހަވާލުކޮށްފަ. ހެލްތު މިނިސްޓްރީ އާއި ގުޅައިގެން އެކޮޅުން ދަމަނަވެށްޓާއި ތައްގަނޑު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ" ޝަހުމަދު ވިދާޅުވިއެވެ.

ތިނަދޫ ހޮސްޕިޓަލާއި ތައްގަނޑު ހަވާލުކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވެސް ނަޑެއްލާ ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.

ފުލުުހުންގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން ވަގަށް ނަގާފައިވަނީ ވެކްސިން ޖެހިކަން އަންގައިދިނުމަށް ބޭނުންކުރާ ތައްގަނޑަކާއި ރަސްމީ ލިޔެކިޔުންތަކެއް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫއެވެ.

މިއަދު އޮންލައިން