".... އަދި ޤިޔާމަތް ދުވަހުން ތިމަންރަސްކަލާނގެ އެއުރެން މޫނުވަތަށް މަޙްޝަރަށް ފޮނުއްވާހުށީމެވެ. ކަނު، މަންމަން، ބީރުބައަކު ކަމުގައެވެ. އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ." (އަލްއިސްރާ: 97)
އަހަރެމެންނަށް ޤަބޫލުކުރެވިގެން މިއުޅެނީ، ކަނު، ބީރު، މަންމަން މީހުންނަކީ މިއުޅޭ ލޯފަން ބީރު އަދި މަންމަން މީހުން ކަމަށެވެ. ނަމަވެސް އެމީހުންގެ ތެރެއިން މުއުމިނުން ވަނީ އެކަމުން ބަރީޢަވެގެންނެވެ. އެހެން މިބުނަނީ މިދުނިޔޭގައި އެފަދަ ހާލުގައި އެމީހުންނަށް އުލެން ޖެހުނު ނަމަވެސް އެމީހުން މަޙްޝަރު ކުރައްވަވާނީ ހަމަ އެންމެ ފުރިހަމަ މީހުންގެ ގޮތުގައެވެ.
ނަމަވެސް ޤިޔާމަތް ދުވަހު ކަނު، ބީރު، މަންމަން މީހުންގެ ގޮތުގައި މަޙްޝަރު ކުރައްވަވާނެ ބައަކު އެބަވެއެވެ. އެއީ ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ހެކިތަކާއި އެއްކައުވަންތަކަމުގެ ހެކިތައް ދެއްކެވުމުން ލޮލަށް ފެނުނު ނަމަވެސް ނުފެންނަ ކަމަށް ހެދި މީހުންނެވެ. ބަންގި އާއި ކީރިތި ޤުރްއާނުގެ އަޑު ނުއެހި މީހުންނެވެ. ކީރިތި ޤުރްއާން ކިޔަވައި އަމަލު ނުކުރި މީހުންނެވެ.
މިއާޔަތުގައި އެވަނީ އެމީހުންގެ ވާހަކައެވެ. ޤިޔާމަތް ދުވަހު އެމީހުން ވެގެންދާނީ " ކަނު، މަންމަން، ބީރުބައަކު ކަމުގައެވެ." އަދި ކީއްހެއްޔެވެ؟ އެމީހުން މަހްޝަރަށް ފޮނުއްވަވާހުށީވެސް މޫނުވަތަށެވެ.
ދެން މިއޮތީ އެމީހުން ފޮނުއްވަވާނެ ތަނާއި އެމީހުންނަށް ހުރި ގަދަފަދަ ޢަޛާބުގެ ވާހަކައެވެ. "އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ."
ވީމާ ބީރު، މަންމަން އަދި ލޯފަންކަމުގައި ދުނިޔޭގައި މިއުޅޭ އެއްވެސް މުއުމިނަކީ ޙަޤީޤަތުގައި އެފަދަ ބައެއް ނޫނެވެ. އެއަށްވުރެ މާމަތިވެރި ބައެކެވެ. ލޮލަށް ނުފެންނަ ޙާލުގައި ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަން އެމީހުންގެ ހިތުން ބަލައިގަތީތީއެވެ. ބީރު އަދި މަންމަން ޙާލުގައި އެމީހުންގެ ހިތުން ކީރިތި ޤުރްއާން ބަލައިގަނެ ޢަމަލުކޮށްފައިވާތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން