ގަހެއް އިންދާއިރު އެގަހުން ލިބޭނެ ގޮވާމުގެ އަދަދު ނޭނގޭނެ ފަދައިން ޞަދަޤާތް ކުރުމުން ދެއްވަވާނެ ސަވާބު ވެސް ނުއެނގޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގަހެއް އިންދާއިރު އެގަހުން ލިބޭނެ ގޮވާމުގެ އަދަދު ނޭނގޭނެ ފަދައިން ޞަދަޤާތް ކުރުމުން ދެއްވަވާނެ ސަވާބު ވެސް ނުއެނގޭނެއެވެ!

ޞަދަޤާތެއް ދޭންވުމުން އެކަމާއިމެދު ވިސްނައި ބޯގޮއްވަން ނުހަދާށެވެ! އެއީ އެއްވެސް ވަރަކަށް ވިސްނަން ޖެހޭ ކަމަކަށް ނުހަދާށެވެ! އެއީ އެއްވެސް ވަރަކަށް ވިސްނަން ޖެހޭ ކަމެއް ނޫނެވެ! 

އެކަން ކޮށްދެވެން އޮވެ ޞަދަޤާތެއް ކުރަން ފުރުޞަތު ލިބިއްޖެ ނަމަ އެކަމަށް އަވަސްވެގަންނާށެވެ! ﷲ ތަޢާލާގެ ހަޟްރަތުން ރަހްމަތަށް އެދެމުން އަވަހަށް ފުރުޞަތުގެ ބޭނުން ހިފާށެވެ. ޞަދަޤާތެއް ކުރަން ފުރުޞަތު ލިބި ނުކުރުމަކީ މީހަކަށް ގެއްލުވައިލެވޭނެ އެންމެ ބޮޑު ފުރުޞަތެވެ! 

ﷲ ތަޢާލާގެ މަގުގަ ހޭދަކުރުމުން އިތުރުކޮށްދެއްވަވާނެ މިންވަރު އެއީ އެނގޭނެ އެއްޗެއް ނޫނެވެ. އެހެނީ ޞަދަޤާތަކީ އިންދޭ އޮށެކެވެ. އެއޮށުން ގަސްފަޅައި ހެދި ބޮޑުވެ އަޅާނީ ކިތައް ކުރާގަނޑުކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! 

ﷲ ތަޢާލާގެ މަގުގައި ކުރާ ކޮންމެ ޢަމަލަކަށް ޙައްޤު ޖަޒާ މިންވަރުކުރައްވަވާނެއެވެ! ބައެއް ފަހަރު މިދުނިޔޭގައިވެސް އެކަމުގެ ނިޢްމަތްތައް ލިބިގެންދާނެއެވެ. މިދުނިޔޭގައި ނުލިބުނު ނަމަ ޢާޚިރަތް ދުވަހު ދެއްވަވާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ! 

ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއިއެކު ޞަދަޤާތްކުރުމަކީ ފާފަތައް ފުހެވުމަށް ވެސް އޮތް އެންމެ ފަސޭހަ އެއް މަގެވެ! ވީއިރު ތިމާގެ ފާފަތައް ފުހެވިގެންދާނެ އަމަލެއް ކުރަން އަވަސްވެ ނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟ އަބަދުވެސް ބުނާ ފަދައިން ޞަދަޤާތް ކުރުމުން އަތްމަތި ދަތިވެދާނެ ކަމަށް ބިރުގަންނަންވީ ކީއްވެގެން ހެއްޔެވެ؟ ތިބާ ތިއަ ހޭދަކުރަނީ އަތްމަތި ތަނަވަސްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތް، ﷲ ތަޢާލާގެ މގުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން