ރާއްޖޭގެ އިޤްޠިޞާދުގެ 70 އިންސައްތަ ގުޅިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއިއެވެ. އިންސާނާގެ ހުރިހާ ކަމެއް 100 އިންސައްތަ ގުޅިފައިވަނީ އިސްލާމް ދީނާއިއެވެ. އެހެންކަމަށްވާއިރު އަމިއްލަ ޖީބަށްވެސް އަދި ދައުލަތުގެ މާލިއްޔަތަށްވެސް އާމްދަނީ އިތުރުކުރަން ޖެހޭނީ އިސްލާމް ދީން ޤުރްބާން ނުކޮށެވެ! އިސްލާމް ދީނުގެ އިންތަކާއި މިންތަކުގެ ތެރެއިންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ހިންގަން ހުއްދަ ދެނީ ޤަވާއިދުތަކެއްގެދަށުންނެވެ. ނަމަވެސް ހުއްދަ ދިނުމަށްފަހު ދެން ކަންކަން ހިނގާ ގޮތް ބަލަހައްޓަން ޖެހޭ މިންވަރާއި ގާތަށް ވެސް ބަލަހައްޓާ އެއްވެސް މުއައްސަސާއެއް ރާއްޖޭގައި ހުރިކަން ފާހަގައެއް ނުކުރެވެއެވެ!
ފަތުރުވެރިންނާއި މައްސަލަތައް ކުރިމަތިވަމުން މިދަނީ އެކަންކަން ނުބެލެހެއްތޭތީއެވެ! އިސްލާމް ދީނަށް ލޯބި ނެތްއިރު ދައުލަތުގެ އިދާރާތަކުން އަމަލުކޮށް ބަލަހައްޓަން ޖެހޭ ކަންކަން ބެލެހެއްޓުމުގައިވެސް އިހުމާލުވަމުންދާތީއެވެ.
ރާއްޖޭގައި އިސްލާމް ދީން އޮތުމަށް ބޭނުން ނުވާ އިނގިރޭސި ވިލާތާއި އެނޫންވެސް ޤައުމުތަކަށް ރާއްޖެއަށް ފާޑުކިޔައި ބެހިގަންނަން ފުރުޞަތު ލިބެނީ ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމުގައި ދިވެހި ދައުލަތް ނުކުޅެދިފައި އޮތުމުންނެވެ.
މި މައްސަލަ އާއި ގުޅިގެން ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވަނީ ވަރަށް ފުރިހަމަ ބަސްފުޅެކެވެ.
"ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީގައި ފަތުރުވެރިންނަށް އުޅެވިގެން ނުވާނެއެވެ. އެއީ ޤާނޫނީ ގޮތުންވެސް މަނާ ކަމެކެވެ.
ހަމައެއާކު، މިފަދަ ކަމެއް ދިމާވީމައި، އެކަމަށް އެޓެންޑުވެ އެކަމެއް ހުއްޓުވަން
ގެސްޓުން އުޅޭ ރަށްރަށުގައި އަންހެން ފުލުހުން ތިބެން ޖެހޭނެއެވެ.
އަދި މުސްތަޤްބަލުގައި މިފަދަ ކަންކަން ހުއްޓުވުމަށް، އެފަދަ ކުށެއް ކުރާ ފަތުރުވެރިންނާއި، އެބައިމީހުން ގެނެސްފައިވާ ގެސްޓު ހައުސްތައް ޖުރުމައިނާކޮށް، އެކަންކަން ތަކުރާރު ވާނަމަ ކަނޑައެޅޭ ވަކި ޤަވާޢިދެއްގެ ދަށުން ހުއްދަ ބާޠިލުކުރުން ފަދަ އަދަބުތައް ދިނުން ލާޒިމުކުރަން ޖެހެއެވެ!
ޤައުމުގެ އިޖުތިމާޢީ ފޭރާމާއި އަޚްލާޤިއްޔާތު އޮޔާ ދާން ދޫކޮށްގެން ނުވާނެއެވެ. ކަމާ ބެހޭ ފަރާތްތަކުން އިޚްލާޞްތެރިކަމާއެކު މިކަންކަން އިޞްލާޙުކުރަން މަސައްކަތް ކޮށްގެން ނޫނީ މިކަންކަން އިޞްލާޙެއް ނުވާނެއެވެ."
- ޝައިޚް ޝަފީޢް ޢަބްދުﷲ