އަޅުކަން ކުރަން ފަށައިގަންނަ މީހާ އެއްފަހަރާ ހުރިހާ އަޅުކަމެއް ކުރަން ފަށަން ނުވިސްނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަޅުކަން ކުރަން ފަށައިގަންނަ މީހާ އެއްފަހަރާ ހުރިހާ އަޅުކަމެއް ކުރަން ފަށަން ނުވިސްނާށެވެ!

އަހަރެމެންގެ މިއަދުގެ ޙާލަތު ހުރި ގޮތުން އެންމެ ޒުވާން އުމުރުން ފެށިގެން އަޅުކަން ކުރުމުގައި ސާބިތުވެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ މީހުންނަށް އަޅުކަންކުރަން ސަމާލުކަން ދެވެނީ އުމުރުން ވަރަށް ބޮޑުބައެއް ފާއިތުވުމުންނެވެ. މިއީ މިކަން އޮންނަންވީ ގޮތް ނޫން ނަމަވެސް މިކަން މެދުވެރިވަމުން ދަނީ މިފަދަ ގޮތަކަށެވެ. 

އެހެންކަމުން އަޅުކަން ކުރުމަށް ޝައުޤުވެރިވެ އަޅުކަންކުރަން ފަށާއިރު އެއް ފަހަރާ ހުރިހާ އަޅުކަމެއް ކުރަން ފަށަން ނުވިސްނާށެވެ! އެކަން ތަކްލީފަކަށްވެ ފޫހިވެވޭ ގޮތްވެސް މެދުވެރިވެދާނެއެވެ. 

މިސާލަކަށް ފުރަތަމަ ފަރުޟު 5 ނަމާދަށް އިސްކަންދޭށެވެ. އެއަށްފަހު ރަވާތިބު ސުންނަތަށް ސަމާލުކަންދޭށެވެ! އެއަށްފަހު ރަވާތިބު ސުންނަތް ނޫން ނަމާދުތަކަށް އިސްކަން ދޭށެވެ! ދަމު ނަމާދުވެސް ހިމަނާށެވެ! 

ސުންނަތް ރޯދް ހިފަން ފަށާއިރުވެސް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފަން އާދަވުމުން މަހުގެ 13،14،15 ގައި ވެސް ރޯދަހިފަން ފަށާށެވެ! 

ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވަން މަސައްކަތް ކުރާށެވެ. ކޮންމެ ނަމާދަކަށްފަހު މިސްކިތުން ނުކުތުމުގެ ކުރިން އެންމެ 10 ވަރަކަށް އާޔަތް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ! އެގޮތަށް ފަށައިގެން މުޅި ދުވަސްމަތިން ފޮތެއް ކިޔަވައިލެވޭ ވަރަށް ކިޔެވޭނަމަ އެއީ ވެސް ވަރަށް ބޮޑުވަރެކެވެ. 

އަޅުކަމަށް ފަށައިގަންނަ ދުވަސްވަރު ދަރުސްތައް އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ވީވަރަކުން ދަރުސްތައް އަޑުއަހާށެވެ. އެކަމުގެ ސަބަބުން އީމާންކަން ދިރި އިތުރުވުމަށް ބޭނުންވާ ކާނާ ލިބޭނެއެވެ. އަޅުކަން ކުރުން އިތުރުކުރަން ހިތްވަރު ލިބޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން