އެކުވެރިންގެ ސިއްރުތައް ހާމަކުރުމަކީ އެންމެ ބޮޑު ޚިޔާނާތް! ޤިޔާމަތް ދުވަހު ކުރިމަތިލާން ޖެހޭނެ ބިރު ހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އެކުވެރިންގެ ސިއްރުތައް ހާމަކުރުމަކީ އެންމެ ބޮޑު ޚިޔާނާތް! ޤިޔާމަތް ދުވަހު ކުރިމަތިލާން ޖެހޭނެ ބިރު ހުރި ކަމެއް!

އެންމެ ރަނގަޅު ގޮތަކީ ޙަޔާތުގެ ސިއްރުތައް އެއްވެސް މީހަކާއި ހިއްޞާ ނުކުރުމެވެ. ނަމަވެސް ވަރަށް ގިނަބައަކަށް އެކަން ކުރެވެއެވެ. އޮންނަ އެކުވެރިކަމާއި ގާތްކަން ބޮޑުވުމުގެ ސަބަބުން ކުރެވޭ އިތުބާރުގެ ބޮޑުކަމުންނެވެ. ފަހަރެއްގައި ކަމެއް ދިމާވެގެން ރުޅިވި ނަމަވެސް ސިއްރުތައް ބޭޒާރާނުކުރާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. 

ހިތާމައަކީ ކިތަންމެ ގާތްކޮށް، އެކުވެރިކަމާއިއެކުގައި އުޅެފައިވެސް ކިތަންމެ ކުޑަ ކަމެއް ދިމާވެގެން ނަމަވެސް ރުޅިވެއްޖެ ނަމަ ދެމީހުންގެ މެދުގައި ކުރެވުނު އިތުބާރު ފުނޑުފުނޑުކޮށްލާ ކަމެވެ. ހުރިހާ ސިއްރުތަކެއް ބޭޒާރުކޮށްލާ ކަމެވެ. 

އަހަރެން ޤަބޫލުކުރާ ގޮތުގައި މިއީ ކޯޓުތަކުގައި ރަޖިސްޓްރީކޮށްފައި ހުންނަ އެއްބަސްވުންތައް އުވައިލުމަސްވުރެވެސް މާ ނުބައިކަން ބޮޑު ކަމެކެވެ. އެހެނީ އެފަދަ އެއްބަސްވުމެއް އުވާލާނަމަ ބަދަލު ދިނުމުން މައްސަލަ ޙައްލުކުރެވޭނެއެވެ. ނަމަވެސް އެކުވެރިޔާގެ ސިއްރުތައް ބޭޒާރުކޮށްލާފައި އެކަމަށް ދެވޭނެ އެއްވެސް ބަދަލެއް ނުއޮންނާނެއެވެ! 

ހަމައެއާއިއެކު އެކުވެރިޔާ ގާތު ސިއްރުތައް ބުނެވިފައި ހުންނާނީ ބޭޒާރުނުކުރާނެ ކަމުގެ ވައުދާއިއެކުގައެވެ. ވީމާ އެ ވައުދު އުވާލައި ސިއްރު ބޭޒާރުކުރުމަކީ މުނާފިޤުންގެ ޢަލާމާތެކެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. 

ވަޢުދު އުވާލައި ސިއްރު ބޭޒާރުކުރުމަކީ ވެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ. އެއީ މަކަރާ ޙީލަތުގެ ޢަމަލެކެވެ. 

އަންނަނިވި އާޔަތަށް ވިސްނައިލާށެވެ! 

"އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗާއި، ވާހާކަމެއް ﷲ ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ ތިން މީހަކު ސިއްރު ސައްލާއެއް ކުރާހިނދު، އެއުރެންގެ ހަތަރުވަނައަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި ފަސްމީހަކު ސައްލާ ކުރާހިނދު، ހަވަނައަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި އެއަށްވުރެ މަދު، ނުވަތަ ގިނަ ޢަދަދަކަށް ކޮންމެ ތަނެއްގައި އެއުރެންވިޔަސް، އެއުރެންނާއެކު ﷲ ވޮޑިގެންނުވާ ތަނެއްނުވެއެވެ. ދެން އެއުރެން ކޮށްއުޅުނު ޢަމަލް ތަކުގެ ވާހަކައިން ޤިޔާމަތް ދުވަހުން އެއުރެންނަށް އެކަލާނގެ ޚަބަރު އަންގަވާނެތެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލް މުޖާދިލަ: 7)

މިއާޔަތުން އެނގި ކަށަވަރުވެގެންދަނީ އެވާހަކަތައް ދެއްކީ ދެ އެކުވެރިން އެކަނި ތިބެގެން ނަމަވެސް 3 ވަނަ ފަރާތެއްގެ ގޮތުގައި ﷲ ތަޢާލާ އެތަނުގައި ވޮޑިގެންވާ ކަމެވެ. ދެއްކި ވާހަކަތައް އައްސަވައި ވޮޑިގެންވާ ކަމެވެ. ވައުދަށް ޚިޔާނާތްތެރިވި މީހާ އެކަމުގެ ރަހަ ޤިޔާމަތް ދުވަހު ދެކޭނެ ކަމެވެ. 

މީސްތަކުންނޭވެ! މިފަދަ ކަންކަމަށް ވިސްނައި ބިރުވެތިވާށެވެ! އަންނަ ރުޅިއަކާއިއެކު އާޚިރަތް ނަގައި ނުލާށެވެ! ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި ނިކަމެތިކަން ލިބިނުގަންނާށެވެ! މިފަދަ ޢާޔަތްތައް ވަނީ އިންޒާރުގެ ގޮތުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން