ކިތަންމެ ދަތި ހާލެއް މެދުވެރިވިއަސް، އަނބުރާ ލުމުގެ ނިޔަތުގަ ނަމަވެސް ޚިޔާނާތްތެރިވުމަކީ ޙަރާމް ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކިތަންމެ ދަތި ހާލެއް މެދުވެރިވިއަސް، އަނބުރާ ލުމުގެ ނިޔަތުގަ ނަމަވެސް ޚިޔާނާތްތެރިވުމަކީ ޙަރާމް ކަމެކެވެ!

"އީމާންތެރިންގެ މިސާލަކީ ޅަ ގަހެއްގެ މިސާލެވެ. ވައި ގަދަވުމުން ގަސް ލެނބެއެވެ. ވައިމަޑުވުމުން ތެދަށް ހުރެއެވެ. އީމާންތެރިންނަކީ  މުސީބާތުގެ ވަގުތުގައި ވެސް ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކު ސާބިތުވާ މީހުންނެވެ. އެކަމުގެ ސަބަބުން އެމީހަކަށް ޖެހިފައިވާ ތަކްލީފްތައް ﷲ ތަޢާލާ ފިލުއްވަވައި ދެއްވަވަތެވެ!" 

ދަތި އުނދަގޫ ހާލަތު ނުވަތަ މުޞީބާތްތައް ކުރިމަތިވުމުން ކޮންމެ މީހަކަށްވެސް ތަކްލީފްތަކެއް ޖެހެއެވެ. އީމާންތެރިންނަކީ އެކަމަށް ކެތްތެރިވާ އަޅުންނެވެ. ކެތްތެރިވެ އީމާންކަމުގައި ސާބިތުވާ އަޅުންނެވެ. މުޞިބާތުން ސަލާމަތްވުމަށް ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ޢަމަލުތައް ނުކުރާ މީހުންނެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އެންމެ ގިނަ ބައަކަށް މިހާރު އެންމެ ފަސޭހައިން ގޯޅި އެޅެމުންދަނީ މާލީ ނުތަނަވަސްކަމެއް ކުރިމަތިވުމުންނެވެ. އެ ޙާލަތުގައި އަވަސްވެގަނެވެނީ ލިބެން އޮތް ގޮތަކުން ފައިސާ ހޯދުމަށެވެ. 

ކިތަންމެ އަތްމަތި ދަތިވި ނަމަވެސް އަތުގައި އަމާނާތުގެ ގޮތުގައި ހުރި އެއްޗަކުން ހުއްދަ ނެތި ބޭނުން ނުކުރާށެވެ! ފަހުން އަނބުރާ ލުމުގެ ނިޔަތުގައި ނަމަވެސް ބޭނުންކޮށްފިނަމަ އެކަންވާނީ ވެވޭ ޚިޔާނާތަކަށެވެ. އެއިރުން އެ އަރައިގަނެވެނީ އެހެން މީހެއްގެ ނުވަތަ ބައެއްގެ ޙައްޤަކަށެވެ. 

ހަމަ އެއާއިއެކު ކިތަންމެ ފަސޭހައިން ލިބެން އޮތް ނަމަވެސް ރިބާ ހިމެނޭ ލޯނު ނެގުން ފަދަ ކަންކަން ނުކުރާށެވެ! ރިބާގެ ޒައްރެއްގެ މިންވަރުވެސް ހިމެނޭ އެއްވެސް މުޢާމަލާތެއް ނުކުރާށެވެ! އެކަން ވާނީ ބޮޑުވެގެންވާ ފާފައަކަށެވެ. އެކަމުގެ ސަބަބުން މީހާއަށް އިތުރު މުޞިބާތްތައް ކުރިމަތިވުން ނޫން ކަމެއް ނުވާނެއެވެ! 

ކޮންމެ ނަމެއް ކިޔާފައި ބޭނުންކުރި ނަމަވެސް ކަމުގެ އަޞްލަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. އިންޓަރެސްޓް، ސަރވިސް ޗާޖް ފަދަ އެއްވެސް ނަމަކުން ކަމުގެ ޙުކުމް ބަދަލެއް ނުވާނެއެވެ! ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ ކެތްތެރިވާށެވެ. ދުޢާކުރާށެވެ! މާ ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން