ކަނޑުހުޅުދޫގައި މީހަކު ކުޑަކުދިންނާއި ބެހި ޖަރީމާ ހިންގާ ކަމުގެ ވާހަކަތައް ރައްޔިތުން ދައްކަމުން ގެނދިއައިރު އެކަމާއިމެދު އެއްވެސް ވަރަކަށް އަޅައިވެސް ނުލައި ރަށުގެ ކައުންސިލް އޮތީ ނިދާފައިކަން ފާހަގަކޮށް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
"ކަނޑުހުޅުދޫ ކައުންސިލުގެ ބޭފުޅުންނަށް އެރަށުގައި މިހައި ބޮޑު ޖަރީމާއެއް ހިނަގާކަން ތުންތުންމަތިން އެނގޭ ހާލު، އެކަމަށް ފިޔަވަޅު ނުއަޅައި ތިބުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް! ރަސްމީކޮށް ހުށަ ނޭޅި ނަމަވެސް ވެރިންނަކީ އަމިއްލައަށް ފެނިގެންވެސް ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ޖެހޭ ބައެއް!" – ޝައިޚް ޢަލީ ޒައިދު
"އެބުނާ މުނިކާފަގެ ކޭސް ކޯޓުގައި ހިނގަމުންދިއައިރު ނޭނގޭނެތޯ؟ އެތައް ކުދިންނަކަށް ބެހެން ތުން މެތާދޭން އުޅޭ ވާހަކަތައް ތިލަވެފަ އެހުރިވަރަށް ބަލާއިރު، ކައުންސިލަރުންނަށް މާތަފްޞީލުކޮށް އެނގޭނެހެން ހީވަނީ!" –އިބޫޖަލީލް
މުޖުތަމައުގައި ހުރި މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ރަށްރަށުގެ ކައުންސިލްތަކުން އަމިއްލައަށް އިސްނަގައިގެން ޒިންމާ ނުއުފުލާ ނަމަ މިފަދަ މައްސަލަތައް ޙައްލުކުރަން ދަތިތަކެއް ހުންނާނެކަން ގިނަ ބައަކު ފާހަގަކުރެއެވެ.
ގިނަ ރަށްރަށަށް ބަލައިފިނަމަ އެންމެ ކަތީބަކު ހުރެގެން ރަށް ހިންގި ދުވަސްވަރު އިޖުތިމާޢީ ޒިންމާތައް އަދާކުރިވަރަށް ވެސް ކައުންސިލްތައް އުފެދި ގިނައަކަށް ބާރު ލިބުމުން ޒިންމާ އުފުލާތަން ފެންނަމުން ނުދާކަންވެސް ގިނަ ބައަކު ފާހަގަކުރެއެވެ.