ސަޖިދަ ފުރިހަމަ ވާނީ 7 ގުނަވަންމަތީގަ ކުރުމުން! ނަމާދަށް ހުންނައިރު ގަމީހާ ފަޓުލޫނު އޮޅުން ވަނީ މަނާކުރައްވަވާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަޖިދަ ފުރިހަމަ ވާނީ 7 ގުނަވަންމަތީގަ ކުރުމުން! ނަމާދަށް ހުންނައިރު ގަމީހާ ފަޓުލޫނު އޮޅުން ވަނީ މަނާކުރައްވަވާފަ!

"ތިމަން ކަލޭގެފާނަށް އަމުރުވެވިގެންވަނީ 7 ގުނަވަން މަތީގައި ސަޖިދަ ކުރެއްވެވުމަށެވެ. (އެ 7 ގުނަވަނަކީ) ނިތްކުރިއާއި – އަދި އެކަލޭގެފާނުގެ އަތްޕުޅުން ނޭފަތަށް އިޝާރާތް ކުރެއްވެވިއެވެ. ދެއަތާއި ދެ ކަކުލާއި ދެފައިތިލައެވެ. އަދި އަހަރެމެންނަށް އަމުރުވެވިގެންވަނީ، (ނަމާދުކުރާއިރު) އިސްތަށިގަނޑު ނުއެއްސުމަށާއި ހެދުން ބޮނޑި ނުކުރުމަށެވެ." (ޞަޙީޙް: ބުޚާރީ: 812)

- ޙަދީޘް ރިވާ ކުރެއްވެވީ ޢަބްދުﷲ ބުން ޢައްބާސް (ރޢ) 

މި ޙަދިޘްފުޅުން އެނގިގެންދަނީ ސަޖިދަކުރާއިރު ނިތްކުރި ޖައްސާއިރު ނޭފަތުކުރިވެސް ބިންމަތީގައި، ތަޅުމުގައި ޖެހެން ޖެހޭނެ ކަމެވެ. އަދި ހެދުން ބޮނޑިކޮށްގެން ނުވާނެ ކަމެވެ. 

ނަމާދުކުރާއިރު ގަމީހުގެ އަތުކުރި އާއި ފަޓުލޫނުގެ ފައިކުރި އޮޅުން ފަދަ ކަންކަން ކުރުމަކީ ހެދުން ބޮނޑިކުރުމުގެ ތެރޭގައި ހިމެނިދާނެ ކަމަށްޓަކައި ބައެއް ޢިލްމުވެރިން އެކަން މަނާ ކުރައްވައެވެ. އެއީ އެކަމުގެ ސަބަބުން ނަމާދުގެ ސަވާބުން ބައެއް އުނިވާނެ ކަމަށްޓަކައެވެ. ނަމާދުން ލިބެން އޮތް ފުރިހަމަ ސަވާބު ލިބިގަތުމަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

(ރާއްޖޭގެ ދީނީ ޢިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ފަދަ ޢިލްމުވެރިންވެސް ފަތުވާ ދެއްވާފައިވަނީ މިފަދައިންނެވެ.)

މިއަދު އޮންލައިން