އިޒްމީލާ ވަޒީފާއަކަށް އެދި 300 އަށްވުރެ ގިނަ ތަންތަނަށް އޮތީ ސިޓީ ފޮނުވައިފައެވެ. އެއިގެ ތެރެއިން 103 ތަނަކުން އިންޓަވިޔުކޮށްފިއެވެ. ނަމަވެސް ވަޒީފާއެއް ލިބޭނެ ގޮތެއް އަދި ނުވެއެވެ.
އިޒްމީލާ ގޮވައިގެން ކޮންމެ ތަނަކަށް ވެސް އިންޓަރވިޔުއަށް ދަނީ ދައްތަ ޚާލިދާއެވެ. ޚާލިދާ އެންމެ ހައިރާންވާ އެއްކަމަކީ އެއްވެސް ތަނަކުން ވަޒީފާ ނުލިބޭއިރުވެސް އިންޓަރވިޔުއަށްފަހު ކޮއްކޮ ނުކުންނައިރު ހަމ ހެވިފައި ހުންނާތީއެވެ. އެހެންވެ 103 ވަނަ ތަނުން ނުކުމެގެން އައިސް އެ އިމާރާތުގެ ތިރީގައި ހުރި ކެފޭއަކުން ފިނިއެއްޗެއް ބޯން ތިބެފައި ކޮއްކޮއާއި އެކަމާއިބެހޭގޮތުން ސުވާލުކޮށްލިއެވެ.
"ކޮއްކޯއެވެ؟ މިއަދުގެ އިންޓަރވިޔު ކިހިނެއް ހެއްޔެވެ؟ އެއްވެސް އުންމީދެއް އެބައޮތް ހެއްޔެވެ؟ ކޮންމެ ބައްދަލުވުމަކުން ތިއަ ނުކުންނަނީ ހަމަ ހެވިފައި ހުރެގެންނެވެ. މިހާރު 100 އަށްވުރެ ގިނަ ތަނަށް އިންޓަރވިޔުއަށް ދެވުނީ ނޫން ހެއްޔެވެ؟"
ޖަވާބުގައި ބުންޏެވެ. "ދައްތާއެވެ! ކޮންމެ ތަނެއްގައިވެސް އަހަރެން ފޭލްވެފައެއް ނޯންނާނެއެވެ! ފެންވަރާއި ހުނަރަށް ބަލައިގެން ވަޒީފާ ދޭނަމަ އަހަރެންނަށް ވަޒީފާ ނުދޭންވީ އެއްވެސް ސަބަބެއްވެސް ނުއޮންނާނެއެވެ. ހެވިގެން ހުންނަނީ 2 ސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބަކީ އިންޓަރވިޔުއިން ފާސްވި ކަމުގެ ޔަޤީންކަން އޮތުމެވެ. ދެވަނަ ކަމަކީ އެކަމަށް އަހަރެންނަށް ކުޅަދާނަކަން މިންވަރު ކުރެއްވެވި ﷲ، އަހަރެންނަށް ރަނގަޅު ގޮތެއް މެދުވެރިކުރައްވަވާނެ ކަމުގެ ޔަޤީންކަން އޮތުމެވެ. ވީއިރު ދެރަވާންވީ ކީއްވެގެން ހެއްޔެވެ؟ ކުރިން ވަޒީފާ އަދާކޮށްގެން ލިބުނު މުސާރައިން އަދިވެސް 500 ރިޔާލަ އެކައުންޓުގައި އެބަހުއްޓެވެ. ކަންބޮޑުވާންޖެހޭނީ އެ ހުސްވާއިރަށް ވަޒީފާއެއް ނުލިބުނު ނަމަ ނޫން ހެއްޔެވެ؟ އެ ހުސްވެއްޖިއްޔާ ދައްތަމެން އަހަރެންނަށް އެހީ ނުވާނީ ހެއްޔެވެ؟ އަހަރެން އަބަދުވެސް ﷲ އަށް ވަކީލް ކުރަމެވެ! ﷲ އަށް އަޅުކަން ފުރިހަމައަށް ކުރަމުން ވަކީލުކުރާ އަޅުންނަށް ދެރަ ގޮތެއް މިންވަރު ނުކުރައްވަވާނެކަން އަބަދުވެސް ޔަޤީންކުރަމެވެ."
ކޮއްކޮގެ ސާބިތުކަން އެނގުމުން ބުނާނެ ބަހެއްވެސް ނުއެނގިފައި ދައްތަ ހަމަ އަނގައިވެސް ނުބުނެ އިނީއެވެ.
އެވަގުތު މޭޒުކައިރިއަށް އައި ޒުވާނަކު ވަރަށް އަދަބުވެރިކަމާއިއެކު އެދުނީ އެ މޭޒުގައި އިށީނދެ ވާހަކަދައްކައިލުމުގެ ފުރުޞަތަކަށެވެ. ފުރުޞަތު ދިނުމުން އިށީނދެފައި ޒުވާނާ ބުންޏެވެ!
"ތިއައީ ކޮން ކުދިންނެއް ކަމެއް ނުއެނގެއެވެ. ނަމަވެސް ތިއަ ދެކެވުނު ވާހަކަ އަޑުއެހުމުން ވައްކަންކުރެވިއްޖެއެވެ! މިއޮތީ އަހަރެންގެ ކާޑެވެ! މާދަމާ ހެނދުނު 10 އަކާއި 11 އާއި ދެމެދު ބައްދަލުކޮށްލާށެވެ! ފަހަރެއްގައި ތިއަ ކަމުގައި އެހީތެރިކަމެއް ފޯރުކޮށްދެވިދާނެއެވެ!"
ޖެހިގެން އައި ދުވަހު ކާޑުގައިވާ އެޑްރެހަށް ދިއުމުން ބައްދަލުކުރީ ކާޑު ދިންމީހާގެ އަނބިމިހާއެވެ. އިޒްމީލާގެ ސީވީ ބެލުމަށްފަހު ވަގުތުން ވަޒީފާ ހަމަޖައްސައިދިނެވެ. ދިނީ ކުންފުނީގައި އޭނާގެ ސެކެޓްރީއެއްގެ މަޤާމެވެ! ޕްރޮބޭޝަން މުއްދަތަކާއިވެސް ނުލައި ހަމަ މުސާރައިން ފެށޭ ގޮތަށެވެ.
މިހިރީ ޢިބްރަތްތެރި ފިލާވަޅުތަކެވެ! ޢިބްރަތް ޙާޞިލްކުރާށެވެ! އަހަރެމެން ކޮންމެ މީހަކުވެސް ވާންވީ އިޒްމީލާއަކަށެވެ! ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ މަގުގައި ސާބިތުވާންވީއެވެ! އަޅުކަންކުރުން އިތުރުކުރަންވީއެވެ! އެއަށްފަހު ﷲ ތަޢާލާއަށް ވަކީލުކުރަންވީއެވެ. ރަޙްމަތް އެމީހަކަށް އޮހިގެންދާނެ ގޮތް ޚިޔާލަށްވެސް ނުގެނެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން