އާޚިރަތް ލިބޭނީ ޙަޤީޤީ ރައްޖާލުންނަށެވެ! ފިރިހެނެއްގެ ގޮތުގަ އުފަންވުމަކީ އެއްވެސް މަތިވެރިކަމެއް އޮތް ކަމެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އާޚިރަތް ލިބޭނީ ޙަޤީޤީ ރައްޖާލުންނަށެވެ! ފިރިހެނެއްގެ ގޮތުގަ އުފަންވުމަކީ އެއްވެސް މަތިވެރިކަމެއް އޮތް ކަމެއް ނޫނެވެ!

ބައެއް ފިރިހެނުން އެމީހުންނަކީ ފިރިހެނުން ކަމުގައިވީތީ ފަޚުރުވެރިވެއެވެ. އެއީ ލިބިފައިވާ ވަރަށް ބޮޑު ފަޚުރަކާއި މަތިވެރިކަމެއް ކަމަށް ޤަބޫލުކުރެއެވެ. ބާރުވެރިކަމެއް ކަމަށް ދެކެއެވެ. ނަމަވެސް އެއީ އެފަދަ އެއްވެސް ކަމެއް ނޫނެވެ. 

ބައެއް އިންސާނުން ފިރިހެނުންގެ ގޮތުގައި އަނެއް ބައަކު އަންހެނުންގެ ގޮތުގައި އުފަން ކުރައްވަވަނީ ﷲ ތަޢާލާއެވެ. އެއްވެސް މީހަކު ފިރިހެނެއްގެ ގޮތުގައި އަދި އަންހެނެއްގެ ގޮތުގައި ވެސް އުފަންވަނީ ﷲ ތަޢާލާ އެގޮތުގައި އުފަން ކުރެއްވެވުމުންނެވެ. 

މީސްތަކުންނޭވެ! މީސްތަކުންނަށް ކީރިތި ޤުރްއާނުގައި ކަންކަމަށް އަމުރުފުޅު ކުރައްވަވާފައިވާއިރު ފިރިހެނުންނަށް ނިޞްބަތް ކުރައްވަވައި ވަޙީ ކުރައްވަވާފައިވެއެވެ. ނަމަވެސް އެ އަމުރުފުޅުތަކަށް އަންހެނުންވެސް ޢަމަލުކުރަން ޖެހެއެވެ. ހުރިހާ އެންމެން ޢަމަލުކުރަން ޖެހެއެވެ. މިކަމުން ވެސް އެނގިގެން މިދަނީ "ފިރިހެން" މިނަމުން އެންމެހައި މީސްތަކުންނަށް ނިސްބަތްކުރައްވަވާފައިވާ ކަމެވެ. ވީމާ ފިރިހެނެއްގެ ގޮތުގައި އުފަން ކުރައްވަވާފައިވުމަކީ ވަކި ޚާއްޞަކަމެއް އެ ކަމުން ލިބޭ ކަމެއް ނޫނެވެ. 

ސުވާލަކީ ތިބާ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނާނެ ގޮތެކެވެ. ފިރިހެނެއްގެ ގޮތުގައިތޯއެވެ. އަންހެނެއްގެ ގޮތުގައިތޯއެވެ؟ ނޫނީ ހެޔޮލަފާ ތަޤްވާވެރި ޞާލިޙް ޢަމަލުތައް ކުރާ މީހެއްގެގޮތުގައިތޯއެވެ؟ 

ރައްޖާލުގެ ލަފްޒީ މާނައަށް ބަލައިފިނަމަ އެއީ ފިރިހެނުންނަށް ކިޔާ ނަމެކެވެ. ފިރިހެނެއްގެ ކިބައިގައި ހުންނަން ޖެހޭ ފިރިހެންވަންތަކަން ހުރުމުން ރައްޖާލް ކިޔައެވެ. މިޒަމާނުގައި ރައްޖާލަކަށްވަނީ ބޮކްސިންގ ތެޅުމަށާއި ރެސްލިން ކުރަން އެނގޭ، މޮޅަށް ވާހަކަ ދައްކައި އެމީހާގެ ބަސްވިއްކަން އެނގުމުންނެވެ. 

ނަމަވެސް އަހަރެންގެ ކުރިމަތީގައި ޙަޤީޤީ ރައްޖާލުންނަކީ ފިރިހެނެއްގެ ކިބައި ހުރުމަށް އިސްލާމް ދީނުގައި ބަޔާން ކުރައްވަވާފައިވާ ޝަރުޠުތައް ފުރިހަމަވާ މީހުންނެވެ! ތަޤްވާވެރިކަމާއި އަޅުކަންކުރުމުގައި ސާބިތު މީހުންނެވެ. ގޭތެރޭގެ ދިރިއުޅުމުގައިވެސް އަދި ޢާއިލީ ދިރިއުޅުމުގައި ފިރިހެނަކަށްވީތީ ފުއްޕާފައި އުޅުމުގެ ބަދަލުގައި ހިތްތިރިކޮށް ފިރިހެނުންގެ މަސްއޫލިއްޔަތު އިސްލާމް ދީނުގައި އޮތް ގޮތަށް އަދާކުރާ މީހުންނެވެ.  

ވީމާ ޙަޤީޤީ ރައްޖާލަކަށްވާށެވެ! ޤިޔާމަތް ދުވަހު ﷲ ތައާލާގެ ޙަޟްރަތުގައި ހުއްޓި ހުންނައިރު އެއްވެސް މަތިވެރިކަމެއް ލިބުން އޮތީ އެއިރުންނެވެ! 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން