ސުންނަތް ކުރަން އުނދަގޫވަނީ ބުރައިން ފަށާތީއެވެ! ލުއިކޮށް ފަށައި އިތުރުކުރުމުން އެއްވެސް ބުރައެއް ނުވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ސުންނަތް ކުރަން އުނދަގޫވަނީ ބުރައިން ފަށާތީއެވެ! ލުއިކޮށް ފަށައި އިތުރުކުރުމުން އެއްވެސް ބުރައެއް ނުވާނެއެވެ!

ކޮންމެ ކަމެއް ކުރަނީ ވެސް ﷲ ތައާލާއަށްޓަކައި ކަމުގައި ހަދާށެވެ! އެގޮތަށް ކުރަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށް އިސްލާމް ދީނުގައި އެކަމެއް ކުރުމަށް އޮންނަ އެންމެ ފުރިހަމަ ގޮތް ދަސްކުރާށެވެ! ފޮތައް ކިޔާށެވެ! ދީނީ ޢިލްމުވެރިންގެ ލަފާ ވެސް ހޯދާށެވެ! 

ހަމަ އެއާއިއެކު ކޮންމެ ކަމެއް ކުރުމުގައި ވެސް ޢަޒުމް ކަނޑައަޅަން ވާނީ އެކަމެއް ވީހައި ފުރިހައަށް ކުރުމެވެ. އަދި އެކަމަކީ ކޮންމެ ދުވަހަކު ކުރަން އޮތް އަޅުކަމެއް ނަމަ މަސައްކަތްކުރަންވީ ކޮންމެ ދުވަހަކުވެސް އެ ކަމެއް ކުރުންމަތީގައި ދެމިހުރުމަށެވެ. 

މިވެނި އަޅުކަމަކީ ކުރަން އުނދަގޫ ކަމަކަށްވެދާނެކަމަށް ބަލައި އެއްވެސް އަޅުކަމެއް ކުރުން ދޫކޮށްނުލާށެވެ! ނުވަތަ ނުކޮށް ނުހުންނާށެވެ! ކުރަން އުނދަގޫވީމާ ކުރާ އަދަދު މަދުކުރާނީއެވެ. މިސާލަކަށް ދަމު ނަމާދުގެ 8 ރަކްޢަތް ނުކުރެވޭނަމަ 2 ރަކްޢަތުން ފަށާށެވެ! ވިތުރިގެ 3 ރަކްޢަތް ކުރަން އުނދަގޫ ނަމަ 1 ރަކްޢަތުން ނަމަވެސް ފަށާށެވެ! ފަށައިގަނެ ކުރިއަށް ގެނދެވޭ ވަރަކުން އިތުރުކުރާށެވެ! އެއްވެސް ބުރައަކަށް ނުވާ ކުރާ ހިތުން ކުރަމުން ގެންދެވޭނެއެވެ. އިން ޝާ ﷲ 

އަޅުކަމެއް ކުރަން ފަށާއިރު ބަލަންވީ އެކަމެއް މިހާރުކުރަނީ ކިތައް މީހުން ނުވަތަ ކޮންބައެއްތޯއެއް ނޫނެވެ. ޔަޤީންކުރަންވީ އެއީ ޤުރްއާނާއި ސުންނަތުން ސާބިތު އަޅުކަމެއްތޯއެވެ. އެކަން ޔަޤީންކުރުމަށްފަހު ތިމާއަށް ކުރެވެން ހުރި ހުރިހާ އަޅުކަމެއް ވެސް ކުރާށެވެ! ވީއެންމެ ފުރިހަމައަކަށެވެ! ޤިޔާމަތް ދުވަހު ތިބާއަށް މަދުވާ ބައި ފޫބައްދައިދޭނީ ތިބާއަށް ކުރެވުނު ކޮން އަޅުކަމަކުން ކަމެއް ނުއެނގޭނެއެވެ. ވީމާ ވީހައި ގިނަ އަޅުކަން ކުރާށެވެ! އަދި ވީހައި ފުރިހަމައަށްވެސް ކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން