ރަމަޟާން މަސް އަންނަނީ ގާތްވަމުންނެވެ. ރަމަޟާން މަސް އައުމުން ކީރިތި ޤުރްއާން ކިޔަވަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެންމެ މަދުން ޚަޠިމެއް ކުރަން ވެސް އެދޭނެއެވެ! ނަމަވެސް އެކަމަކީ ރަމަޟާން މަސް އައުމުން ކުރަން ފަށައިގެން ކުރަން އެހައި ފަސޭހަކަމަކަށް ގިނަ ބައަކަށް ނުވެދާނެއެވެ!
އެއީ ގިނަ ބައަކަށް ކީރިތި ޤުރްއާން ކިޔެވުމާއި ދުރުހެލިވެވިގެން އުޅެވޭތީއެވެ. ވީމާ އަވަހަށް ތަމްރީނު މަސައްކަތް ފަށާށެވެ! މަދުވެގެން ދުވާލަކު އެންމެ ޞަފްޙާއެއް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ!
ތަޖުވީދުމަގުން ކިޔަވަން މަސައްކަތްކުރާށެވެ! އެއީ މިހާރު ކުރަން އެހައި އުނދަގޫ ކަމެއް ނޫނެވެ. އަމިއްލަ ފޯނު މެދުވެރިކޮށްވެސް ދަސްކުރެވިދާނެއެވެ. އެދުވަހަކު ކިޔަވަން ޤަޞްދުކުރާ މިންވަރު ކިޔެވުމުގެ ކުރިން އެމީހަކު ހިތް ހަމަޖެހޭ، އެންމެ ރީތި ރާގަށް ކިޔަވާ ޤާރީއެއްގެ ކިޔެވުމުގެ އަޑުން އެ އާޔަތްތައް އަޑުއަހައިލާށެވެ!
ކީރިތި ޤުރްއާން ކިޔަވާއިރު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަން ވެވޭނެ ދެކަމެއް ވެއެވެ. އެއީ ތަޖުވީދުމަގުން ކިޔެވުމާއި ކިޔަވާ އާޔަތްތަކުގެ މާނައެނގުމެވެ. ވީމާ ދުވާލަކު ކިތަންމެ މަދު އާޔަތް ކިޔެވުނު ނަމަވެސް ފުރަތަމަ ކަމަކަށް ތަޖުވީދު މަގުން ކިޔަވަން މަސައްކަތްކުރުމާއިއެކު ކިޔެވޭ އާޔަތްތްކުގެ މާނަ ކިޔައިލާށެވެ!
ރީތިކޮށް ކިޔަވާ މަޝްހޫރު ޤާރީން ކިޔަވާ އަޑު ގިނައިން އެހުމަކީ ވެސް ތަޖުވީދު މަގުން ކިޔަވަން ދަސްވާ ކަމެކެވެ. ވީމާ ނިދާއިރުވެސް އަދި އެނޫން ވެސް ހުސްވަގުތުތަކުގައި އަޑުއަހާށެވެ! ކީރިތި ޤުރްއާނަށް ސަމާލުކަން ދީގެން އަޑުއެހުމަކީވެސް ސަވާބު ދެއްވަވާނެ ކަމެކެވެ! އިން ޝާ ﷲ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން