މަރުވުމުންވެސް ތިމާއަށް ސަވާބު އިތުރުވާން އެދޭ ނަމަ ދަރިންނަށް ޛިކްރުތައް ދަސްކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މަރުވުމުންވެސް ތިމާއަށް ސަވާބު އިތުރުވާން އެދޭ ނަމަ ދަރިންނަށް ޛިކްރުތައް ދަސްކޮށްދެއްވާ!

ކޮންމެ މީހަކުވެސް މަރުވެގެން ކައްވަޅަށް ދާން ޖެހެނީ ކުރެވުނު ނުހަނު މަދު އަޅުކަން ހިފައިގެންނެވެ. މާނައަކީ ދުނިޔޭގައި ހުރެ ކުރޭ އަޅުކަން ކޮންމެ މީހަކަށް ވެސް އޮންނާނީ މަދުވެފައެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ މަރުވުމުންނެވެ! މިހާރުވެސް އެނގޭ މިންވަރަކީ މަދުވާނެ ކަމެވެ!

ކަން މިހެން އޮތް އިރު ތިމާ މަރުވުމުން ވެސް ތިމާއަށް ސަވާބު ލިބޭނެ އެންމެ ފަސޭހަ އެއް މަގަކީ ދަރިންނަށް ޛިކުރުތައް ދަސްކޮށްދިނުމެވެ. އަދި ދަރިންގެ އިތުރުން އެހެން މީހުންނަށްވެސް ދަސްކޮށް ދިނުމެވެ! އެމީހުން ކިޔަވާ ވަރަކަށް ތިމާއަށްވެސް އެކަމުގެ ފައިދާކުރާނެތީއެވެ! ސަވާބު އިތުރުވަމުންދާނެތީއެވެ!

ތިރީގައި މިވަނީ މިކަމާއި ބެހޭ ގޮތުން ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ!

ކުދީން ކުޑައިރުއްސުރެ ފެށިގެން ﷲ ގެ ޛިކްރުގެ މަތީގައި ތަރުބިއްޔަތުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެކުދީންނަށް އަޅުގަނޑުމެން ޛިކްރުތައް އުނގަންނައިދިނުމުން އެކުދީން އެ ޛިކްރުތައް ކިޔާ ކޮންމެ ފަހަރަކު ﷲ ތަޢާލާ އަހަރެމެންނަށްވެސް އަޖުރު ލިޔެދެއްވާނެއެވެ. އަހަރެމެން މަރުވުމަށްފަހުވެސް އެކުދީންގެ އެޛިކްރުތަކުގެ މަތީގައިވާނަމަ، އަހަރެމެން މަރުވުމަށްފަހުގައި އަހަރެމެންނަށް ޘަވާބު ލިބޭ ވަޞީލަތަކަށް އެކަން ވެދާނެއެވެ.

މިފަދަ ފައިދާހުރި ތަކެތި ދަރިންނަށް ދަސްކޮށްދޭށެވެ. ބައެއް މީހުން އެބައިމީހުންގެ ދަރީންނަށް ދަސްކޮށްދެނީ އެއްވެސް ފައިދާއެއް ނެތް ތަކެއްޗެވެ. ފާޑުފާޑުގެ މަޖާކަންތައްތަކާއި ކާރޓޫނުތަކެވެ. ނުވަތަ ގޭމުތަކެވެ. ފައިދާއެއް ނެތް ތާނގައި ގެއްލުން އެކުލެވިގެންވާ ތަކެތިވެސް ބައެއް މީހުން އެބައިމީހުންގެ ދަރީންނަށް ދަސްކޮށްދެއެވެ.

ދަރީން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ބޭކާރު ކަންތައްތަކުން އެކުދީންގެ ސިކުނޑި ނުފުރާ ފައިދާހުރި މައުލޫމާތުން އެކުދިންގެ ސިކުނޑި ތަނަވަސްކޮށްގެންނެވެ.

الشيخ محمد شافع

މިއަދު އޮންލައިން