ތައުބާވުން އަވަސްކުރޭތޯ ނަޞޭޙަތް ދިނުމުން ބައެއް މީހުންގެ ޖަވާބަކީ "އަދި އިހަށް މަޑުކޮށްލާ" އެވެ. ސުވާލަކީ ތައުބާ ނުވެ ތިއަ ލަސްކުރަނީ ﷲ މަލާއިކަތުން ފޮނުއްވަވައި ތައުބާވާން ތިބާއަށް އަންގަވަންދެން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އެކަމެއް ނުވާނެއެވެ! އެކަމުގެ އިންތިޒާރުގައި މުޅި އުމުރު ހުސްވަންދެން ހުރިނަމަވެސް އެކަން ވުން ނުވަތަ ތިބާ ގާތު ތައުބާ ވާން ވިދާޅުވަން މަލާއިކަތުން އުޑުން ފައިބައިވަޑައިގަތުން ވާނީ އާދަފޫވައްޓާލައިފަނިވި ވަރަށް ބޮޑު ކަމަކަށެވެ.
އެފަދަ މީހުންނަށް ކޮށްލަން ބޭނުން ސުވާލެއް އެބަ އޮތެވެ! ކަލޭމެން އިތުބާރުކުރަނީ ﷲ ތަޢާލާއަށް ހެއްޔެވެ؟ ނޫން ނަމަ އިތުރު ފަރާތަކަށް ހެއްޔެވެ؟ ޖަވާބަކީ އިތުބާރުކުރަނީ ﷲ ތަޢާލާއަށް ކަމުގައި ވާނަމަ ޤުރްއާނުން ފުދޭނެއެވެ! އެކަން ﷲ ތަޢާލާ ވަނީ އެތައް އާޔަތެއްގައި ބަޔާންކުރައްވަވައިފައެވެ.
ދުނިޔެ ނިމެންދެންވެސް މަލާއިކަތްބޭކަލުން ދާނީ ފައިބައިވަޑައިގަންނަވަމުންނެވެ. އެބޭކަލުންގެ ޑިޔުޓީތައް އަދާކުރައްވަމުންނެވެ. މީސްތަކުން ކުރާ ޢަމަލުތައްވެސް ބައްލަވަމުންނެވެ. ﷲ ބޭނުންފުޅުވެވޮޑިގަންނަވާ ކަންކަމުގެ ވާހަކަތަކުން ގެންދަވާނީ ޚަބަރުތައް ދެއްވަވަމުންނެވެ.
ޔަޤީން ކުރެވޭ ކަމަކީ ދީނަށް ގޮވައިލެއްވެވުމަށް އިތުރު ނަބީބޭކަލަކު އަދި ރަސޫލް ބޭކަލަކު ނުފޮނުއްވަވާނެ ކަމެވެ. "ތިއަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަޠީމް ކުރެއްވެވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." (އަލްއަޙްޒާބް: 40)
ދެން ވިސްނައިލަންވީ މިއާޔަތަށެވެ!
ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ. (އައްޒުމަރު: 53)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން