މެންދުރު ނަމާދަށް ބަންގިގޮވާއިރު މިސްކިތުގައި ހުރެވިއްޖެ ނަމަ މެންދުރު ނަމާދާ އެރޭ އަޅުކަން ކުރުމުގެ ޘަވާބު ހޯދިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މެންދުރު ނަމާދަށް ބަންގިގޮވާއިރު މިސްކިތުގައި ހުރެވިއްޖެ ނަމަ މެންދުރު ނަމާދާ އެރޭ އަޅުކަން ކުރުމުގެ ޘަވާބު ހޯދިދާނެ!

މެންދުރު ނަމާދާއިއެކު ރޭ އަޅުކަން ކުރުމުގެ ފުރުޞަތު ވަރަށް ފަސޭހައިން  ހޯދެން އެބައޮތެވެ. ﷲ ތަޢާލާ މިވަނި ޘަވާބު ގިނައިން ލިބިގަންނަން އެދޭ މީހާއަށް އެކަމުގެ މަގުތައްވެސް ފަހިކޮށް ދެއްވަވައިފައެވެ. 

ޙަދީޘްފުޅުގައި އޮތީ މެންދުރު ނަމާދުގެ ކުރިން ކުރަން އޮތް ރަވާތިބް ސުންނަތުގެ 4 ރަކްޢަތް ކޮށްފިމީހާ ރޭއަޅުކަން ކުރުން ފަދަ ކަމަށެވެ. 

ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! މެންދުރުނަމާދަށްދާ މީހާ ނަމާދުގެ ކުރިން ރަވާތިބް އިހު ސުންނަތުގެ 4 ރަކްޢަތް ކޮށްލުމުން އެކަމުގެ މަތިވެރި ޘަވާބުގެ އިތުރުން އެ ދެއްވަވަނީ ރޭ އަޅުކަންކުރުމުގެ ޘަވާބެވެ! 

މި މަތިވެރި ނިޢްމަތް ލިބިގަންނަން އެންމެ ފަސޭހަވާނީ މެންދުރު ނަމާދަށް ބަންގިގޮވައި ނިމޭއިރު މިސްކިތުގައި ހުރުމެވެ. ފަހުން އަރާ ހަމަ މަދުމީހަކަށް ނޫނީ އޮންނަނީ ރަވާތިބް ސުންނަތުގެ އެންމެ 2 ރަކްޢަތްވެސް ކޮށް ނުލެވިފައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މެންދުރު ނަމާދުގެ ވަގުތާއިވެސް އެހެން ނަމާދުތަކުގެ ވަގުތުތަކާއިވެސް ބައްދަލުކުރަންވީ ބައްދަލުވުމުން ސިއްސައިގެންދާ އުޞޫލަކުން ނޫނެވެ. ބަންގީގެ އަޑަށް ސިއްސައިގެން ދާން ނުޖެހޭނެ ގޮތަށެވެ. އެއީ ކުރިއާލައި އެކަމަށް ވަގުތު ހުސްކޮށްގެން ހުރުމެވެ. ދުވަހުގެ އެންމެ މުހިންމު އެޕޮއިންޓްމަންޓްތަކަކީ ކޮންމެ ދުވަހަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮންމެހެން ހުއްޓި ހުންނަން ޖެހޭ 5 ވަގުތު ކަމުގައި ހަދާށެވެ!  

ފަރުޟު ނަމާދުތައް ކުރުމުގެ އިތުރަށް ނުހަނު ފަސޭހައިން ހޯދެން ހުރި މި ފަދަ ބޮޑެތި ފައިދާތައް ޙާޞިލުކުރެވެމުންދާނީ އެއިރުންނެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން                                                                                                                                        

 

 

މިއަދު އޮންލައިން