އެހެންމީހުންގެ ކުށް ހޯދަން ގަދައަޅައި މަސައްކަތް ތިއަ ކުރަނީ އެމީހުން ސުވަރުގެ ފޮނުވާފަ ތިމާ ނަރަކައަށް ދާން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އެހެންމީހުންގެ ކުށް ހޯދަން ގަދައަޅައި މަސައްކަތް ތިއަ ކުރަނީ އެމީހުން ސުވަރުގެ ފޮނުވާފަ ތިމާ ނަރަކައަށް ދާން ހެއްޔެވެ؟

މިހާރަކަށް އައިސް އެންމެ ގިނަ ބައަކަށް ކުރެވޭ ވަރަށް ބޮޑު ކުށެއް އެބައޮތެވެ! ހިތާމައަކީ އެ ކުށް ކުރެވޭކަން ޚުދު އެމީހާއަށްވެސް ނުއެނގޭ ކަމެވެ. މުއެނގި ހުރެ އެ ކުށް ކުރެވެމުންދާ ކަމެވެ.  

އެކުށަކީ އެހެން މީހުންގެ ކުށް ހޯދަން މަސައްކަތްކުރެވޭ ކަމެވެ. މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ތިމާއަސް ކުރެވޭ ކުށްތައް ދެނެގަންނާކަށް ނުވަތަ އެނގޭކަށް ބޭނުމެއް ވެސް ނުވެއެވެ. ނަމަވެސް އެހެން އެންމެން ކުރާ ހުރިހާ ކުށެއް ކޮންމެހެންވެސް އެނގެން ބޭނުންވެއެވެ.  

ތިމާއަށް ކުރެވޭ ކުށްތައް ދެނެގަނެ އިޞްލާޙްކުރަން މަސައްކަތް ނުކޮށް އެހެން މީހުންގެ ކުށްތައް ހޯދަން ވަގުތުތައް ހޭދަކުރީމާ ފުރަތަމަ ކަމަކަށް ގެއްލިގެން އެދަނީ ތިމާ ސުވަރުގެދިއުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންހުރި އަގުހުރި ވަގުތުތަކެވެ. ހަމަ އެއާއިއެކު އެހެން މީހުންގެ ކުށްތައް ހޯދަން މަސައްކަތްކުރުމުން އެކުރެވެނީ ފާފައެކެވެ.  

ވީމާ މިހިސާބުން އުފައްދަން ޖެހޭ ސުވާލަކީ ތިބާ ބޭނުންވެގެން ތިއަ އުޅެނީ އެހެން މީހުންގެ ކުށްތައް ހޯދައި އެމީހުން އިޞްލާޙްކޮށްފައި ތިބާ ނަރަކައަށް ދާން ހެއްޔެވެ؟ މިސުވާލު މިގޮތަށް ކުރަން މިޖެހެނީ ތިމާގެ ކުށްތައް އިޞްލާޙް ނުކުރާނަމަ ތިމާއަށް ޢަޒާބު ލިބޭނެތީއެވެ! ސުވަރުގެ ދިއުމަސްޓަކައި ތިމާއަށް ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވުމުން ތިމާއަށް ސުވަރުގެ ނުލިބިދާނެތީއެވެ! 

މީހަކަށް ކުށެއް ކުރެވޭކަން އެނގިއްޖެނަމަ ނަބޭޙަތް ދިނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ނަމަވެސް މީހުން ފަޟީޙަތް ކުރުމުގެ ބޭނުމުގައި މީހުންގެ ކުށް ހޯދަން މަސައްކަތްކުރުމަކީ ކުރެވޭ ފާފައެކެވެ. މުސްލިމުންނަށް އޮތީ އަޚުންގެ ކުށް ހޯދައި ފަޟީޙަތްކުރުމެއް ނޫނެވެ! އިޞްލާޙްވާން އެހީތެރިވެދިނުމެވެ.

އެއިގެ ކުރިއަށް ވެސް ގެންނަން ޖެހޭނީ ތިމާ އިޞްލާޙްވުމެވެ! ތިމާ ހެޔޮ ޢަމަލުތައް ކުރުމެވެ. ތިމާ ފާފަ ނުކުރުމެވެ. އެހެން މީހުން އިޞްލާޙްކުރުމުގެ މަސައްކަތް ގެންނަނީ އެއިގެ ފަހަތުންނެވެ! އެހެނީ ތިމާއަށް ސުވަރުގެ ލިބުމުން ވަނީ އެކަމަށްޓަކައި ތިމާ ކުރި މަސައްކަތަކުން ކަމުގައިވާތީއެވެ! ވީމާ ފުރަތަމަ ކަމަކަށް ތިމާއަށް ކުރެވޭ ކުށްތައް ދެނެގަނެ ތިމާ އިޞްލާޙްވާށެވެ! ތިމާއަކީ ހެޔޮ އަމަލުކުރާ މީހަކަށްވާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން