ކަންބޮޑުވުމުގަ ދުވަސްތައް ހޭދަނުކޮށް އުފަލުގަ ހޭދަ ކުރެވޭނެ ހަމައެކަނި މަގު ވަރަށް ފަސޭހަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ކަންބޮޑުވުމުގަ ދުވަސްތައް ހޭދަނުކޮށް އުފަލުގަ ހޭދަ ކުރެވޭނެ ހަމައެކަނި މަގު ވަރަށް ފަސޭހަ!

މިރޭގެ ދަރުސް ފަށާނީ ސުވާލަކުންނެވެ! އެއީ ތިބާ ބޭނުންވަނީ އަބަދުވެސް ހިތްހަމަޖެހިގެން ހުންނަންތޯ ނުވަތަ އަބަދުވެސް ކަންބޮޑުވުމެއްގައި ހުންނަ މީހަކަށް ވުމަށްތޯއެވެ؟ 

ޤަބޫލުކުރެވޭ ގޮތުން އެންމެންވެސް ބޭނުންވާނީ އަބަދުވެސް ހިތްހަމަޖެހިގެން އުފަލުގައި ހުންނާށެވެ! ވީމާ އެފަދަ މީހަކަށްވުމަށްޓަކައި ފުރަތަމަ މި ބަލައިލަނީ އަބަދުވެސް ކަންބޮޑުވުމެއްގައި ތިބޭ މީހުންނަށެވެ. 

އެމީހުން ކޮންމެ ދުވަހަކު ވެސް ތިބޭނީ ކޮންމެވެސް ކަމަކާއިމެދު ކަންބޮޑުވެފައެއްވެ. އެއީ ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި ވޭނެއް އެޅުން ކަމަށްވެދާނެއެވެ. ނޫނީ ދިރިއުޅުމުގެ ކޮންމެވެސް ކަމަކަށްވެސް ވެދާނެއެވެ. ރަނގަޅަށް ބަލައިފިނަމަ ގިނަ ފަހަރު ވިސްނާނީ ކޮންމެވެސް ޝައްކެއްގެ މައްޗަށެވެ. ކޮންމެވެސް މީހަކު ތިމާއަށް ގެއްލުމެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައެވެ. 

ކުރެވިފައިވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި އެންމެ ގިނަ ބައަކު ކަންބޮޑުވަނީ ފިރިމީހާ ވަރިކޮށްފާނެ ކަމަށެވެ. ނުވަތަ އަނބިމީހާ ވަރިވާން އުޅޭ ކަމަށް ޝައްކުކުރެވިގެންނެވެ. 

ކޮންމެއަކަސް ދިރިއުޅުން މިކިޔަނީ މައްސަލަތަކަކަށެވެ. ހަމައެފަދައިން މައްސަލަތައް ޙައްލުކުރުމަށްވެސްމެއެވެ. މައްސަލަތައް ކުރިމަތިނުވާނަމަ ނުވަތަ މައްސަލަތައް ޙައްލު ނުކުރެވޭނަމަ އެއީ ދިރިއުޅުމަކަށް ނުވާނެއެވެ. ވީމާ އަބަދުވެސް މައްސަލަތައް ކުރިމަތިވާނެކަން ޔަޤީންކުރާށެވެ! 

ވީމާ ފުރަތަމަ ވެސް ވިސްނައި ޔަޤީންކުރަންވީ މިއާޔަތަށެވެ. "ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ..." (އަލް ބަޤަރާ 286) 

މިއާޔަތުގައި މިހެން އޮއްވައި ކޮންމެ މީހަކު ކޮންމެ ކަމެއް ކޮށްފާނެތީ އެކަމަށް ވިސްނަން ވަގުތުތައް ބޭކާރުކުރަންވީ ކީއްކުރަން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަބަދުވެސް އުފަލުގައި ހުންނަން ބޭނުންވާ މީހާ ޢަމަލުކުރަންވީ ގޮތް ވެސް ކީރިތި ޤުރްއާނުން އޮތީ ފެންނާށެވެ! 

"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (އައްރަޢްދު: 28) 

އަބަދުވެސް އުފަލުގައި ހުރުމަށްޓަކައި ފުރަތަމަ ކަމަކަށް ކުރަން މިއޮތް ކަމަކީ ފުރިހަމައަށް އީމާންވުމެވެ! ދެން ކުރަން މިއޮތް ކަމަކީ ﷲ އިން ހިތް ފުރައިލުމެވެ. އެއިރުން ހިތް އަބަދުވެސް އޮންނާނީ އުފަލުގައެވެ. ހަމަޖެހިގެންނެވެ. މިނޫން ގޮތަކުން އެއްވެސް މީހަކަށް ދާއިމީ ހިތްހަމަޖެހުން ލިބުމެއް ނެތެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން