އެންމެ ގިނަ ބައަކަށް ނިޢްމަތްތައް ގެއްލިގެންދަނީ ކަންނެތްވެ ބަލައި ނުދާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެންމެ ގިނަ ބައަކަށް ނިޢްމަތްތައް ގެއްލިގެންދަނީ ކަންނެތްވެ ބަލައި ނުދާތީ!

ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާ މީސްތަކުންނަށްޓަކައި ޚަޢްޞަ ނިޢްމަތްތަކެއް މިންވަރުކުރައްވަވަތެވެ. އެކަންކަން ލިބިގަނެވެން އޮތީ ކަންނެތްކަން ދޫކޮށްލައިގެންނެވެ. އެ ނިޢްމަތްތައް ލިބިގަންނަން މަސައްކަތް ނުކުރެވިއްޖެ ނަމަ މުޅި ޢުމުރަށް ވެސް އެ ފުރުޞަތު ގެއްލިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

އެކަމަށް ސަމާލުކަން އިތުރުކުރުމަށް އަބަދުވެސް މިވަރަށް ނަޞޭޙަތްތެރިވަމުން ދިއަ ނަމަވެސް އެކަށީގެންވާ މިންރާއި ގާތަކަށްވެސް ގިނަ ބައަކު ސަމާލުކަމެއް ނުދެއެވެ. ނަތީޖާއެއްގެގޮތުން ގިނަ ބައަކަށް އެދުވަހު ލިބެން ހުންނަ ރަޙްމަތާއި ރޯދިން އެތައް ބައެއް ކޮންމެ ދުވަހަކު ގެއްލިގެންދަނީ ހަމަ އެމީހުންގެ ކަންނެތްކަމުންނެވެ. 

ކިތަންމެ ދެރަވެފައި ނަމަވެސް ބުނަން މިޖެހެނީ ފަތިސް ވަގުތު އަރާމު ނިދީގައި ނިދަން ތިބޭ ބައަކަށް ރިޒުޤާއި ރަޙްމަތުން ބައެއް އުނިވެގެންދާނެ ކަމެވެ. ވީމާ އެކަންކަން ބޭނުންވާ މީހާ ހީވާގިވެ ނިޢްމަތްތައް ލިބިގަންނަން އެބަޖެހެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ގިނަ ބައަކު ﷲ ތައާލާއަށް ނުކިޔަމަންތެރިވެ ކަންނެތްވެ ޣާފިލުކަމުގެ ގަދަ ނިދީގައި ނިދަން ތިއްބައި މީހަކު ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކޮށް އޭނާގެ އަރާމު ނިދި ޤުރްބާންކޮށްފައި ހޭލަނީއެވެ. ވުޟޫކޮށް ނަމާދުވެސް ކުރަނީ އެވެ. އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާވެސް ކުރަނީއެވެ. 

ނިކަން ބުނެބަލާށެވެ! ނުކިޔަމަންތެރިވެ ނިދަން އޮތް މީހާ އާއި ކިޔަމަންތެރިވީ މީހާ  މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެއްވަރުވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމަ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނެވެ! ތިބާ އަށް އެދުވަހަކު ދެއްވަވަން ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ނިޢްމަތްތައް ލިބިގަންނަން ދިއުމަކީ ފިރިހެނުން ފަތިސްނަމާދަށް ދިއުމެވެ. އަންހެނުން ފަތިސްނަމާދު ގޭގައި ނުވަތަ މިސްކިތުގައި ކުރުމެވެ.

ނިކަން ބުނެބަލާށެވެ! އެ ނިޢްމަތްތައް ބަލައި ނުދާ މީހަކަށް، ބަލައި ދިއަނަމަ ދެއްވަވާނީ ކޮން ފަދަ މަތިވެރި ނިޢްމަތްތަކެއްކަންވެސް އެނގޭނެ ހެއްޔެވެ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން