ކުރެވޭ ކުށްތަކަށް އިޢްތިރާފް ނުވާނަމަ އެ ބަންދުކުރެވެނީ ސުވަރުގެ ދެވެން އޮތް މަގެވެ. ކުރެވޭ ކުށް ނުވަތަ ފާފަ ނުކުރާ ކަމަށް ބުނުމުން އެހެދެނީ ދޮގެކެވެ. އެއީ ކުރެވޭ އިތުރު ފާފައެކެވެ. ވީމާ ފާފައެއް ކުރެވުނު ނަމަވެސް ޢާއިލާއަށް ކުށެއް ކުރެވުނު ނަމަވެސް އަދި އިޢްތިރާފްވެ އަވަހަށް މާފަށް އެދޭށެވެ!
ފާފައެއް ކުރެވިއްޖެ ނަމަ އޮތީ ވީހައި އަވަހަކަށް ތައުބާވެ ހެޔޮ އަމަލުކުރުން ގިނަކުރުމެވެ. ޢާއިލާއަށް ކުށެއް ކުރެވިއްޖެ ނަމަ ވެސް އަވަހަށް އިޢްތިރާފްވާށެވެ! އަދި ކުރެވުނު ކުށުގެ ބަދަލުގައި ހެޔޮކަމެއް ކޮށްދޭށެވެ! އެއިރުން ދާނީ ލޯބި އިތުރުވަމުންނެވެ. އިތުބާރުވެސް ބޮޑުވަމުންނެވެ.
ޢާއިލާއަށް ކުރެވޭ ކުށުގެ ތެރޭގައި އަނބިމީހާ ނުވަތަ ފިރިމީހާ ނުރުހޭ ކަންކަން ހިމެނެއެވެ. މަނާކޮށްފައިވާ ކަންކަން ހިމެނެއެވެ. ދެމަފިރިންނަށް އެކުގައި ލޯބިން ދިރިއުޅެވޭނީ އެކަކު މަނާކުރާ، ނުރުހޭ ކަންކަމަށް އަނެކަކުވެސް އިޙްތިރާމްކުރުމުންނެވެ. އެކަންކަން ނުކުރުމުންނެވެ.
ދެމަފިރިންގެ ލޯބި އިތުރުކުރަން ވެސް އެންމެ ފަސޭހަ އެއް މަގަކީ އެކަކަށް އަނެކަކު އިޙްތިރާމްކުރުމެވެ. ދިރިއުޅުމުގެ ކަންކަމުގައި ދެމީހުންނަކީވެސް ހަމަހަމަ ދެ މީހުންނެވެ. ޢާއިލާގެ އިސް މީހެއް ކަމުގައި ފިރިމީހާވުމަކީ އަނބިމީހާ ނުރުހޭ ކަންކަން ކުރަން ހުއްދަ ލިބޭ ސަބަބެއް ނޫނެވެ. "އިސް މީހާ" އެއީ ފިރިމީހާގެ ކިބައިގައި އޮންނަ މަސްއޫލިއްޔަތަށް ކިޔާނަމެކެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުގައި ނަމޫނާ ދައްކާށެވެ! އެއިރުން އަނބިމީހާގެ ކިބައިން ވެސް ދާނީ އެކަން ފެންނަމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން