ބައެއް ރައްޓެހިންނާއި ޢާއިލާގެ ބައެއް މީހުން ވެސް ސުވާލުކުރެއެވެ! "މަންމައިގެ ދުވަސް ވެސް އަދި އަނބިންގެ ދުވަސް ވެސް ފާހަގަ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟"
ވަކި މި 2 ދުވަހެއް ނޫނެވެ. އަހަރެންނަކީ އިންސާނުން އަމިއްލައަށް އުފައްދައިގެން ފާހަގަކުރާ އެއްވެސް ދުވަހެއް ފާހަގަކުރާ މީހެއް ނޫނެވެ.
އަހަރެން އެންމެ ލޯބިވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢވ) ދެކެއެވެ. ކީރިތި ޤުރްއާނުގައި ވެސް އަދި ޙަދީޘްފުޅުގައި ވެސް އޮތީ މައިމީހާއަށް އަދި އަނބިމިހާއަށް ވަކި ދުވަހަކު ހެޔޮކޮށް ހިތާކަށް ނޫނެވެ! ވަކި ދުވަހަކު އަޅާލައި އޯގާތެރިވެ ހަދިޔާ ދޭކަށް ނޫނެވެ. އެކަންކަމަކީ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ކަންކަމުގެ ގޮތުގައެވެ.
ވީމާ އެކަން އަހަރެން އަހަރެންގެ ފެންވަރުން ކޮންމެ ދުވަހަކުވެސް ކުރަމެވެ. ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ދެމަފިރިން އެކުގައި ނުވަތަ އެކަނި މާރުކޭޓަށް ދިއަ ނަމަވެސް އަނބިމީހާއަށް މީރުވާނެ އޭނާ ބޭނުންވާ އެއްޗެއް ނުގަނެ ގެއަކަށް ނުދަމެވެ. މަންމަ އުފާކޮށްލަން ކޮންމެވެސް އެއްޗެއް ނުލައެއް ނުދަމެވެ.
ޝޮޕިންގ މޯލަކަށް ދިއަ ނަމަވެސް ދަރިން ފިޔަވައި އަހަރެންނަށް ގަންނަ އެއްޗަކަށް ދެއެތި އަނބިމީހާ އަށާއި މަންމައަށް ގަންނަމެވެ.
ވީމާ މުޅި އަހަރު އަނބިމީހާ އާއި އަދި މަންމަ އާއި އަޅައިނުލާ ބައަކު އެކަމުގައި މަތިޖަހަން ފާހަގަކުރާ ދުވަހަކު އަހަރެން ކުރަން އޮންނާނީ ކޮން އިތުރު ކަމެއް ހެއްޔެވެ؟ ދޭން އޮންނާނީ ކޮން އިތުރު ހަދިޔާއެއް ހެއްޔެވެ؟
އަދިވެސް ބުނަމެވެ. އަހަރެން މާތް ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢވ) ދެކެ ލޯބިވާތީ ލޯބިވާމީހަކު ކުރަން ޖެހޭ ހުރިހާ ކަމެއް މިގެންދަނީ ކުރަމުންނެވެ. ފަރުޟު އަދި ސުންނަތް ނަމާދުތަކުގެ އިތުރުން ޛިކުރުކުރުމާއި ޞލަވާތް ކިޔެވުމަކީ އަހަރެން އެންމެ ގިނައިން ކުރާ ކަންކަމެވެ. މަންމަ އަށާއި އަނބިމީހާ ދެކެ ލޯބިވާ މީހަކު ކުރާނެ ހުރިހާ ކަންކަން މިގެންދަނީ ކުރަމުންނެވެ!
އަހަރެންގެ މި ލިޔުންކޮޅު ފެނުމުން އެއްވެސް މީހަކު އިތުރަށް މި ފަދަ ސުވާލުތައް ނުކުރާނެ ކަމަށް އުންމީދުކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން