الحمدلله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
އަންހެން ކުއްޖާ ބާލިޣްވީކަމަށް ބެލެވޭނީ ޙައިޟުވުމުންނެވެ. ޚިތާނު ނުކުރިނަމަވެސް ޙައިޟުވުމުން ބާލިޣްވީ ކަމަށް ބެލެވޭނެއެވެ. އަންހެންކުދިން ޚިތާނު ކުރުމަކީ ދީނީގޮތުން މަޝްރޫޢު ކަމެކެވެ. އެއްވެސް ޢިލްމުވެރިޔަކު އަންހެން ކުދިން ޚިތާނުކޮށްގެން ނުވާނެކަމަށް ވިދާޅުވެފައެއް ނުވެއެވެ. ޚިތާނު ކުރުމަކީ ފިޠްރަތުގެ ތެރެއިންވާ ކަމެއް ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވެއެވެ. ޙަދީޘް ކުރައްވައެވެ.
(الْفِطْرَةُخَمْسٌ: الْخِتَانُ ، وَالاسْتِحْدَادُ ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ ، وَقَصُّ الشَّارِبِ ) މާނައަކީ: " ފަސްކަމެއް ފިތުރަތުގެ ތެރެއިން ވެއެވެ. އެއީ ޚިތާނު ކުރުމާއި ޢާނަތުގެ (ލަދުވެތި ގުނަވަން) އިސްތަށި ބޭލުމާއި، ކިހިލިފަތްދޮށުގެ އިސްތަށި އުފުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުމެވެ."
އެހެން ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. (إِذَا الْتَقَى الْخِتَانَانِ وَجَبَ الْغُسْلُ) މާނައަކީ: "ދެޚިތާނު ބައްދަލުވެއްޖެނަމަ ހިނެއުން ވާޖިބު ވެއްޖެއެވެ". މި ޙަދީޘްގައި ދެޚިތާނޭ އޮތުމުން ދޭހަވަނީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީވެސް ޚިތާނު ކުރެވޭ ބައެއް ކަމެވެ.
އެހެންކަމުން، މިޙަދީޘްތަކުގެ އަލީގައި ބުނެވެން އޮތީ އަންހެނުން ޚިތާނު ކުރުމަކީ ދީނީގޮތުން ނެތްކަމެކޭ ބުނެވެން ނެތްކަމަށެވެ. އެހެންނަމަވެސް އަންހެން ކުދިން ޚިތާނު ކުރުމުގެ ޙުކުމަކީ ކޮބައިތޯ ކަނޑައެޅުމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް އެބަހުއްޓެވެ.
ފުރަތަމަ ރައުޔު: ފިރިހެނުންނާއި އަންހެނުންވެސް ޚިތާނު ކުރުމަކީ ވާޖިބެއް ކަމުގައި ދެކުން.:
މިއީ، ޝާފިޢީ، ޙަންބަލީ އަދި މާލިކީ މަޛްހަބުގެ އަބޫބަކުރު ބިން އަލްޢަރަބީގެ ރައުޔެވެ.
އިމާމް ނަވަވީ އެކަލޭގެފާނުގެ އަލްމަޖްމޫޢުގެ 1-367 ގައި ލިޔުއްވާފައިވެއެވެ. "އަޅުގަޑުމެންގެ މަޛްހަބުގައި (ޝާފިޢީ މަޛްހަބުގައި) އަންހެނުންނާއި ފިރިހެނުން ޚިތާނު ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދައިން ސަލަފުންގެ ވަރަށް ގިނަ ބޭފުޅުން ވިދާޅުވެފައިވެއެވެ. ޚައްޠާބީވެސް މިގޮތަށް ވިދާޅުވާ ކަމަށް ވާރިދުވެފައިވެއެވެ. އަދި އިމާމް އަޙްމަދަކީވެސް އަންހެނުންނާއި ފިރިހެނުން ޚިތާނު ކުރުން ވާޖިބެއް ކަމުގައި ދެކިލައްވާ ބޭފުޅެކެވެ. އިމާމް ޝާފިޢީގެ ކިބައިން މަޝްހޫރުވެފައިވާ އަދި ޖުމްހޫރުންވެސް އަރައުޔަކަށް ބުރަވެފައިވާ ރައުޔަކީ ފިރިހެނުންނާއި އަންހެނުން ޚިތާނު ކުރުމަކީ ވާޖިބުކަމެއް ކަމުގައެވެ."
ދެވަނަ ރައުޔު: ފިރިހެނުންނާއި އަންހެނުންވެސް ޚިތާނު ކުރުމަކީ ސުންނަތެއް ކަމުގައި ދެކުން. މިއީ ޙަނަފީ، މާލިކީ، އަދި އިމާމް އަޙްމަދުގެ ކިބައިން ރިވާވެގެންވާ އެއް ރިވާޔަތެވެ.
އިބްނުލް ޢާބިދީނިލް ޙަނަފީ އެކަލޭގެފާނުގެ "ޙާޝިޔާ" އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. "ދަންނައެވެ. ތިމަންމެންގެ މަޛްހަބުގައި (ޙަނަފީ މަޛްހަބުގައި) ޚިތާނު ކުރުމަކީ ފިރިހެނުންނާއި އަންހެނުންގެ ޙައްގުގައި ސުންނަތެކެވެ.
ތިންވަނަ ރައުޔު: ޚިތާނު ކުރުމަކީ ފިރިހެނުންގެ މައްޗަށް ވާޖިބު އަދި އަންހެނުންގެ މައްޗަށް އެދެވިގެންވާ ކަމެއް ކަމުގައި ދެކުން:
މިއީ އިމާމް އަޙްމަދުގެ ކިބައިން ރިވާވެފައިވާ ރިވާޔަތެކެވެ. އަދި މާލިކީ މަޛްހަބުގެ ޢިލްމުވެރިންގެ ތެރެއިން ސަޙްނޫނު ދެކިލައްވާ ގޮތެވެ. އިބްނު ގުދާމަލް މަގްދިސީގެ ވެސް ރައުޔަކީ މިއީއެވެ.
ސަޢޫދީގެ ފަތްވާ ކޮމެޓީން ނެރުއްވާފައިވާ ބަޔާނުގައިވެއެވެ. "ޚިތާނު ކުރުމަކީ ފިޠްރަތުގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފިރިހެނުން ޚިތާނު ކުރުމަކީ ވާޖިބު ކަމެކެވެ. ނަމަވެސް އަންހެނުން ޚިތާނު ކުރުމަކީ އެދެވިގެންވާ ކަމެކެވެ."
އަންހެން ކުދިން ޚިތާނު ކުރުމުގެ ޙިކްމަތެއްގެ ގޮތުގައި ބައެއް ކަންތައް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. އެގޮތުން ޚިތާނު ނުކޮށްފިނަމަ ކުރިމަތީ ފަރާތުން ނުބައި ވަހެއް ދުވުން އެކަށީގެންވާ ކަމުގައި ވެއެވެ.، އަދި ޚިތާނު ނުކޮށްފިނަމަ ފިރިމީހާ ޖިމާޢުވާ އިރުގައި އުނދަގޫ ތަކާ ދިމާވުން އެކަށީގެންވާ ކަމަށްވެސް ބަޔާން ކުރައްވައެވެ. އަދި މީނުންވެސް އެތައް ފައިދާ ތަކެއް އެކަމުގައި އެކުލެވިގެންވާ ކަމެކެވެ. والله أعلم
___ޑރ. މުޙައްމަދު އިޔާޛް ޢަބްދުއްލަޠީފް
(އަންހެން ކުދިން ޚިޠާނުކުރުން ކިޔަނީ ވަރަށް ލުއިލުއި ގޮތަކަށް ކުރާ ކަމަކަށެވެ. އެކަން ކުރާ މީހާ (ކުރީ ޒަމާނުގައި އެކަން ކޮށް އުޅުނީ ފޫޅުމައި މީހާ) އަންނަނީ އެކަމަށް ޚާއްޞަ ތިނޯހެއް ފަދަ ވަރަށް ތޫނު އެއްޗެއް ހިފައިގެންނެވެ. އިނގިލި ކުރިން ލޭ ނަގަން ކަށި ޖައްސައިލާ ފަދައިން ގުނަވަނުގައި ޖައްސައިލުމަށްފަހު ނަގައެވެ. އެކަމުން ކުރެވޭނީ މަދިރިއެއް ހަފައިލުން ފަދަ އިޙްޞާޞްއެކެވެ.
ވީމާ އެއީ ފިރިހެން ކުދިން ޚިޠާނުކުރުން ފަދަ ކަމަކަށް ހަދައިގެން އެ ފަތުރަނީ ތެދުމައުލޫމާތެއް ނޫނެވެ. މިކަންކަން މިގޮތަށް ތާއްޖޭގައި ކުރިތަބް ވަނީ ފެނިފައެވެ.)