އަބްރާއް (ރޢ) ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލް (ޞޢވ) سمع الله لمن حمده ވިދާޅުވެއްޖެ ނަމަ ތިމަންމެންގެ އެއްވެސް މީހަކު ރަސޫލް (ޞޢވ)ގެ ނިތްކުރިފުޅު ބިންމަތީގައި ޖައްސަވަންދެން އެމީހާގެ ބުރަކަށި ލަނބައިނުލާނެތެވެ." (ޞަޙީޙް ބުޚާރީ: 811)
އަބްރާއްގެ މި ބަސްފުޅުން އެނގިގެންދަނީ ރަސޫލް (ޞޢވ) سمع الله لمن حمده ވިދާޅުވެ އިޢްތިދާލަށް ތެދިވެވަޑައިގެންފިނަމަ މައުމޫމުންވެސް ތެދުވެވަޑައިގަންވާކަމާއި އަދި މައުމޫމުން ސަޖިދައަށް ވަޑައިގަތުމަށް ގުދުވެވަޑައިގަންނަވަނީވެސް ރަސޫލް (ޞޢވ) ސަޖިދައަށް ވަޑައިގެން ނިތްކުރިފުޅު ބިންމަތީގައި ޖެއްސެވުމުން ކަމެވެ.
ވީމާ މައުމޫން ސަޖިދައަށް ދިއުމުގައި ޢަމަލުކުރަން ޖެހޭނީ މިގޮތަށެވެ!
އިމާމް މީހާގެ ކައިރިއަށް ތިބޭ ބައަކަށް ނޫނީ އިމާމް މީހާގެ ޙަރަކާތްތަކެއް ނުފެންނާނެއެވެ. ވީމާ އިމާމް މީހާއަށް އޮތީ ސަޖިދައަށް ދާން ކިޔާ ތަކްބީރު ނިމޭއިރު ނިތްކުރި ބިންމަތީގައި ޖެއްސޭނެ މިންވަރަށް ޙަރަކާތް ކުރުމެވެ. އަދި މައުމޫމުންނަށް އޮތީ އިމާމް މީހާގެ ތަކްބީރުގެ އަޑު ނިމެންދެން މަޑުކޮށްލުމަށްފަހު ސަޖިދައަށް ދިއުމަށް ޙަރަކާތް ކުރުމެވެ.