މީޒާނުގަ އެންމެ ބަރީ ރިވެތި އަޚްލާޤް ކަމަށްވާއިރު އަޚްލާޤް ރިވެތިކޮށް އަނބިދަރިންނަށް ހެޔޮކޮށް ނުހިތާ މީހާގެ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
މީޒާނުގަ އެންމެ ބަރީ ރިވެތި އަޚްލާޤް ކަމަށްވާއިރު އަޚްލާޤް ރިވެތިކޮށް އަނބިދަރިންނަށް ހެޔޮކޮށް ނުހިތާ މީހާގެ ޙާލަކީ ކޮބާ؟

ޢަމަލުތަކުގެ ތެރެއިން މީޒާނުގައި އެންމެ ބުރަކަން ބޮޑުވެގެންވަނީ ރިވެތި އަޚްލާޤްކަން ހަދީޘްފުޅުން އެނގެން އޮތް އިރު އަޚްލާޤް ރިވެތިކޮށް އަނބިދަރިންނަށް ހެޔޮކޮށް ނުހިތާ މީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ މިހިރީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލަން ޖެހޭނެ ކަންކަމެވެ.  

މިޙަދީޘްފުޅަށް ބެލުމުން މިބުނި ބަސް ޔަޤީން ކުރެވޭނެއެވެ! 

Abu Darda reported: The Prophet, peace and blessings be upon him, said, 

 “Nothing is heavier upon the scale of the believer on the Day of Resurrection than good character. Verily, Allah hates the vulgar, obscene person.”

Source: Sunan al-Tirmidhī 2002

Grade: Sahih (authentic) according to Al-Arna’ut 

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ގިނަގިނައިން އަޅުކަން ކުރީމާ ހުރިހާ ކަމެއް ފުރިހަމަވީ ކަމަށެވެ. ތިމާއަކީ ހުރިހާ ކަމެއް ފުރިހަމަވެފައި ހުރި މުސްލިމެއް ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ޙާލެއްގައި ރަނގަޅު ވިސްނުމެއް ނޫނެވެ. 

އިސްލާމް ދީން ފެށިގެން މިއަންނަނީ ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ރަސޫލް (ޞޢވ)ގެ ރަސޫލްކަން ޤަބޫލުކުރުމާއި ހަމައިންނެވެ. ދެން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހެނީ ނަމާދެވެ. ތިމާގެ ކިބައި އަޚްލާޤް ނެތި ނަމާދުވެސް ފުރިހަމައަށް ނުކުރެވޭނެއެވެ. އެހެނީ މިސްކިތުގައި ހުންނައިރުވެސް އެމީހެއްގެ ކިބައިން ރިވެތި އަޚްލާޤް ފެންނަން ޖެހޭތީ އެވެ. ޚާއްޞަކޮށް ނަމާދަށް ސަފުގައި ހުންނައިރު އެކަމަށް އަދި މާބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެއްވެސް މީހަކަށް ތިމާގެ ކިބައިން އުނދަގުލެއް ފޯރާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެކަން އެގޮތަށް ކުރެވޭނީ އެމީހާގެ ކިބައިގައި ރިވެތި އަޚްލާޤް ހުރެގެންނެވެ. 

ހަމަ އެޢާއިއެކު ފުރިހަމަ މުސްލިމަކަށް ވެވޭނީ ޢާއިލީ ދިރިއުޅުމުގައިވެސް ރިވެތި އަޚްލާޤީ ސިފަތަކަށް އަމަލުކޮށްގެންނެވެ. އަނބިދަރިންނަށް ހެޔޮކޮށް ހިތުމަކީ، އަޅައިލުމާއި އޯގާތެރިކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. ދޮގު ނުބުނުމާއި އޮޅުވައި ނުލުމާއި ބަސްމަގު ރިވެތި ކުރުމާއި މަޑުމައިތިރި ކަމާއިއެކު މުޢާމަލާތު ކުރުމަކީ ވެސް ކޮންމެހެން އަމަލުކުރަން ޖެހޭ ސިފަތަކެވެ. ހަމައެކަނި އަނބި ދަރިންނަކަށް ނޫނެވެ. މައިން ބަފައިންނަށްވެސް މެއެވެ. މި ސިފަތައް ފުރިހަމަ ނުކޮށް ތިމާއަކީ ފުރިހަމަ މުސްލިމެއް ކަމަށް ބުނަން ލަދުގަންނަން ޖެހޭނެއެވެ. 

ދަލީލަކީ ކޮބައިތޯ ސުވާލުކުރާނަމަ ދަލީލުވެސް ވަރަށް ސާފެވެ! އަހަރެމެން މުސްލިމުން ކޮންމެ ކަމެއްގައިވެސް ނަމޫނާއަކަށް ބަލަން ޖެހެނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)އެވެ. ވަކިކަމެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައެވެ. އެހެންކަމަށްވާއިރު ރަސޫލް (ޞޢވ)ގެ އެންމެ ޚާއްޞަ ސިފަފުޅަކީ އިތުރުއެކަލޭގެފާނުގެ ރިވެތި އަޚްލާޤެވެ. މީސްތަކުންނާއިމެދު އަމަލުފުޅުތައް ބެހެއްޓެވި ގޮތެވެ. އަނބިއަނބިކަނބަލުންނާއި ޢާއިލާގެ ބޭފުޅުންނާއިމެދު އަމަލުފުޅު ކުރެއްވެވި ގޮތެވެ. އަދި ކީއްހެއްޔެވެ. އިތުރު އެކަލޭގެފާނަށް އަދާވާތްތެރިވެ ހަސަދަލއިގެން އުޅުނު މީހުންނަށްވެސް މެއެވެ. 

ބައެއް މީހުން މިއިން އެއްވެސް ކަމަކާއިމެދު ނުވެސް ވިސްނައެވެ. ޖީބުތައް ފުރެންދެން އަޅާނެ ފައިސާ ލިބި ބޭނުންހައި ޚަރަދެއް ކުރެވުމުން ހީވެފައި އޮންނަނީ ހުރިހާ ކަމެއް ފުރިހަމަވީ ކަމަށެވެ. ބޭނުންހައި ވަރަކަށް ޢާއިލާޢަށް ޚަރަދުކޮށް ދިނީމާ ޢާއިލާގެ އެންމެން ތިބޭނީ ވަރަށް އުފަލުން ކަމަށެވެ. ނޫން! ނޫން! އެކަން އެހެނެއް ނުވާނެއެވެ! ކިތަންމެ ގިނަ ފައިސާތަކެއް ޚަރަދުކުރި ނަމަވެސް އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤް ނެތް މީހަކަށް އެއްވެސް މީހެއްގެ ހިތުގެ ލޯތްބެއް ނުހޯދޭނެއެވެ. ނުލިބޭނެއެވެ. އަނބިދަރިންގެ ކިބައިން ނަމަވެސްއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން