އަންހެނުން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުވެފައިވާ، އެކަމުގެ މަޝްރޫޢިއްޔަތުގެ މައްޗަށް ޢިލްމުވެރިން އިއްތިފާޤުވެފައިވާ ކަމެކެވެ. އެއްވެސް ފިޤްހު ޢިލްމުވެރިޔަކު އެއީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެފައެއް ނުވެއެވެ. އަދި އެކަމަކީ ދީނުގައި ނެތް ކަމެއްކަމަށް ވިދާޅުވެފައެއް ނެތެވެ. އެކަމުގެ ފައިދާތަކާއި އެކަން ކުރަންޖެހޭ ގޮތް ފިޤްހު ފޮތްތަކުގައި އަދި މިޒަމާނުގެ ސިއްޙީ ހޯދުންތަކުގައި ބަޔާންވެފައިވެއެވެ.
ބައެއް މީހުން އަންހެނުން ޚިތާނު ކުރުމުގެ ނަމުގައި ޝަރުޢީ ގޮތުން ޙަރާމް ކަންތައްތައް ކުރެއެވެ. އެގޮތުން އަންހެނުންގެ ކްލިޓޯރިސް އެއްކޮށް ކަނޑާލައެވެ. ފީމޭލް ޖެނިޓަލް މިއުޓިލޭޝަން އޭ ކިޔަނީ މިއަށެވެ. އަދި ހަމަ އެފަދައިން ކުރިމަތިފަރާތް އެއްކޮށް ފަހާ ހަދައެވެ. މިއީ އިސްލާމީ ޝަރީޢަތުގައި އޮންނަ ޚިތާނު ކުރުމުގެ އުޞޫލާ މުޅިން ޚިލާފު ޢަމަލެކެވެ. މިއީ ފިރުޢައުނީ ޢަމަލެކެވެ. އެކަން މިޞްރާއި ސޫދާނު ފަދަ ޤައުމުތަކުގައި ކުރެއެވެ.
އިސްލާމްދީނުގެ ޙުކުމްތަކާމެދު ނުރުހޭ މީހުން، ލާދީނީ މީހުންނާއި ސެކިއުލަރިސްޓުން، އަންހެން ކުދިން ޚިތާނު ކުރުމާ ދެކޮޅު ހަދަނީ މި ދެންނެވި ފިރްޢައުނީ ޚިތާނާއި އިސްލާމްދީނުގައި ބަޔާންވެފައިވާ ޝަރުޢީ ޚިތާނާ، މި ތަފާތު ދެއެތި އެކައްޗަކަށް ހަދާފައެވެ. އެމީހުންނަށް ނޭނގޭ ކަމަކީ ދީނުގައި ޝަރުޢުވެފައި އޮންނަ ކަމެއް މީހަކު އެކަން ކުރަންޖެހޭ ގޮތް ނޫން ގޮތަކަށް، ނުބައިކޮށް ކުރުމަކީ އެކަމުގެ އަޞްލު ގޯސްވާ ސަބަބެއް ނޫން ކަމެވެ.
މީހަކު ނުބައިކޮށް ނަމާދު ކުރުމަކުން ނަމާދު ގޯހެއް ނުވާނެއެވެ. މީހަކު ނުބައިކޮށް ޖިހާދު ކުރުމުން، އިސްލާމްދީނުގައި ޖިހާދު ކުރުން ނޯންނަކަމަކަށް ނުވާނެއެވެ. ބަޔަކު ނުބައިކޮށް ޚިތާނުކުރުމަކުން އިސްލާމްދީނުގައި އޮންނަ ޝަރުޢީ ޚިތާނު އެއީ ގޯސް އެއްޗަކަށް އަދި ނެތް އެއްޗަކަށްވެސް ނުވާނެއެވެ.
--الشيخ محمد شافع
#SheikhShafiuQA
(ރާއްޖޭގައި އަންހެން ކުދިން ޚިޠާނުކުރަން ކޮށް އުޅުނު ކަމަކީ ހަމައެކަނި ތޫނު ތިނޯހެއް ފަދަ އެއްޖެއް ޖައްސާލައި އިނގިލިކުރިން ލޭ ނަގާ އުޞޫލުން އެތަނުން ލޭގެ އަސަރު ދައްކައިލުމެވެ. އެކަމުގެ ސަބަބުން ކުއްޖާއަށް ވޭން އިޙްޞާޞްކުރާކަށް ނުޖައްސައެވެ. އަދި އެއްވެސް ގެއްލުމެއްވެސް ނުލިބޭނެއެވެ.
އެކަމުގައި ދީނީ ގޮތުން އޮތް ގޮތާއި ލިބޭނެ ބައެއް ފައިދާ ތައް މިއަދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ބަޔާންކޮށްދެއްވައިފައެވެ.)