ހެނދުނު މުސްލިމުންގެ ގޮތުގައި ތިބޭ މީހުން ހަވީރުވާއިރު ދީނުން ބޭރުވުމާއި އިރުއޮއްސޭއިރު މުސްލިމުންގެ ގޮތުގައި ތިބޭ މީހުން އިރުއަރާއިރު ދީނުން ބޭރުވެދާނެ ކަމަށް އޮތް ބަސްފުޅުގެ ތެދުކަން މިއަދު މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ.
އަދި ކީއްހެއްޔެވެ؟ ލިބިދާނެ ކުޑަކުޑަ މުސާރައަކަށް ނުވަތަ ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ދީން ދޫކުރާ މީހުންވެސް މިދަނީ ފެންނަމުންނެވެ. މިފަދަ އެއްވެސް މީހެއްގެ ކުރިމަތީގައި ދީނަކީ އޮތް އެއްޗަކަށްވެސް ނުވެއެވެ. ބައެއް މަސްމަސް ކުލަ ބަދަލުކޮށްލާ އުޞޫލުން، ލާ ހެދުން ބަދަލުކޮސްލާ އުޞޫލުން އެގެންދަނީ ދީން ބަދަލުކުރަމުންނެވެ.
އާޚިރަތް ދުވަސް އަންނާނެކަން އެނގޭއިރުވެސް އެކަމަށް އެއްވެސް ބިރުވެތިކަމެއް ނެތިއެވެ. އެކަމަށް ފަރުވާލެއް ނެތިއެވެ. މިއީ އަންނާނެކަން އެނގެން އޮތް ޒަމާނެކެވެ. ވީމާ ކަންބޮޑުވާންވީ ޒަމާން އައިސްގެނެއް ނޫނެވެ. ކަންބޮޑުވާންވީ ތިމާގެ ސާބިތުކަމާއިމެދުގައެވެ. ތިމާގެ ސާބިތުކަން ގެއްލިދާނެ ކަމާއިމެދުގައެވެ.
ވީމާ ގިނަގިނައިން ކުރަންވީ މިފަދަ ދުޢާތަކެވެ.
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވަވާނދޭވެ! އަދި، ކާފިރުވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވަވާނދޭވެ!" (ބަޤަރާ: 250)
މުސްލިމުން ދީނުން ބޭރުކުރަން މިއަދު މަސައްކަތް އެކުރަނީ ފަރުދީ ފެންވަރުގައެއް ނޫނެވެ. ބޮޑެތި ޤައުމުތަކުންނެވެ. ބޮޑެތި ޖަމާޢަތްތަކުންނެވެ. ވީމާ މުސްލިމުންނަށް އޮތީ ސާބިތުކަން ދެއްވެވުން އެދިގެންނާއި ކާފިރުންގެ މައްޗަށް ނަޞްރު ދެއްވެވުން އެދި މިފަދަ ދުޢާތައް ކުރުން ގިނަކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން