ތަނަވަސްކަމާއި ބާރު ލިބުމުން މީހުންގެ ބިންތައް ހޯދުނު ގޮތަކަށް ހޯދައިގެން ނަމަވެސް، ޖަހައިގަނެގެން ނަމަވެސް ބޮޑެތި ގެތައް އެޅޭތޯ މީހުން ހަމަ ތެޅިފޮޅެނީއެވެ. ފައިސާ ހޯދުނު ގޮތަކަށް ހޯދައިގެން ނަމަވެސް ބަލަމުން ގެންދަނީ އެކަކަށްވުރެ އަނެކެއްގެ ގެ އުސްކުރެވޭތޯއެވެ! ފުރިހަމަކުރެވޭތޯއެވެ!
މިކަމުގައި މަސްއޫލްވެ ޣާފިލުވެގެން އުޅޭ މީހުންނަށް ވެސް އެމީހުން މަރުވާނެކަން ޔަޤީންވާނެއެވެ. ނުއެނގޭނީ މަރުވާނެ ދުވަހާއި ވަގުތެވެ. ދެން އެމީހުންނަށް ނުވިސްނޭ ކަމަކީ މަރުވުމުން ލިބޭނެ ކައްވަޅުގެ ސައިޒު ހަމަ ގެދޮރު ނެތިގެން މަގުމަތީގައި ނިދާ މީހުންނާއިވެސް ވާނީ ހަމަ އެއްވަރުކަމެވެ.
އެންމެފަހުން ފަސްދާނު ލެވުނު ސައުދީ ރަސްގެފާނު، ޢަބްދުﷲ ރަސްގާނު ފަސްދާނުލުމުގެ ޖަނާޒާގައި މުޅި ދުނިޔެ ބައިވެރިވިއެވެ. މިހެން މިބުނީ ބައިވެރިވި ޤައުމުތައް ގިނަކަމުންނެވެ. މަންދޫބުން ގިނަކަމުންނެވެ. ބުނަން މިއުޅޭ ވާހަކައަކީ މުޅިދުނިޔޭގެ ބައިވެރިވުމާއިއެކު ބޭއްވި އެ ބޮޑު ޖަނާޒާގައިވެސް އަވަހާރަވި ޢަބްދުﷲ ރަސްގެފާނު ފަސްދާނު ލެވުނީ ހަމަ އެންމެ ނިކަމެތި މީހާވެސް ވަޅުލެވިގެންދާނެ ޖާގައިގައި ކަމެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ ނިޢްމަތްތައް ދެއްވެވުމުން ގެދޮރުވެސް އަޅާށެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަކީ އެމީހެއްގެ ދާއިމީ ގޯތީގެ ސައިޒެވެ. އެއީ ކައްވަޅުގެ ސައިޒެވެ.
ނިކަން ބުނެބަލާށެވެ! އެންމެ އުސް އިމާރާތް އެޅުމުގައި އެންމެ ވާދަކުރަނީ ޔޫއޭއީ އާއި ސައުދިޢަރަބިޔާ ކަމަށްވާއިރު މިއިން އެއްވެސް ރަސްކަލެއް ނުވަތަ ޕްރިންސެއް އަވަހާރަވުމުން ފަސްދާނު ލެވޭނީ ބިނާކުރެއްވި އެ އުސް ޓަވަރުގެ އެންމެ މަތީގައި ބަހައްޓާ ޤުއްބެއްގައި ހެއްޔެވެ؟ ރަނާއި ޖަވާހިރުން އަތްކަންކޮށްގެން ހަދާފައިވާ ޤުއްބެއްގައި ފަސްދާނު ލެވުނު ނަމަވެސް ހަމައެހެން މީހުން ފަދައިން ކައްވަޅުގެ ސުވާލުތަކާއި ކުރިމަތިނުލައި ނިންމައިލެވޭނެ ހެއްޔެވެ.
އެ ނުލަފާ ފިރިއަޢުނުގެ ހަށިގަނޑު އަދިވެސް އެ އޮތީ ވަޅުނުލެވިއެވެ. އެހެން ނަމަވެސް ﷲ ތަޢާލާ އެގެންދަވަނީ ކޮންމެ ދުވަހަކު ދެއިރު ނަރަކައިގެ ޢަޒާބުން އޭނާއަށް ޢަޛާބު ދެއްވަވަމުންނެވެ.
"އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދޤިޔާމަތުގެ ވަގުތު އަންނަދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ.) ފިރުއަޢުނުގެ މީހުން އެންމެގަދަފަދަވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ!" (ޣާފިރު: 46)
މިހިރަ މިހިރަ ކަންކަން އަރެމްނެގެ ލޯތަކަށް ދައްކަވައި އަދި ޤުރްއާނުގައި ވަޙީ ބަސްފުޅުތައް ހުރިއިރުވެސް ބިމާއިގެން މީހުންތެޅިފޮޅޭވަރު ނިކަން ދެކިބަލާށެވެ! ބުރިބުރިތަކަށް ގެދޮރު ނުއުފުއްލިގެން އެއުޅޭ ގޮތް ނިކަން ދެކިބަލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން