ﷲ ތަޢާލާ ނިޢްމަތްތައް ދެއްވެވުމުން ބައެއް މީހުން އެމީހުން ކުރިނަ ކުރަމުން އައި ބައެއް އަޅުކަން ކުރުން ހުއްޓައިލައެވެ. އަޅުކަމާއި ދުރުވެއެވެ. ކުރާ އަޅުކަން ނުވަތަ އަޅުކަން ކުރުން މަދުކުރެއެވެ. މިއީ އެއްގޮތަކަސްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
އެހެނީ ތއެމީހަކަށް އެ ނިޢްމަތްތައް އެދެއްވެވީ އެމީހަކު ކުރަމުން އައި ކޮން އަޅުކަމެއް ނުވަތަ ހެޔޮ ޢަމަލަކާއި ގުޅިގެން ކަމެއް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. ވީމާ ތިމާއަށް ހުއްޓައިލެވުނީ ތިމާއަށް އެންމެ ބޮޑަށް ފައިދާކުރި ހެޔޮ ޢަމަލުކަމުގައި ވެއްޖެ ނަމަ އެކުރެވުނީ ކިހައި ދެރަކަމެއް ހެއްޔެވެ؟
ވީމާ ﷲ ތަޢާލާ އެއްވެސް ނިޢްމަތެއް ދެއްވަވައިފިނަމަ ޝުކުރުވެރިވުމުގެ ގޮތުންވެސް ކުރަން އޮތް ކަމަކީ އަޅުކަންކުރުން ގިނަކުރުމެވެ. މަދުކުރުމެއް ނޫނެވެ! އަބަދުވެސް ވިސްނަންވީ ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮސް ދެއްވަވާނެ ކަމަށް އޮތް އާޔަތަށެވެ.
"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިއަަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7)