އެންމެ ކާމިޔާބު މީހުންނަކީ ވީހައި އަވަހަކަށް ޤިޔާމަތްވާން އެދޭ މީހަކު ކަމުގައި ވެވޭ މީހުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެންމެ ކާމިޔާބު މީހުންނަކީ ވީހައި އަވަހަކަށް ޤިޔާމަތްވާން އެދޭ މީހަކު ކަމުގައި ވެވޭ މީހުންނެވެ!

މީހެއްގެ ލޯބި ހޯދަން ކުރާ މަސައްކަތުގައި ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް އަދި ކިތަންމެ ބޮޑު ޤުރްބާނީއެއްވީ ނަމަވެސް އެއްވެސް މީހެއްގެ ލޯތްބަކީ ލިބޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް އެއްޗެއް ނޫނެވެ! 

މީސްތަކުން އަބަދުވެސް ބޭނުންވާނީ އެމީހަކު ބޭނުންވާ ކަންތައް ޙާޞިލުވުމެވެ! ވީމާ ލޯބިވާނީވެސް އެމީހާ ޙާޞިލުކުރަން ބޭނުންވާ ކަންތައް ދެކެއެވެ! އެކަމެއް ޙާޞިލުކުރެވުމުން އެކަންކޮށްދިން މީހާގެ އެއްވެސް ބޭނުމެއް ނުއޮވެއެވެ. 

ﷲ ތަޢާލާ މުޅިން ތަފާތެވެ! މީހަކު ﷲ ތަޢާލާ އަށް ލޯބިކުރާނަމަ އެމީހަކަށްވުރެ މާބޮޑަށް އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ! އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެނެއްވެސް ނުވެއެވެ! އެމީހަކު ކުރާ ކޮންމެ ހެޔޮކަމެއްގެ ފައިދާ އޮތީ ހަމަ އެމީހަކަށެވެ! 

ﷲ ތަޢާލާއަށް ލޯބިވުންމަތީގައި ސާބިތުވެއްޖެ މީހަކަށް ދުވަހަކުވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ! އަދި ކީއްހެއްޔެވެ؟ މަރުވެ ވަޅުލެވުމާއިއެކު އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ މަތިވެރި މަޤާމް ކޮންމެ ދުވަހަކު އެމީހަކަށް ދައްކަވާނެތެވެ! 

ދުނިޔޭގައި ހުންނައިރު އެއްވެސް މީހަކު މަރުވުމަކަށް އަދި ޤިޔާމަތްވުމަކަށްވެސް ނުއެދޭނެއެވެ. ނަމަވެސް ކައްވަޅުގައި އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ ދަރަޖަ ދައްކަވާ ހިނދުން ފެށިގެން އޭނާ އެންމެ އެދޭނީ އަވަހަށް ޤިޔާމަތްވެ ހިސާބު ބެއްލެވި ނިމި އޭނާއަސް ސުވަރުގެއިން ދެއްވަވާނެ މަތިވެރި މަޤާމް ލިބުމަށެވެ. 

ވީމާ ނިކަން ބުނެބަލާށެވެ! މަސައްކަތްކުރަންވީ މީހެއްގެ ލޯބި ހޯދަން ހެއްޔެވެ؟ ނޫނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން ހެއްޔެވެ؟  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން