ޤުރްއާން ކިޔަވައި ހުއްދަ ޞަލަވާތުން މަޖިލީސްތައް ފެށުމަކީ ﷲ ގެ ރުހިވޮޑިގަތުމާ، މަލާއިކަތުންގެ ހެޔޮ ދުޢާ އާ ﷲ ރަޙްމަތް ބާވައިލެއްވުމާއި ފާފަ ފުއްސެވުމުގެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 50ސ
ޤުރްއާން ކިޔަވައި ހުއްދަ ޞަލަވާތުން މަޖިލީސްތައް ފެށުމަކީ ﷲ ގެ ރުހިވޮޑިގަތުމާ، މަލާއިކަތުންގެ ހެޔޮ ދުޢާ އާ ﷲ ރަޙްމަތް ބާވައިލެއްވުމާއި ފާފަ ފުއްސެވުމުގެ ސަބަބެއް!

ތިރީގައި މިވަނީ ތުންޖީނާ ޞަލަވާތް ކިޔެވުން ހުއްދަ ނޫން ކަމާއި ކިޔަވަންވާނީ ސުންނަތުން ސާބިތުވާ ޞަލަވާތް ކަމާއި މަޖިލިސްތައް ފަށާއިރު ކީރިތި ޤުރްއާން ކިޔަވައި ރަސޫލް (ޞޢވ) އަށް ކިޔެވުން ހުއްދަ ޞަލަވާތް ކިޔެވުމުން ލިބޭނެ ފައިދާގެ މައްޗަށް ޝައިޚް މުޙައްމަދު ޝާފިޢު ބަޔާން ކުރައްވާފައިވާ ލިޔުމެކެވެ! 

ތުންޖީނާ ޞަލަވާތް:

ތުންޖީނާ ޞަލަވާތަކީ، ކީރިތި ޤުރުއާނުގައި އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އަދި އުންމަތުގެ ޞަލަފުއް ޞާލިޙުންގެ ފަރާތުން ބަޔާންވެފައިވާ އެއްޗެއް ނޫނެވެ. އެ ޞަލަވާތުގެ ޞީޣާއަކީ ހަދާފައިވާ ބިދުޢަވެރި ސީޣާއެކެވެ.

ތުންޖީނާ ޞަލަވާތުގެ އަޞްލަކީ ކޮބާ؟

نزهة المجالس ومنتخب النفائس މިފޮތުގައި މި ފޮތުގެ މުއައްލިފު المؤرخ الأديب عبد الرحمن بن عبد السلام الصفوري އަދި  الشيخ عمر بن علي الفاكهاني النحوي الفقيه المالكي އޭނާ ލިޔުއްވި  الفجر المنير މި ފޮތުގައި  ލިޔެފައިވާ ޞަލަވާތެކެވެ.

އެފޮތުގައި މި ޞަލަވާތުގެ ވާހަކަ ގެންނަވާފައިވަނީ އަންނަނިވި މޭރުމުންނެވެ.

ޞާލިޙު ބޭކަލެއްކަމުގައިވާ މޫސާ އައްޟަރީރު ރަޙިމަހުﷲ އަހަރެންނަށް ކިޔާދިނެވެ. އޭނާ ކަނޑުމަގުން ދަތުރެއް ކުރިއެވެ. އެބައިމީހުން ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް އަލްޢަޤްލާބިއްޔާއޭ ކިޔާ ބާރުގަދަ ވައެއް ޖެހެން ފަށައިފިއެވެ. އެވައިގެ ގަދަކަމުގެ ސަބަބުން މަދު މީހަކު މެނުވީ ސަލާމަތް ނުވާނޭހެން ހީވެއްޖެއެވެ. ޣަރަޤުވެދާނޭ ކަމަށް މީސްތަކުން ބިރުގަނެއްޖެއެވެ. އަހުރެންގެ ދެލޮލަށް ނިދި ބަރުވެ އަހަރެންނަށް ނިދިއްޖެއެވެ. ދެން އަހަރެންނަށް ހުވަފެނުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “1000 ފަހަރު މިފަދައިން ކިޔުމަށް ނަވުގެ އަހުލުވެރީންގެ ގާތުގައި ބުނާށެވެ.

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا، صَلاَةً تُنْجِينَا بِهَا مِنْ جَمِيعِ الأَهْوَالِ وَالآفَاتِ وَتَقْضِي لَنَا بِهَا جَمِيعَ الْحَاجَاتِ وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئاتِ وَتَرْفَعُنَا بِهَا عِنْدَكَ أَعْلَى الدَّرَجَاتِ وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِي الْحَيَاةِ وَبَعْدَ الْمَمَاتِ.

ޔާ ﷲ! އަހަރެމެންގެ ސާހިބާ މުޙައްމަދުގެފާނުގެ މައްޗަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާނދޭވެ! އެ ޞަލަވާތެއްގެ ބަރަކާތުން އަހަރެމެން ހުރިހާ ދަތި އުނދަގޫތަކާއި ޢާފާތްތަކުން ސަލާމަތްކުރައްވާނެ، އަދި އޭގެ ބަރަކާތުން އަހަރެމެންގެ ހުރިހާ ޙާޖަތްތަކެއް ފުއްދަވާދެއްވާނެ، އަދި އޭގެ ބަރަކާތުން އަހަރެމެންގެ ހުރިހާ ފާފައެއް ފުއްސަވާދެއްވާނެ، އަދި އޭގެ ބަރަކާތުން އިބައިލާހުގެ ޙަޟްރަތުގައި އަހަރެމެން އެންމެ މަތިވެރި ދަރަޖަތަކަށް އުފުއްލަވާނެ، އަދި އޭގެ ބަރަކާތުން މި ދުނިޔޭގެ ޙަޔާތުގަޔާއި މަރުވުމަށްފަހުގައިވެސް ހުރިހާ ހެޔޮކަމެއްގެ އެންމެ މަތީ ދަރަޖަ އަށް ވާޞިލުވެވޭނެ މަގު ފަހިކުރައްވާނެ ޞަލަވާތެކެވެ.

ދެން އަހަރެންނަށް ހޭލެވިއްޖެއެވެ. އަދި މި ހުވަފެނުގެ ވާހަކައިން އުޅަނދުގެ އަހުލުވެރިންނަށް ޚަބަރު ކޮށްފީމެވެ. އަދި ތިންސަތޭކަ ވަރަކަށް ފަހަރު އަހަރެމެން މި ޞަލަވާތް ކިޔައިފީމެވެ. އަދި އެ މުޞީބާތުން އަހަރެމެން ސަލާމަތް ވެއްޖެއެވެ.

ތުންޖީނާ ޞަލަވާތާ ބެހޭގޮތުން އިޢުތިރާޟުކުރަނީ ކީއްވެ؟

ޞަލަވާތް ކިޔެވުމުގެ އަމުރަކީ މުޠުލަޤުކޮށް އައިސްފައިވާ އަމުރެކެވެ. އޭގެ މާނައަކީ އަމުރު އައިސްފައި އޮތް އިރު އައިސްފައިއޮތީ ޞަލަވާތް ކިޔަވާށެވެ އަދި ޞަލަވާތް ކިޔަވަންވީ ވަކި ޞީޣާއެއް އައިސްފައިނުވެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ބޭނުން ޢިބާރާތަކުން ޞަލަވާތް ކިޔެވިދާނެއެވެ. މިސާލަކަށް ބިމުގައިވާ ވެލީގެ ޢަދަދަށް، ކަނޑުގައިވާ މަސްމަހާ މެހީގެ ޢަދަދަށް، އުޑުގައިވާ ތަރީގެ ޢަދަދަށް އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާނދޭވެ! މިފަދަ ޢިބާރާތަކުންވެސް ޞަލަވާތް ކިޔެވިދާނެއެވެ. އެހެންކަމުން މި އަމުރު މިގޮތަށް އައިސްފައި އޮއްވާ، ބޭނުން ޢިބާރާތަކުން ޞަލަވާތް ކިޔެވޭއިރު، ތުންޖީނާ ޞަލަވާތް ނުކިޔަވަން ބުނަނީ ކީއްވެބާއެވެ؟

ހ- މި ޞަލަވާތުގައިވާ ޢިބާރާތްތަކަކީ ޝިރުކުގެ މާނަ އެކުލެވޭ ޢިބާރާތްތަކެކެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުން، އެކަމުގެ ދަރަޖަ މަތިވެރި ކުރަމުން ގޮސް، އެ ޞަލަވާތުގެ ސަބަބުން ޙާޞިލުނުވާ އެއްވެސް ކަމެއް ނެތް މިންވަރަށް އެކަލޭގެފާނަށް ޞަލަވާތް ކިޔުމަށް ޘަނާ ކިޔާފައިވެއެވެ.

ށ- މި ޞަލަވާތުގައި ބަޔާންވެފައިވާ ކަންކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުބޫބިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޝަރުޢީ ނައްޞަކުން ޞަރީޙަ ޞައްޙަ ދަލީލެއް ނެތި، އެކަލޭގެފާނަށް މިކިޔާ ޞަލަވާތަކީ އެ ޞަލަވާތެއްގެ ސަބަބުން މިވެނި އެވެނި ކަމެއް ޙާޞިލުވެގެންދާ ޞަލަވާތެކޭ ނުބުނެވޭނެއެވެ. އަދި ޞަލަވާތް މެދުވެރިކޮށް، އެކަލޭގެފާނުގެ ޖާހު މެދުވެރިކޮށް އެފަދަ ކަންކަމަށް އެދުމަކީ ހުއްދަ ވަސީލަތުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ.

ނ- އިސްލާމްދީނަކީ މީހަކަށް ފެންނަ ހުވަފެނަކުން ނަގާ ދީނެއް ނޫނެވެ. ދީނުގެ މަޞްދަރުތަކަކީ ކީރިތި ޤުރުއާނާއި ސުންނަތެވެ. މީސްތަކުންނަށް ފެންނަ ހުވަފެނުން އިސްލާމްދީން ނަގަން ވެއްޖެނަމަ، މުޅި ދީން ގަނޑުބަނޑުވެ އަޅުކަން ގިނަވެ، ޞައްޙަ ނުޞައްޙަ ވަކި ނުވެ ދޮގާއި ތެދު ނޭނގި، ދީނަކީ އެމީހަކު ބޭނުން ގޮތަކަށް މޮޑެން އޮންނަ ފުށްގަނޑަކަށް ވެގެން ހިނގައިދާނެއެވެ.

ރ- ހުވަފެން ފެނުނު މީހާ ހެދީ ދޮގެއް ކަމެއް އަދި ތެދެއް ކަމެއްވެސް ނޭނގެއެވެ. އާދަޔާ ޚިލާފަށް ކަނޑު ގަދަވެ، ވައި ބާރުވެ ހަމަ ދެންމެ ދެންމެ ޣަރަޤުވެދާނެ ކަމުގެ ބިރުގައި މީސްތަކުން ރޮއި ހޭރޭ ޙާލަތުގައި، މީހަކަށް ހަމަ ނިދިދާނެތޯވެސް އެއީ ސުވާލު އުފައްދަން ރަނގަޅު ނުކުތާއެކެވެ.

ބައެއް މުހިއްމު ނުކުތާ

1- މީސްތަކުން އެއްވެ އުޅޭ ޖަލްސާތަކުގައި، އެއްވުން ތަކުގައި، މަޖިލީސްތަކުގައި، ކީރިތި ޤުރުއާން ކިޔެވުމާއި ޞަލަވާތް ކިޔެވުމަކީ ބިދުޢައެއް ނޫނެވެ. އަދި އެއީ އެފަދަ މަޖިލީސްތަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުމާއި، މަލާއިކަތުން ހެޔޮ ދުޢާއާއި ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހުންނަށް ރަޙްމަތް ބާވައިލެއްވުމާއި ފާފަ ފުއްސެވުމުގެ ސަބަބެކެވެ.

2- އެފަދަ މަޖިލީސްތަކުގައި ޞައްޙަ ރަނގަޅު ޞަލަވާތެއް ކިޔެވުމަކުން އެއްވެސް މީހަކު އެކަން ގޯހެއް ނުކުރާނެއެވެ. އެކަމަކު ބިދުޢަވެރި ޞަލަވާތެއް ކިޔަވައި، އުވިގޮސްފައިވާ ބިދުޢަތައް ދިރުވާ އާލާ ކުރުމަކީ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކުރާ ކޮންމެ މީހަކު އެކަމާ ދެކޮޅު ހަދާނޭކަމެކެވެ. ބިދުޢަ ދިރުވުމަކީ ސުންނަތް ވަޅުޖަހާ ކަމެކެވެ. ސުންނަތް ދިރުވުމަކީ ބިދުޢަ ވަޅުޖަހާ ކަމެކެވެ. ބިދުޢައަކީ މަގު ފުރެދުމެވެ. ސުންނަތަކީ ތެދުމަގެވެ.

މަރްޖިޢުތައް

مظاهر الانحرافات العقدية عند الصوفية وأثرها السيء على الأمة الإسلامية المؤلف: إدريس محمود إدريس

https://islamqa.info/ar/answers/12880

 

މިއަދު އޮންލައިން