ކޮންމެ ރަސޫލް ބޭކަލަކަށްވެސް ﷲ ތަޢާލާ ވަނީ މުޢްޖިޒާތްތަކެއް މިންވަރު ކުރައްވަވައިފައެވެ. އެއީ އެ މުޢްޖިޒާތްތަކުގެ ސަބަބުން މީސްތަކުން ﷲ ތަޢާލާއަށް ބިރުވެތިވެ އީމާންވުމަށެވެ. އެ މުޢްޖިޒާތްތަކުގެ ސަބަބުން މީސްތަކުންނަށް ﷲ ތައާލާގެ އެއްކައުވަންތަކަމާއި އުޅަދުންވަންތަކަމުގެ ހެކިތައް ދެއްކެވުމަށެވެ.
ރަސޫލް (ޞޢވ) ފިޔަވައި އެހެން ހުރިހާ ރަސޫލްބޭކަލުންނަށް ދެއްވެވި މުޢްޖިޒާތްތައް ވަނީ އެބޭކަލުންނާއި ހަމައިން ނިމިގެން ގޮސްފައެވެ. ކީރިތި ޤުރްއާން ފިޔަވައި ދެން ބާވައިލެއްވެވި 3 ފޮތް ވަނީ މީސްތަކުން އެމީހުން ބޭނުންވާ ގޮތަށް ބަދަލުކޮށް ކަރާމާތް ނަގާލައިފައެވެ. ބަދަލު ނުކުރެވި އޮތީ އަދި ނުވެސް ކުރެވޭނެ ފޮތަކީ ރަސޫލް (ޞޢވ) އަސް ބާވައިލެއްވެވި ކީރިތި ޤުރްއާނެވެ. އެފޮތަކީ ދުނިޔެ އޮތްހައި ދުވަހަކަށް ދިރި ދެމިއޮންނާނެ އެންމެ ބޮޑު މުޢްޖިޒާތެވެ.
އެފޮތަށް އެފަދަ މަތިވެރި ދަރަޖައެއް ދެއްވަވާފައިވުމުގެ ބޭނުން ހިފުމަކީ މުސްލިމުން ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ އެ ފޮތުގެ ސަބަބުން ޤިޔާމަތް ދުވަހު އެންމެ ބޮޑު (އެންމެ މީހުން ގިނަ) އުންމަތަކީ ތިމަންކަލޭގެފާނުގެ އުންމަތްކަމުގައި ވެގެން ދިއުމަށް އުންމީދު ކުރައްވަވާ ކަމަށެވެ.
ސުވާލަކީ ރަސޫލް (ޞޢވ)ގެ އެ އުންމީދުފުޅު ކާމިޔާބުކުރެވޭތޯ އެމީހަކަށް ކުރެވުނީ ކޮންކަމެއްތޯއެވެ؟ އެންމެ މީހަކަށްވެސް އިސްލާމް ދީނަށް ދަޢުވަތު ދެވިއްޖެތޯއެވެ؟ ކީރިތި ޤުރްއާނުގެ އެންމެ ޢާޔަތެއް ނަމަވެސް މީހަކަށް ފޯރުކޮށްދެވިއްޖެތޯއެވެ؟
މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ރިވެތި ގޮތުގައި ކުރަން މަސައްކަތްކުރަން ޖެހިފައިވާ ކަމެކެވެ. ވީމާ ހަމަ ކޮންމެ މީހަކުވެސް މި ޙަދީޘްފުޅާއިމެދު ވިސްނައިލާށެވެ!
Nabi ﷺ said
Every Prophet was given miracles because of which people believed but what I've been given, is Divine Inspiration (Quran) which Allah has revealed to me. I hope that my followers will outnumber the followers of the other Prophets on the Day of Resurrection
Bukhari 4981
- އިސްލާމީ ތިލަފަތުގެ ދަރުސަކުން