ދުނިޔޭގެ ހުރިހާ ބިލިއަނަރުންނަށްވުރެ މުއްސަނދިކަން ލިބެން އޮތް ފުރުޞަތު ދޫކޮށްނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދުނިޔޭގެ ހުރިހާ ބިލިއަނަރުންނަށްވުރެ މުއްސަނދިކަން ލިބެން އޮތް ފުރުޞަތު ދޫކޮށްނުލާށެވެ!

ދުނިޔޭގެ ޙަޔާތުގަ އެމީހާ ކުރަން ބޭނުންވި ހުރިހާ ކަންކަން ފުރިހައަށް ޙާޞިލުރެވުނު ހަމަ އެކަކުވެސް ނުހުންނާނެއެވެ. ތިމާ ކުރަން ބޭނުންވި ހުރިހާ ކަންކަން ޙާޞިލުކުރެވުނު ކަމަށް ބުނެފި ނަމަ އެމީހަކު އެ ހަދަނީ ދޮގެކެވެ. ސަބަބަކީ އިންސާނުންގެ އުންމީދުތަކާއި އެދުންތަކަކީ ދުވަހަކުވެސް ހުސްވާނެ އެއްޗެއް ނޫނެވެ. 

ވީމާ ދުނިޔެއިން ޙާޞިލުކުރަން ބޭނުން ހުރިހާ ކަންކަން ޙާޞިލުކުރެވުމުން ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ފަށަން ހުންނަ މީހަކު ދުނިޔެ ދޫކޮށްފައި ދާންޖެހޭނީ ވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރަން ޖެހޭ މަސައްކަތް ނުވެސް ފެށި ހުއްޓައެވެ. 

ވީމާ ތިބާއަކީ އާޚިރަތް އެދޭ މީހަކު ނަމަ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނެ ދުވަހަކަށް އިންތިޒާރު ނުކުރާށެވެ! އަދި ތިމާއަކީ އަބަދުވެސް އާޚީރަތް އެދިގެން މަސައްކަތްކުރާ މީހަކަށްވާށެވެ! އެއރިން ދުނިޔެވެސް ލިބުނީއެވެ. ހުރިހާ ކަމެއް ފދުނީއެވެ. 

އެހެނީ ﷲ ތަޢާލާ މީސްތަކުން ދުނިޔެއަށް ފޮނުއްވެވީ ދުނިޔެ ހާޞިލުކުރާކަށް ނޫނެވެ. އާޚިރަތް ޙާޞިލުކުރުމަށެވެ. ވީމާ ދުނިޔެ ޙާޞިލުކުރަން އެދޭ މީހާ ދުނިޔެއިން ވަކިވާނީ ދުނިޔެވެސް ނުލިބި އަދި އާޚިރަތް ވެސް ނުލިބި ހުސް އަތާއެވެ. ނަމަވެސް އާޚިރަތް ޙާޞިލުކުރަން މަސައްކަތްކުރި މީހާ ދުނިޔެއިން ވަކިވާނީ ދުނިވެސް ހިފައިގެންނެވެ. އާޚީރަތް ވެސް ކާމިޔާބުކޮށްގެންނެވެ. 

ވީމާ ކިތަންމެ ބޮޑު ބިލިއަނަރެއް ނަމަވެސް އޭނާ މަސައްކަތްކުރީ މިބުނި އިންތަކުން ބޭރުގައި ދުނިޔެ ޙާޞިލުކުރަން ބޭނުންވެގެން ނަމަ އެމީހަކު ދުނިޔެ އެ ދޫކުރަނީ އެންމެ ނިކަމެތި ފަޤީރެއްގެ ގޮތުގައި ހުސްއަތާއެވެ. އެކަމުގެ ތަކްލީފްތައް ވެސް އުފުލަން ޖެހޭނެ ނިކަމެތި އިންސާނެއްގެ ގޮތުގައެވެ. ހަމަ އެފަދައިން ކިތަންމެ ބޮޑު ފަޤީރެއް ނަމަވެސް އާޚީރަތް ހާޞީލުކުރަން މަސައްކަތްކުރަމުން ދުނިޔެ ދޫކޮށްފިނަމަ އޭނާ ވާނީ އެންމެ އުފަލުގައި އުޅޭނެ އެންމެ މުއްސަނި މީހާ ކަމުގައެވެ. 

އެހެނީ ސުވަރުގޭގެ އެންމެ ދަށުދަރަޖައިން ޖާގަ ލިބޭ މީހުންގެ މުއްސަނދިކަންވެސް ދުނިޔޭގެ ހުރިހާ ބިލިއަނަރުންނަށްވުރެ މާމުއްސަންޖެވެ. ވީމާ ލިބެން އޮތް އެ ބޮޑު މުއްސަނދިކަން ދޫކޮށްނުލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން!

މިއަދު އޮންލައިން