ދަރިން ދެކެ ލޯބިވާނަމަ ދަރިންގެ މަންމައަށް ލޯތްބާއި އަޅައިލުން އިތުރުކުރަންޖެހޭ ސަބަބުތައް ބައިވަރެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ދަރިން ދެކެ ލޯބިވާނަމަ ދަރިންގެ މަންމައަށް ލޯތްބާއި އަޅައިލުން އިތުރުކުރަންޖެހޭ ސަބަބުތައް ބައިވަރެވެ!

އެއްވެސް ފިރިހެނަކު އެމީހާގެ ދަރިން ދެކެ ލޯބިވާނަމަ އެންމެ ބޮޑަށް ހެޔޮކޮށްހިތާނީ އޭނާގެ އަނބިމީހާއަށެވެ. އޭނާގެ ދަރިންގެ މަންމައަށެވެ. 

މިހެން ބުނުމުން އެއްވެސް ހާލެއްގައި އެއިގެ މާނައަކީ ފިރިން ހެޔޮކޮށް ނުހިތާނަމަ އަނބިމީހާ އޭނާގެ ދަރިންނާއިމެދު ނުބައިކޮށް ކަންކަން ކުރާނެ ވާހަކައެއް ނޫނެވެ. އަދި ދަރިންނަށް އަނިޔާވެރިވެސް ވާނެ ވާހަކައެއް ނޫނެވެ. ފިރިން ކިތަންމެ ގޯސް ނަމަވެސް ގިނަ މައިންނަކީ ދަރިންނަށްޓަކައި ޤުރްބާންވަމުންދާ ބައެކެވެ. އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ މީހަކީ މައިމީހާކަމަށް 3 ފަހަރު ރަސޫލް (ޞޢވ) ޙަދީޘްފުޅު ތަކުރާރު ކުރެއްވެވީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

"އެއްވެސް ފިރިހެނަކު އެމީހާގެ ދަރިން ދެކެ ލޯބިވާނަމަ އެންމެ ބޮޑަށް ހެޔޮކޮށްހިތާނީ އޭނާގެ އަނބިމީހާއަށް، އޭނާގެ ދަރިންގެ މަންމައަށް"، ކަމަށް މިބުނީ އަނބިމީހާއަށް ހެޔޮކޮށް ނުހިތާނަމަ އޭނާއަށް އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށްވެފައި އެކަމުގެ ސަބަބުން ދަރިންނަށް ކޮށްދޭން ބޭނުންވާ ޚިދުމަތްތައް ކޮށްދިނުމުގައިވެސް ދަތިތަކެއް ހުންނާނެތީއެވެ. ހުރަސްތަކެއް އެޅިގެންދާނެތީއެވެ. 

މިފަދަ ހާލަތުގައި ދަރިންނަށް ކޮށްދޭން ޖެހޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި އޮންނާނީ ކޮށްނުދެވިފައެވެ. ކިތަންމެ ފުރިހަމައަށް ކަންކަން ކޮށްދޭން މަސައްކަތްކުރި ނަމަވެސް އެކަމުގައި އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ހުރަސްތަކެއް ހުންނާނެއެވެ. 

އެއްވެސް ޙާލެއްގައި މިރޭ ދައްކަން މިއުޅެނީ ފިރިން ގޯސްކޮށް ކަންތައްތައް ކުރާ ވާހަކައެއް ނޫނެވެ. އަނބިންނަށް ހެޔޮކޮށް ހިތައިގެން އެކަމުގެ ފައިދާ ދަރިންނަށް ހޯދައިދިނުމުގެ މުހިންމުކަމުގެ ވާހަކައެވެ. ބޭނުމަކީ އަނބިމީހާ އާއިމެދު ކޮންމެ ގޮތަކަށް ކަންކަން ކުރި ނަމަވެސް ދަރިންނަށް އެކަމުގެ އަސަރު ނުކުރާނެ ކަމަށް ޤަބޫލުކުރާ މީހުންގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަން ހާމަކުރުމެވެ. 

ކުރިން ބަޔާންކުރި ފަދައިން އަނބިންގެ ސިކުނޑިއަށް ބަރުކުރާނަމަ އެކަމުގެ އަސަރު ދަރިންނަށް ތަފާތު ސިފަސިފައިގައި ފޯރާނެއެވެ. ދަރިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ. ހަމަ ފިރިހެނުން ފަދައިން ހުރިހާ އަންހެނުންގެ އީމާންތެރިކަން އެއްވަރެއްވެސް ނުވާނެއެވެ. ހަމަ ފިރިހެނުން ފަދައިން ވިސްނަން ނުޖެހޭ ކަންކަމާއިމެދު އަބަދު ވިސްނަން ޖެހޭނަމަ ރުޅިވެސް ގަދަވާނެއެވެ. ރުންކުރުވެސް ވާނެއެވެ. އެކަންކަމަކީ ވަކި ޖިންސަކަށްވުމުން މެދުވެރިވާ ކަންކަމެއް ނޫނެވެ. 

ދަރިން ލިބުމުން ހުރިހާ ސަމާލުކަމެއް ދަރިންނަށް ޚާއްޞަކޮށް އެކަމުގައި ދެމީހުން އެކުވެރިވެ އެކަކު އަނެކަކަށް އެއްބާރުލުން ދޭށެވެ! ދަރިންނާއި ބެހޭ ކަންކަންކަމުގެ އިތުރުން ދަރިންނާއި ނުބެހޭ ކަންކަމުގައިވެސްމެއެވެ. ދެމަފިރިންގެ އަދި ދަރިންގެ މުސްތަޤްބަލްވެސް އުޖާލާވުމުގެ އެންމެ ބޮޑުބާރަކީ ދެމަފިރިންގެ މެދުގައި އޮންނަ ގާތް ގުޅުމެވެ. ދެމްފިރިން އެކަކު އަނެކަކަސް ދޭ ލޯތްބެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން