މިހާރަކަށް އައިސް ބައެއް މީހުންގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ކުޑަވުމުން އެމީހުންނަށް ޤަބޫލު ކުރެވިފައި އޮންނަނީ ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް އެމީހާ ބޭނުންވާ ގޮތަށް ނިންމައިލެވޭނެ ކަމަށެވެ. ޢާއިލީ ވެރިކަމުގެ ވެސް ހުރިހާ ބާރަކީ ތަނަވަސްކަމާއި ގެދޮރު ކަމަށެވެ.
ދެމަފިރިންގެ ޙައްޤުތައް ބަޔާން ކުރައްވަވައި ﷲ ތަޢާލާ ޙުކުމްފުޅުތައް ބަޔާންކޮށް ދެއްވަވާފައި ވީނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ހަމަ ހުރިހާ ބާރަކީވެސް ތަނަވަސްކަން ކަމަށެވެ. އަނބިމީހާގެ ނަމަވެސް އަދި ފިރިމީހާގެ ނަމަވެސް ތަނަވަސްކަމާއި ގެދޮރު ހުރި ނަމަ ވެރިއަކީ ތަނަވަސްކަމާއި ގެދޮރު ކަމަށެވެ.
މިހާލަތަށް ކަންކަން ދިއުމުން ކޮންމެވެސް އެކަކަށް ހުންނަން މިޖެހެނީ އަބަދުވެސް ބޮޑު ބިރުވެތިކަމެއްގެ ތެރޭގައެވެ. ކައިވެނި ރޫޅާލައިފާނެ ވަގުތަކަށެވެ. ގެއިން ނުކުންނަން ޖެހިދާނެ ވަގުތަކަށެވެ. ބައެއް ފަހަރު އެކަމުގެ ނަތީޖާ ވަރަށް ނުބައެވެ. އެހެނީ ތަނަވަސް މީހާ އިސްލާމް ދީނުގައި ނަހީ ކުރައްވަވާފައިވާ ކަންކަން ކުރި ނަމަވެސް އަނެކާއަށް ބަހެއް ބުނެވެން ނުއޮންނަ ކަމެވެ. އެޅޭނެ އެއްވެސް ފިޔަވަޅެއްވެސް އޮންނަ ކަމަށް ނުވުމެވެ.
މިފަދަ ހާލުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އަންހެނުންނާއި ފިރިހެނުންގެ އަދަދު މިލިއަނުން ގުނައިލެވޭނެއެވެ. އެ އެންމެން އެތިބީ އަޅުވެތިކަމުގެ ކަސްތޮޅުން ކަސްތޮޅުއެޅިގެންނެވެ. ވީމާ އެ ހާލަތުން އެމީހުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތްކުރަން ވަނީ ޖެހިފައެވެ. އެހެން މީހުންގެ އެހީތެރިކަމަށް އެމީހުން އެތިބީ ބޭނުންވެގެންނެވެ.
މީސްތަކުންނޭވެ! އަނބިމީހާ ނަމަވެސް އަދި ފިރިމީހާ ނަމަވެސް ﷲ ތަޢާލާ ނުރުއްސަވާ އެއްވެސް ކަމެއް ކުރާނަމަ ރުހިގެން ހުރުމެއް ނެތެވެ. ފާފަތަކަށް އަރައިގަންނަ ނަމަ އެކަމަށް ހައްލު ހޯދަން މަސައްކަތް ނުކޮށް ހުރެގެންވެސް ނުވާނެއެވެ. އަނބިން ފިރިންނަށް ކިޔަމަންތެރިވުން ދީނުގައި ވާޖިބުވަނީ ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކަންކަމުގައެވެ. އަދި ހަމަ އެފަދައިން އަނބިމީހާ އަތުގައި ކިތަންމެ ފައިސާ ގިނަވެފައި ޢާއިލާއަށް ޚަރަދުކުރަނީ އަނބިމިހާ ނަމަވެސް އަނބިމީހާ ނުބައި އަމަލުތައް ކުރާނަމަ ކުޅިބަލައި އަތް ޖަހަން ހުރުން ހުއްދައެއް ނޫނެވެ.
މިއީ ވަކި މީހަކަށް ބުނާ ބަހެއް ނޫނެވެ. ދެމަފިރިންނަށް ވެސް ބުނާ ބަހެކެވެ. ޙައްޤުގައި ސާބިތުވެ ހިފެހެއްޓުމުން އަނެކާ ދީފާނެ ގެއްލުމަކަށް ބިރުވެތިނުވާށެވެ! ކެތްތެރިވާން ޖެހޭ މިންވަރަށް ކެތްތެރިވުމަށްފަހު އެމީހެއްގެ ސަލާމަތް އެމީހަކު ހޯދާށެވެ! ނަޞޭޙަތާއި އާދޭހުން ކަންކަން އިޞްލާޙް ނުވި ނަމަ ރިވެތި ގޮތުގައި ދެމީހުން ދުރުވާށެވެ!
މާޔޫސް ނުވާށެވެ! ﷲ ތަޢާލާގެ މަގުގައި ހުރި އެއްވެސް މީހަކު ގެއިން ބޭރެއް ނުކުރެވޭނެއެވެ. މަގުމައްޗެއްވެސް ނުކުރެވޭނެއެވެ. ނިކަމެއްޗެއްވެސް ނުކުރެވޭނެއެވެ. ވީމާ މިފަދަ ޢާޔަތްތަކުން ހިތްވަރު ލިބިގަންނާށެވެ!:
"ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް، ބާޠިލުކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) ތަދުބީރު ކުރައްވަވަތެވެ. ﷲ އީ، މަކަރުވެރިންނަށްވުރެ، ތަދުބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ." (އަލް އަންފާލް: 30)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން