އަންހެން ކުދިން ޚިޠާނުކުރުމަކީ ދީނީކަމެއްތޯ؟ ސުވާލުކުރާ މީހުންނަށް ޝައިޚް މުޙައްމަދު ޝަމްޢޫންގެ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 13މ 55ސ
އަންހެން ކުދިން ޚިޠާނުކުރުމަކީ ދީނީކަމެއްތޯ؟ ސުވާލުކުރާ މީހުންނަށް ޝައިޚް މުޙައްމަދު ޝަމްޢޫންގެ ޖަވާބު!

الحمد لله رب العالمين. والعاقبة للمتقين. ولاعدوان إلا على الظالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. و بعد 

ﷲގެ ދީން ބިންމަތިން ފޮހެލައި، އެދީނުގެ ހުޅުކޮޅު ނިއްވާލުމަށް، ހުރިހާ ޒަމާނެއްގައިވެސް ޣައިރުމުސްލިމުން، އެމީހުންނަށް ކުރެވުނުހައި މަސައްކަތެއް ކުރަމުންދެއެވެ. މިގޮތުން އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާ ބައެއްކަންތަކުން އިންސާނުންނަށް ގެއްލުންލިބޭކަމަށް ޘާބިތުކޮށްދޭން އެމީހުން މަސައްކަތްކުރެއެވެ. އަދި އެމީހުންގެ މިމަޅީގައިޖެހި، އެ ޕުރޮޕެގެންޑާ ފެތުރުމުގައި ބައެއް މުސްލިމުންވެސް ބައިވެރިވެއެވެ. 

ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭކަމަށް ބުނެވޭ، މި ދިވެހިރާއްޖޭގައި ވެސް އެފަދަ ޕްރޮޕެގެންޑާތައް ފެތުރެމުންދާތަން ފެންނަކަމީ އެކަމުގެ ދިރިހުރި ހެއްކެކެވެ. އަންހެންކުދިން ޚިތާނުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެކަމެއް ނޫންކަމަށާއި، އެއީ އެކުދިންނަށް ވަރަށްބޮޑެތި ގެއްލުންތަކެއް ހުރިކަމެއްކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތަކަކީވެސް އެފަދަ ޕުރޮޕެގެންޑާއެއްކަމުގައި ދަންނަވަންޖެހެއެވެ. އެހެނީ އިސްލާމްދީނުގައި ޚިތާނުކުރަން އަންގަވާފައިވާގޮތަށް ޚިތާނުކޮށްފިނަމަ، އެއްވެސް ގެއްލުމެއްނުވާނެކަމަށާއި، އޭގެބަދަލުގައި އެކުދީންނަށްވާނީ ފައިދާކަމުގައި އިތުބާރުހުރި މުސްލިމު ޑޮކްޓަރުން ބަޔާންކޮށްފައިވެއެވެ. އަދި އެކުދީންނަށް ގެއްލުންވަނީ ‘ފިރުޢައުނީ ޚިތާނު’ގެ ނަމުން މަޝްހޫރުވެފައިވާ ގޮތަށް ޚިތާނުކުރުމުން ކަމަށްވެސް އެބޭފުޅުން ބަޔާންކުރައްވާފައިވެއެވެ.

ޑޮކްޓަރުންގެ މިވާހަކަތައް ނޭގުނަސް، ﷲ ގެ ދީނުގައި ޝަރުޢުވެފައިވާ އެއްވެސް ކަމަކުން، އިންސާނުންނަށް ކުޑަނަމަވެސް ގެއްލުމެއް ނުލިބޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އެހެނީ މިދީނަކީ އިންސާނުން ޚަލްޤުކުރެއްވި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ދީނެވެ. އިންސާނުންނަށް ފައިދާހުރިކަންތަކާއި ގެއްލުންހުރި ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ. 

ނަމަވެސް ހިތާމައާއެކު ބުނެލަން ޖެހެނީ، މުޖުތަމަޢުގައި މަރުޖިޢަކަށް ބެލެވޭ ބައެއް ބޭފުޅުންގެ ފަރާތުންވެސް، އަންހެންކުދިން ޚިތާނުކުރުމަކީ ދީނީކަމެއް ނޫންކަމަށާއި، އެކަމާމެދު އައިސްފައިވާ ހުރިހާ ޙަދީޘްތަކަކީ ޟަޢީފު ޙަދީޘްތަކެއްކަމަށް ބުނެވި، އެކަމުގެ މަޝްރޫޢިއްޔަތުކަމާމެދުވެސް ބައެއް މީހުން މިހާރު ޝައްކުކުރަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިކަމުގެ ޙަޤީޤަތް ލޮބުވެތި އަޚުންނާއި އުޚުތުންނަށް ބަޔާން ކޮށްދިނުމުގެ ގޮތުން، ބައެއް ޞައްޙަ ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ. 

1-    عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ (رواه مسلم)  ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި(ލަދުވެތިގުނަވަނާއި) ޚިތާނު(ލަދުވެތިގުނަވަން) ޖެހިއްޖެނަމަ(ޖިމާޢުވެއްޖެނަމަ) ހިނައިގައިގަތުން ވާޖިބުވެއްޖެއެވެ.” 

މި ޙަދީޘުގައި ދެމަފިރިންގެ ލަދުވެތިގުނަވަނަށްވެސް ޚިތާނޭ ޙަދީޘްކުރައްވާފައި އޮތުމުން، އަންހެންމީހާ ޚިތާނުކުރުމަކީވެސް މަޝްރޫޢުކަމެއްކަން އެނގިގެންދެއެވެ. 

2-    عَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تُنْهِكِي ، فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ ، وَأَحَبُّ إِلَى الْبَعْلِ  (صححه الألباني في صحيح أبي داود) އުއްމު ޢަޠިއްޔާ އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ޚިތާނުކޮށްދޭ އަންހެނެއް މަދީނާގައި އުޅުއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާއަށް ޙަދީޘްކުރެއްވިއެވެ. “(ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަންހެންމީހާއަށް އެންމެ ފައިދާބޮޑު، އެންމެ އަރާމު ގޮތެވެ. އަދި ފިރިމީހާވެސް އެންމެ ލޯބިވާނޭ ގޮތެވެ.” އެހެން ރިވާޔަތެއްގައި ވެއެވެ. اخْفِضِيْ وَ لَا تُنْهِكِيْ فَإِنَّهُ أَنْضَرُ لِلْوَجْهِ وَ أَحْظَى عِنْدَ الزَّوْجِ (صححه الألباني) “(އަންހެންކުދިން) ޚިތާނުކުރާށެވެ! އަދި (ޚިތާނުކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. އެއީ އެއަންހެންމީހާގެ މޫނު ރީތިވުން އެންމެ ގާތްގޮތެވެ. އަދި ފިރިމީހާ ކައިރީގައި އެންމެ އަރާމު ގޮތެވެ.” 

3-    عَنْ أُمِّ عَلْقَمَةَ  أَنَّ بَنَاتِ أَخِيْ عَائِشَةَ خُتِنَّ (أخرجه البخاري في الأدب المفرد) އުއްމު ޢަލަޤަމާ ރަޙިމަހަﷲގެ ކިބައިން ރިވާވެގެންވެއެވެ. “އާއިޝާ ރަޟިޔަﷲ ޢަންހާގެ އަޚުގެ އަންހެން ކުދިން ޚިތާނުކުރެވުނެވެ.” 

4-    އިބްނު ރަޖަބް ރަޙިމަހުﷲ ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. وَخِتَانُ الْمَرْأَةِ مَشْرُوْعٌ بِغَيْرِ خِلَافٍ  “އަންހެނުން ޚިތާނުކުރުމަކީ (ދީނުގައި) މަޝްރޫޢުކަމެކެވެ. މިކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ.” 

5-    އިމާމުލް ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙުގައި بَابُ إِذَا الْتَقَى الخِتَانَانِ (ދެ ޚިތާނު ޖެހޭހިނދު) މިހެން ވިދާޅުވެ ބާބު ބަންނަވާފައިވެއެވެ. އިބްނު ޙަޖަރު ރަޙިމަހުﷲ މި ބާބު ޝަރަޙަ ކުރައްވަމުން ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. ” ދެ ޚިތާނުގެ މުރާދަކީ ފިރިހެން މީހާގެ ޚިތާނާއި(ލަދުވެތި ގުނަވަނާއި) އަންހެން މީހާގެ ޚިތާނެވެ.(ލަދުވެތި ގުނަވަނެވެ).” މި ބާބުގައި އިމާމުލް ބުޚާރީ ރަޙިމަހުﷲ ގެންނަވާފައިވަނީ، ޖިމާޢުވެއްޖެނަމަ، ހިނައިގަތުން ވާޖިބުވާނެކަން ބަޔާންވެފައިވާ ޙަދީޘްތަކެވެ. 

6-    ފިޠުރަތުގެ ކަންތައް ބަޔާންކުރެވިފައިވާ ޙަދީޘް ޝަރަޙަކުރައްވަމުން، އައްނަވަވީ ރަޙިމަހުﷲ ޞަޙީހްމުސްލިމްގެ ޝަރަޙަ އަލްމިންހާޖްގައި ވިދާޅުވެފައިވެއެވެ. “ފަހެ ޚިތާނުކުރުމަކީ، އިމާމް ޝާފިޢީ ރަޙިމަހުﷲ އާއި ބައެއް ޢިލްމުވެރިންގެ އަރިހުގައި ވާޖިބުކަމެކެވެ. އަދި އިމާމް މާލިކް ރަޙިމަހުﷲ އާއި ގިނަ ޢިލްމުވެރިންގެ އަރިހުގައި ސުންނަތް ކަމެކެވެ. ޝާފިޢީ ރަޙިމަހުﷲގެ އަރިހުގައި، އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވާޖިބުކަމެކެވެ.” 

7-    ޝާފިޢީ މަޛްހަބުގެ ފިޤުހުފޮތެއްކަމުގައިވާ ‘މިންހާޖުއް ޠާލިބީންގައި’ އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ ވާޖިބެކެވެ.” 

8-    ޝާފިޢީ މަޛްހަބުގެ އެހެން ފިޤުހުފޮތެއްކަމުގައިވާ ‘އަލްބަޔާނުގައި’ އަލްޢިމްރާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ފިރިހެނުންނާއި އަންހެނުންވެސް ޚިތާނުކުރުމަކީ (އަހަރެމެންގެ މަޛުހަބުގައި) ވާޖިބެކެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް، އެއީ ސުންނަތެއްކަމަށް އަބޫޙަނީފާ ވިދާޅުވެއެވެ.” 

9-    ޝާފިޢީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްފިޤުހުފޮތް ކަމުގައިވާ ‘އަލްމަޖުމޫޢުގައި’ އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގައި ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަކީވެސް ވާޖިބެކެވެ.” އަދި މިއީ ސަލަފުންގެ ގިނަ ބޭކަލުންތަކެއްގެ ބަހެވެ. އަދި ޚިތާނުކުރުން ވާޖިބެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ތެރެއިން އިމާމް އަޙުމަދުވެސް ހިމެނެއެވެ. އަދި އިމާމް މާލިކާއި އިމާމް އަބޫހަނީފާ ވިދާޅުވަނީ ފިރިހެނުންނާއި އަންހެނުންގެ ޙައްޤުގައިވެސް އެއީ ސުންނަތެއް ކަމުގައެވެ. އަދި ރާފިޢީ އެއީ އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ވަޖުހެއްކަމަށް ވިދާޅުވެއެވެ. އަދި ފިރިހެނުންނަށް ވާޖިބުވެފައި އަންހެނުންނަށް ސުންނަތްވުމަކީ އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ތިންވަނަ ވަޖުހުކަމުގައި ރާފިޢީ ބަޔާންކުރައްވައެވެ. ނަމަވެސް، މި ދެ ވަޖުހަކީވެސް ޝާޛް(އެކަހެރި، ޤަބޫލުނުކުރެވޭ) ދެ ވަޖުހެވެ. އަދި އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ޞައްޙަ ވަޖުހަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ވާޖިބުވުމެވެ. މިއީ ޝާފިޢީ ރަޙިމަހުﷲގެވެސް ރައުޔެވެ. އަދި ޖުމުހޫރުންވެސް ވިދާޅުވާގޮތެވެ.”

10- މާލިކީ މަޛްހަބުގެ ފޮތެއް ކަމުގައިވާ ‘އަލް އިސްތިޛްކާރުގައި’ އިބްނު ޢަބްދިލް ބައްރި ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އާޠާއު ވިދާޅުވެއެވެ. ޚިތާނު ނުކުރަނީސް މީހެއްގެ އިސްލާމްކަން ފުރިހަމަ ނުވާހުއްޓެވެ. މާލިކާއި، ޝާފިޢީއާއި، އަބޫޙަނީފާ ދެއްކިލައްވަނީ ބޮޑުމީހެއްވިޔަސް، އިސްލާމްވުމަށްފަހު ޚިތާނުކުރަން ޖެހޭނެކަމަށެވެ. އަދި އަންހެނުންނަށް އެއީ އެދެވިގެންވާ ސުންނަތެއްކަމުގައި އެބޭކަލުން ދެކިލައްވައެވެ. އަދި އިމާމް މާލިކު ވިދާޅުވާކަމުގައި އިބްނުލްޤާސިމް ވިދާޅުވިއެވެ. ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަކީ ފިޠުރަތުގެ ތެރެއިންވާ ކަމެކެވެ.” 

11- ޙަންބަލީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްފިޤުހު ފޮތްކަމުގައިވާ ‘އަލްމުޣުނީގައި’ އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ފިރިހެނުންނަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އަންހެނުންނަށްޓަކައި އެއީ މާތްކަމެކެވެ. އެކަނބަލުންނަށް ވާޖިބުވެގެންވާކަމެއް ނޫނެވެ. މިއީ ގިނަ ޢިލްމުވެރިންތަކެއްގެ ބަހެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ އަންހެނުންނަށްވެސް ޝަރުޢުވެގެންވާ ކަމެކެވެ. އަބޫ ޢަބްދިﷲ (އިމާމު ޢަޙުމަދު) ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް إِذَا الْتَقَى الْخِتَانَانِ وَجَبَ الْغُسْلُ (ދެޚިތާނު ޖެހިއްޖެނަމަ (ޖިމާޢުވެއްޖެނަމަ) ހިނައިގަތުން ވާޖިބުވެއްޖެއެވެ.)އިން، އަންހެން ބޭކަނބަލުންވެސް ޚިތާނުކުރައްވާކަން އެނގެއެވެ.” 

12- ޙަނަފީ މަޛްހަބުގެ ފޮތެއްކަމުގައިވާ ‘ތުޙުފަތުލްމުލޫކުގައި’ ޒައިނުއްދީން އައްރާޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ފިރިހެނުންނަށް ސުންނަތެކެވެ. އަދި އަންހެނުންނަށް އެއީ މާތްކަމެކެވެ.” 

13- ‘އައްޝަރުޙުލް މުމްތިޢުގައި’ ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މުއައްލިފު (އަލްޙަޖާވީ)ގެ ބަސްފުޅުން ދޭހަވަނީ، ޚިތާނުކުރުމަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވާޖިބެއްކަމެވެ. (ޙަންބަލީ) މަޒްހަބުގެ ރައުޔަކީ މިއެވެ. އަދި ފިރިހެނުންނަށް ވާޖިބުވެފައި އަންހެނުންނަށް ސުންނަތްކަމުގައިވެސް ބުނެވެއެވެ. މިއީ މުވައްފަޤު އިބްނުޤުދާމާ ރަޙިމަހުﷲގެ ރައުޔެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް ސުންނަތެއްކަމުގައިވެސް ބުނެވެއެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “އަދި ފިރިހެނުންނަށް ވާޖިބެއްކަމަށާއި އަންހެނުންނަށް ސުންނަތެއްކަމަށް ބުނެވޭ ރައުޔު އެއީ ޙައްޤާއި އެންމެ ގާތް ރައުޔެވެ.” 

14- ‘ނައިލުލް އައުޠާރުގައި’ ޝައުކާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޚިތާނުކުރުމަކީ ވާޖިބެއްކަމަށް ޘާބިތުވާ އެއްވެސް ޞައްޙަ ދަލީލެއް ނެތެވެ. (ދަލީލުން) ޔަޤީންވާކަމަކީ އެއީ ސުންނަތެއްކަމެވެ.” 

15- އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ‘މަޖުމޫޢަތުލް ފަތާވާގައި’ ވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ (ޝަރުޢުގައި) އޮންނަކަމެއް ތޯއެވެ. (ޖަވާބުގައި) ވިދާޅުވިއެވެ. އެންމެހައި ޙަމްދެއްވަނީ ﷲ ތަޢާލާއަށެވެ. އާނއެކެވެ. އަންހެނުން ޚިތާނުކުރުމަކީ (ޝަރުޢުގައި) އޮންނަ ކަމެކެވެ.” 

16- ސަޢޫދީ ޢަރަބިއްޔާގެ ފަތަވާކޮމިޓީގެ ފަތަވާފޮތުގައިވެއެވެ. “ޚިތާނުކުރުމަކީ ފިޠުރަތުގެ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ޝަރުޢުވެފައިވާކަމެކެވެ. ނަމަވެސް ފިރިހެނުންނަށް އެއީ ވާޖިބެކެވެ. އަދި އަންހެނުންނަށް އެއީ މާތްކަމެކެވެ.” އަދިވެސް އަންހެނުން ޚިތާނުކުރުމުގެ ޙުކުމަކީ ކޮބައިތޯ ސުވާލުކުރެވުމުން ބަޔާންކޮށްފައިވެއެވެ. “އަންހެނުން ޚިތާނުކުރުމަކީ މަޝްރޫޢުކަމެކެވެ. އަދި އެއީ އެކަނބަލުންގެ ޙައްޤުގައި މާތްކަމެކެވެ.”

ޚުލާޞާ

މަތީގައި ބަޔާންވެފައިވާ ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުން،އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުވެފައިވާ ކަމެއްކަމާއި، އެއީ ދީނީކަމެއްކަމާއި، އެކަމަށް ދަލާލަތުކުރާ ޞައްޙަ ޙަދީޘްތައްވެސް ވާރިދުވެފައިވާކަން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. އަދި ހަމައެއާއެކު، ހަތަރު މަޛުހަބުގެ ޢިލްމުވެރިންވެސް އެކަމުގެ މަޝްރޫޢިއްޔަތާމެދު އެއްބަސްވެލައްވާކަމާއި، އެބޭފުޅުން ވާހަކަދައްކަވާފައިވަނީ، އެއީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯކަމާމެދުކަން އަޅުގަނޑުމެންނަށް ބަޔާންވެގެން ހިނގައްޖެއެވެ. އަދި އިސްލާމްދީނުގައި އަމުރުވެވިފައިވަނީ ޚިތާނުކުރާއިރު، މާބޮޑަށް ނުކެޑުމަށްކަންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. އެހެންކަމުން އިސްލާމްދީނުގައި އައިސްފައިވާގޮތާއި ޚިލާފަށް ބަޔަކު ޢަމަލުކުރުމުގެ ސަބަބުން، އޭގެއިން ނިކުންނަ ނޭދެވޭ ނަތީޖާއަށް ބަލައި، އިސްލާމްދީނުގައި ކަނޑައެޅިފައިވާކަމެއް އެއީ ނެތްކަމަކަށް ނެހެދޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އަދި ހަމައެއާއެކު، ބަޔަކު ހޯދާފައިވާ ހޯދުމަކަށް ބިނާކޮށްވެސް، އިސްލާމްދީނުގައި ކަނޑައެޅިފައިވާކަމެއް، އެއީ ނެތްކަމަކަށް ނެހެދޭނެކަންވެސް ދަންނަން ޖެހެއެވެ. އެހެނީ އެމީހުންނަށް ހޯދުނު ހޯދުން އެއީ އެންމެރަނގަޅުގޮތް ނޫންކަން ޘާބިތުވުމަކީވެސް ދުރުކަމެއްނޫނެވެ. 

ގެއްލުންހުރި އެއްވެސްކަމަކަށް، ﷲއާއި އެއިލާހުގެ ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުގަނޑުމެންނަށް އަމުރުނުކުރައްވާނެއެވެ. 

--އައްޝައިޚް މުޙައްމަދު ޝަމްޢޫން

 

މިއަދު އޮންލައިން