ހިތް ނުފުރުމަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ! ޝިފާ ލިބިގަތުމަށް އަވަސްވެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ހިތް ނުފުރުމަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ! ޝިފާ ލިބިގަތުމަށް އަވަސްވެގަންނާށެވެ!

ބައެއް މީހުން ނުހަނު އުފަލުގައި ފުދުންތެރިކަމާއިއެކު މުޅި ހަޔާތް ވޭތިކުރެވޭއިރުވެސް އަބަދުވެސް އުޅޭތަން ފެންނަނީ ކޮންމެވެސް ކަންތައްތަކެއް ޙާޞިލު ނުކުރެވިގެންނެވެ. ކޮންމެވެސް ކަންތައްތަކެއް މަދުވެގެންނެވެ. އަބަދުވެސް އަވަދިނެތި މަސައްކަތްކުރަނީ އެކަންކަން ޙާޞިލުކުރުމަށެވެ. 

އަތުގައި 1 ބިލިއަން ޑޮލަރު ހުއްޓައި އިތުރު 1 ބިލިއަން ބިލިއަން ޑޮލަރުގެ ލޯނެއް ބޭންކުން ނަގާފައި ބާރަށް ދުއްވައިގަންނާނީ އިތުރު ބޭންކަކުން އަނެއްކާވެސް ބިލިއަނެއް ލިބޭތޯއެވެ. ހަމަ މަދުވަނީއެވެ. 

އަނބިން އިތުރުކުރަމުން ގޮސް 4 އަނބިން ހަމަވުމުން ދެން ބަލާނީ ރަޖިސްޓްރީ ނުކޮށް އަނބިންތަކެއް ގެންގުޅެވޭތޯއެވެ! ހަމަ މަދުވަނީއެވެ. 

އަނެއް ބައަކު ވަރަށް ދަތިޙާލުގައި އުޅެމުންދާއިރުވެސް ތިބެނީ ފުދިގެންނެވެ. ހިތްހަމަޖެހިގެންނެވެ. އެމީހުން ޙާޞިލުކުރަން ބޭނުންވާ ހުރިހާ ކަމެއް ޙާޞިލުކުރެވިފައިވާ ފަދައެވެ. ދަމާގާޑިޔާ ދަމައިގެން ދުވާލުގެ ފުރާޤު ލިބުނު ނަމަވެސް އެމީހުން ތިބޭނީ ހަމަ ހިތްފުރިގެންނެވެ.

އެންމެ އަންތބަކު ލިބުނު ނަމަވެސް އެމީހުން ދިރިއުޅޭނީ ބައިވަރު އަނބިންތަކެއް ލިބިގެން ދިރިއުޅޭ މީހާއަށްވުރެ މާއުފަލުގައެވެ. 

ދެން ބަލައިލަންވީ މި ދެ މީހުންނަށް މިހެން މިދިމާވަނީ ކީއްވެގެންތޯއެވެ؟ 

ފުރަތަމަ ބަލައިލަންވީ ފަޤީރު މީހާއަށެވެ! އޭނާ އެހެރީ އޭނާގެ ވެރި ރައްބު ދެއްވެވި މިންވަރަށް ފުދިގެންނެވެ. ޝުކުރުކޮށްގެންނެވެ. އޭނާ ދިރިއުޅެނީ އަމިއްލަ ދެއަތުން ކުރާ ހަލާލު މަސައްކަތުން ލިބޭ އެއްޗަކުން ކަމަށްވާތީ އޭނާގެ ހަށިގަނޑުގައި ދައުރުކުރާނީ ސާފު ޠޯހިރު ލެޔެވެ. އެފަދަ މީހުންގެ ބޮލަށް ވަދެ، ވަސްވާސް ދިނުމަކީ ަިބިލީހަށް އެހައި ކުރަން ފަސޭހަ ކަމަކަށް ނުވެއެވެ. އޭނާއަށް ﷲ ތަޢަލާ ދެއްވަވާ މިންވަރުން އޭނާގެ ހިތް ފުރައިގެން ހުންނާތީ އިބިލީހުގެ ކިބައިން އެއްވެސް ކަމަކަށް ބޭނުމެއް ނުވެއެވެ. މާނައަކީ ޙަލާލް ނޫން އެއްވެސް އެއްޗެއް އޭނާ ބޭނުމެއް ނުވެއެވެ.  

ބިލިއަނަރަށް މިވާގޮތަކީ ގިނައިން ދެއްވެވިވަރަކަށް ދަހިވެތިކަން ބޮޑުވަނީއެވެ. ޙަރާމް ގޮތުގައިވެސް ފައިސާ ހޯދެން ފެށެނީއެވެ. ހަށިގަނޑުގައި ހިނގާ ލޭ ނަޖިސްކޮށްލެވެނީއެވެ. އެހިސާބުން ލޭތިކީގައި އެތައް މިލިއަން ސެލްތައް ހުންނަ ފަދައިން ކޮންމެ ލީތިއްކެއްގައި ޝައިޠާނާގެ ބާރުތައް ހިމެނިގެންދަނީއެވެ. އެ ޙާލަތަށް ދިއުމުން ހިތް ފުރޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އަބަދުވެސް ހުންނާނީ އިތުރަށް ބޭނުންވެފައެވެ. އަވަދި ނެތި ތެޅިފޮޅޭނީ ދުނިޔޭގެ އުފަލާއި އަރާމާއި ފައިސާ އިތުރުނުކުރެވިގެންނެވެ. 

ވީމާ އާޚިރަތް އެދޭނަމަ ކުރާ މަސައްކަތުން ލިބޭ މިންވަރަށް ޝުކުރުވެރިވާށެވެ! އާމްދަނީ އިތުރުކުރަން މަސައްކަތްކުރާށެވެ! ނަމަވެސް ޙަލާލް ނޫން އެންމެ ފައިސާފޮތްޗެއްވެސް އެތެރެހަށްޓަށް ދިއަ ނުދޭށެވެ! ބަދަންފުކެއްގެ މިންވަރު ނަމަވެސްމެއެވެ. އެގޮތަށް ދިރިއުޅެން ޤަޞްދުކޮށްގެން މަސައްކަތްކުރާ މީހާއަށް އެކަމަށް މަގުދައްކަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

ވީމާ ހިތް ނުފުރުމަކީ ވަރަށް ނުރައްކައުތެރި ބައްޔެކެވެ! އެބަލީގެ ޝިފާއަކީ ހަމައެކަނި އީމާންތެރިކަމެވެ. ތަޤްވާވެރިކަމެވެ! އާޚިރަތް ދުވަހަށް ބިރުވެތިވާ މީހާ ޝިފާ ލިބިގަތުމަށް އަވަސްވެގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން