ޤިޔާމަތް ދުވަހު ފަޚުރުވެރިވާން ބޭނުންނަމަ ދުނިޔޭގަ އުފުލަން ޖެހޭ ތަކްލީފަށް ސާބިތުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޤިޔާމަތް ދުވަހު ފަޚުރުވެރިވާން ބޭނުންނަމަ ދުނިޔޭގަ އުފުލަން ޖެހޭ ތަކްލީފަށް ސާބިތުވާށެވެ!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ އާޚިރަތް ދުވަހު އޭނާގެ ހިސާބުތައް ބައްލަވައި ނިމިގެންދާއިރު އެމީހަކަށް ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ލިބުމެވެ. އެކަމަށް އޮތް މަގަކީ ﷲ ތައާލާއަށް ވަކީލުކުރުމުގައި ސާބިތުވުމެވެ. މުޞިބާތްތަކަށް ކެތްތެރިވުމެވެ. 

ދުނިޔޭގެ ޙަޔާތް މިކިޔަނީ އެންމެ ބޮޑު އިމްތިޙާނަށެވެ. ދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީ ވެސް އިމްތިޙާނެކެވެ. އުފާވެރިކަމަކީވެސް އިމްތިޙާނެކެވެ. ދަތިއުނދަގޫތަކަކީވެސް ހަމަ އިމްތިޙާނެވެ. އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. ހަމައެކަނި މިއާޔަތުންވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. 

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިޙާންކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ!" (އަލްބަޤަރާ: 155) 

މިއާޔަތުން އެނގިގެންދަނީ ކުރިމަތިވާ ކޮންމެ ދަތި އުނދަގުލަކީވެސް ހަމަ އިމްތިޙާނެއް ކަމެވެ. އެ އިމްތިޙާނުން ފާސްވާން ޖެހޭނެ ކަމެވެ. އެ އިމްތިޙާނުން ފާސްވުމުން ލިބިގެންދާނީ އުފާވެރިކަމުގެ ޚަބަރު ކަމެވެ. އަދި ހަމައެހެންމެ އުފާވެރިކަމުގެ ޚަބަރު ލިބުން ވަނީ ކެތްތެރިންނަށް ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ކޮންމެ ފަދަ މުޞީބާތެއް ކުރިމަތި ކުރެއްވެވި ނަމަވެސް ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! ސުވަރުގެ ވަދެވުމުން ދުނިޔޭގައި އުފުލަން ޖެހުނު ތަކްލީފްގެ މަތިން ހަނދާންވެސް ނުހުންނާނެއެވެ! އެކަން ވެގެންދާނީ ސުވަރުގޭގެ އަހުލުވެރިން އުފާކޮށް ފަޚުރުވެރިވާ ކަމަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން