ހިތާމައާއި އެކަނިވެރިކަމުގައި ވެސް މާތް ﷲ މަތިން ހަނދުމަ ކުރަމާތޯ!

ކިޔުމަށް ހޭދަވާނީ 2މ 39ސ
ހިތާމައާއި އެކަނިވެރިކަމުގައި ވެސް މާތް ﷲ މަތިން ހަނދުމަ ކުރަމާތޯ!

•          އަހަރެން ބުނީމެވެ.

"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާ މިވަނީ ނުހަނު ބޮޑު މުސީބާތެއްގައެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"...ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ..." (ޤުރްއާން 39:53)

 

•          އަހަރެން ބުނީމެވެ.

"ޔާ ﷲ. މިއަޅާ މިވަނީ މާޔޫސްވެފައެވެ.

- އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

"އެއުރެންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަ ކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަ ކުރުމުން ނޫން ހެއްޔެވެ؟" (ޤުރްއާން 13:28)

 

•          އަހަރެން ބުނީމެވެ.

"ޔާ ﷲ. ވަރަށް ގިނަ މީހުން މިއަޅާއަށް ދެރަ ދީފިއެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"...ތިޔަބައިމީހުން ޢަފޫކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (ޤުރްއާން 64:14)

 

•          އަހަރެން ބުނީމެވެ.

"ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ. މިއަޅާއަކީ އެކަނިވެރިއެއް ކަމުގައި މިއަޅާއަށް އިޙުސާސް ވެއެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"..އަދި އޭނާގެ ނަފްސު އޭނާއަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެ ވޮޑިގަތުން ބޮޑެވެ." (ޤުރްއާން 50:16)

 

•          އަހަރެން ބުނީމެވެ.

"ޔާ ﷲ. މިއަޅާގެ ފާފަތައް ނުހަނު ގިނަގުނައެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"... ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކު ހެއްޔެވެ؟..." (ޤުރްއާން 3:135)

 

•          އަހަރެން ބުނީމެވެ.

"ޔާ ﷲ. މިއަޅާ ދޫކޮށް ނުލައްވާފާނދޭވެ!"

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަ ކުރައްވާ ހުށީމެވެ..." (ޤުރްއާން 2:152)

 

•          އަހަރެން ބުނީމެވެ.

"ޔާ ﷲ. ދިރިއުޅުމުގައި މިއަޅާއަށް ވަރަށް ގިނަ ދަތި އުނދަގޫތަކާއި އެބަ ކުރިމަތިވެއެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"... އަދި ﷲ އަށް ތަޤްވާވެރިވާ މީހާ ދަންނާށެވެ. އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ." (ޤުރްއާން 65:2)

 

•          އަހަރެން ބުނީމެވެ.

"ހައްދަވާ ބޮޑުކުރެެއްވި ރަސްކަލާކޯ. މިއަޅާ ފުރިހަމަ ކުރަން ބޭނުންވާ ވަރަށް ގިނަ ހުވަފެންތަކެއް ވެއެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"... ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާ ހުށީމެވެ..." (ޤުރްއާން 40:60)

 

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

"ތިމަންރަސްކަލާނގެ ޤުރްއާނުން މުޢުމިނުންނަށް ރަޙްމަތާއި ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ..." (ޤުރްއާން 17:82)

މިއަދު އޮންލައިން